ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގެ ދެވަނަ މެޗުގައި ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗުގައި ޖަރުމަނު ކުޅުނުގޮތަށް ކުޅެވޭނެ ވަރަށް މަދު ޓީމަކަށް ކަމަށް އެމެޗުން އެޓީމު މޮޅުވި ލަނޑު ޖެހި ޓޯނީ ކްރޫސް ބުނެފިއެވެ.
މި މެޗާއި ޖަރުމަނު ކުރިމަތިލިއިރު ވާރލްޑް ކަޕްގައި އެގައުމު ކުޅުނު އެންމެ ފުރަތަމަ މެޗުން ބަލިވެފައި އޮތުމާއެކު ގްރޫޕް ފިޔަވަހިން ކެޓުމުގެ ބިރު އޮތެވެ. އެހެން ނަމަވެސް ސްވިޑެން އާއި ދެކޮޅަށް ކުޅުނު މެޗުން ޖަރުމަނު މޮޅުވީ ފަހު ވަގުތު ކްރޫސް ޖެހި ލަނޑުންނެވެ. މި މޮޅާއެކު ވާރލްޑް ކަޕްގައި އިތުރަށް ކުރިޔަށް ދިޔުމަށް ޖަރުމަނަށް ވަނީ ފުރުސަތު ހުޅުވިފައެވެ.
މެޗުގައި ސްވިޑެންއިން ޖެހި ލަނޑު އެޓީމުން ޖެހީ ކްރޫސް އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ކަމަށްވާއިރު އޭނާ ވަނީ ފަހު ވަގުތު ލަނޑު ޖަހާ މި ގޯސް ރަނގަޅުކޮށްފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ކްރޫސް ބުނީ މެޗުގައި ލިބުނު ރަނގަޅު ފުރުސަތުތައް ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައިނުވާ ކަމަށާއި މެޗެއްގައި 400 ޕާސް ކުރުމަށްފަހު ކުރެވޭ އެންމެ ގޯސް ޕާހެއްގެ ވާހަކަ މީހުން ދައްކާ ކަމަށެވެ. އޭނާ ބުނީ ގޯހެއް ހެދުމަށްފަހު ދެވަނަ ހާފުގައި ކުޅެން އަރާ ޖަރުމަނުގެ ފަރާތުން ފެނުނީ މުޅިން ތަފާތު ކުޅުމެއް ކަމަށާއި އެފަދަ ކުޅެމެއް އެހެން އެއްވެސް ޓީމަކަށް ކުޅެވޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
ކްރޫސް ބުނީ މީހުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާވެފައި އޮތް ދަނޑިވަޅެއްގައި ކުރިޔަށް ފިޔަވަޅެއް އެޅުމަކީ ލިބޭ ހިތްވަރެއް ކަމަށާއި މިއީ ވަރަށް ބުރަ މަސައްކަތުން ހޯދުނު ކާމިޔާބެއް ކަމަށެވެ.
މި ގްރޫޕުން ދެވަނަ ބުރުގެ ޖާގައެއް މެކްސިކޯ ގާތްގަނޑަކަށް ކަށަވަރުކޮށްފައިވާއިރު ޖަރުމަނަށް ދެވަނަ ބުރަށް ދެވޭނީ ކުރިޔަށް އޮތް މެޗު ކާމިޔާބުކޮށް ސްވިޑެން ކުޅޭ މެޗުން އެޓީމު ބަލިވެގެން ނުވަތަ އެއްވަރުވެގެންނެވެ. ހަމައެހެންމެ ސްވިޑެންއަށް ދެވަނަ ބުރަށް ދެވޭނީ ޖަރުމަނު ކުޅޭ މެޗުން ބަލިވެ ނުވަތަ ޖަރުމަނު އެއްވަރުވެގެންނެވެ. ދެ ޓީމު ވެސް މޮޅުވެއްޖެނަމަ ބަލަން ޖެހޭނީ ލަނޑުގެ ތަފާތަށެވެ. އޭރު މެކްސިކޯގެ ލަނޑުގެ ތަފާތަށް ވެސް ބަލަން ޖެހޭނެއެވެ.
މިވަގުތު ގްރޫޕްގެ ކުރީގައި ހަ ޕޮއިންޓާއެކު މެކްސިކޯ އޮތްއިރު ދެވަނަ އަދި ތިންވަނަ ލިބެނީ ސްވިޑެން އަދި ޖަރުމަނަށެވެ. ތާވަލުގެ ފުލުގައި އޮތީ ދެކުނު ކޮރެއާއެވެ.
ކުރިޔަށް އޮތް މެޗުގައި ދެކުނު ކޮރެއާ އާއި ދެކޮޅަށް ޖަރުމަނު ނުކުންނައިރު ސްވިޑެން ނުކުންނާނީ މެކްސިކޯ އާއި ދެކޮޅަށެވެ.