ކ. މާލެ
|
24 ޖޫން 2018 | އާދީއްތަ 10:09
23 ޖޫން،2018 ވަނަ ދުވަހު ޝީއީންގެ މުގައްދަސް ސިޓީއެއްކަމަށްވާ ނަޖަފްގައި ބޮޑުވަޒީރު ހައިދަރު އަލް އަބާދީ(ކ) އަދި މުގްތަދާ އަލް ސަދްރު(ވ) ބައްދަލުކުރައްވަނީ
23 ޖޫން،2018 ވަނަ ދުވަހު ޝީއީންގެ މުގައްދަސް ސިޓީއެއްކަމަށްވާ ނަޖަފްގައި ބޮޑުވަޒީރު ހައިދަރު އަލް އަބާދީ(ކ) އަދި މުގްތަދާ އަލް ސަދްރު(ވ) ބައްދަލުކުރައްވަނީ
ރޮއިޓަރސް
އިރާގުގެ އިންތިޚާބު
އިރާގުގެ އިންތިޚާބު: ބޮޑުވަޒީރު އަބާދީއާއިއެކު ސަދްރުގެ ކޯލިޝަން އިއުލާނުކޮށްފި
ސަދުރުގެ ސައިރޫން އެލަޔަންސަށް 54 ގޮނޑި ލިބުނު
އަބާދީގެ އެލަޔަންސަށް ލިބިފައިވަނީ 42 ގޮނޑި

މިދިޔަ މަހު އިރާޤުގައި ބޭއްވި ބަރުލަމާނީ އިންތިޚާބަށްފަހު ސަރުކާރެއް އެކުލަވާލުމަށްޓަކައި މިހާރުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީއާއި ޝީއީ ލީޑަރު މުޤްތަދާ އަލް ސަދްރުގެ ކޯލިޝަން އެއްކޮށްލައި ސަރުކާރެއް އުފެއްދުމަށް ނިންމައިފިއެވެ.

ސަދުރުގެ ސައިރޫން އެލަޔަންސަށް 54 ގޮނޑި ލިބިފައިވާއިރު އެއް ދުވަސްވަރެއްގައި އެންމެ ކުރީގައި އޮތް އަބާދީގެ އެލަޔަންސަށް ލިބިފައިވަނީ 42 ގޮނޑިއާއިއެކު ތިންވަނައެވެ.

ސަރުކާރު އެކުލަވާލަން އެއްބަސްވުމަކަށް އާދެވިފައިވާކަން އިއުލާނުކުރެއްވީ ޝީއީންގެ މުގައްދަސް ސިޓީއެއްކަމަށްވާ ނަޖަފްގައި ހޮނިހިރު ދުވަހު ދެ ބޭފުޅުން ބޭއްވި ތިންގަޑިއިރުގެ މަޝްވަރާތަކަކަށްފަހު ނެރުއްވި ގުޅިފައިވާ ބަޔާނެއްގައެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި އެއްބަސްވުމަކާއި ހަމައަށް ގޮސްފައިވަނީ ދީނީ އަދި މަޒުހަބީ ތަފާތުތައް އެއްފަރާތްކުރުމަށްފަހުއެވެ.އަދި އެއްބަސްވެފައިވާނީ ރައްޔިތުންގެ ރޫހާއި އެއްގޮތަށް ކުރިޔަށް ދިއުމަށްކަމަށެވެ.

މި މަހުގެ ކުރީކޮޅު ސަދްރުގެ އެލަޔަންސުންވަނީ އިންތިޚާބުގައި 47 ގޮނޑިއާއިއެކު ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ހާދީ އަލް އަމީރީގެ އެލަޔަންސާއިއެކުވެސް މި މަހުގެ ކުރީކޮޅު ކޯލިޝަނެއް އެކުލަވާލާފައެވެ. ނަމަވެސް ހާދީއާއިއެކު ސަދްރު ނެރުއްވި ބަޔާނުގައި އެ ކޯލިޝަނުގެ ވާހަކަ ބަޔާންކޮށްފައެއްނުވެއެވެ.

އަމީރީގެ ކޭމްޕުން މިހާތަނަށް އެއްޗެއް ބުނެފައިނުވާއިރު އަބާދީ ވިދާޅުވީ ސަދްރުއާއިއެކު އެއްބަސްވެވިފައިވާ އެއްވެސްކަމެއް ދޫކޮށްނުލައްވާނެކަމަށެވެ.

އެމެރިކާ ސިފައިން އިރާގުން ފޭބުމަށް ގޮވާލައި ހަމަނުޖެހުން ބޮޑު ކެމްޕޭނެއް ހިންގެވި ސަދްރު ފާހަގަވެފައިވަނީ ވަތަނީ ބޭފުޅެއްގެ ގޮތުގައެވެ. މީގެ އިތުރުން އަވަށްޓެރި އިރާނާއި ގުޅިފައިވާ ޝީއީ ޕާޓީތަކާއި ދެކޮޅު، އަދި ފަގީރުންގެ ޗެމްޕިއަނެއްގެ ގޮތުގައެވެ.

އޭނާވަނީ އެންމެންގެ ބައިވެރިރިވުން އޮންނަ ސަރުކާރަކަށް ހެދުމަށްޓަކައި އިރާގުގެ ހުރިހާ މުޖުތަމައު ތަކަކުންވެސް އެ އިއްތިހާދުގައި ބައިވެރިވުމަށް ގޮވާލައްވާފައެވެ.

މިދިޔަ މެއި މަހު ބޭއްވި އިންތިޚާބު ފާހަގަވެން ގޮސްފައިވަނީ ވޯޓުލީ މީހުންގެ ނިސްބަތް މަދު އަދި މަކަރާއި ހީލަތުގެ ތުހުމަތުތައް ކުރެވިފައިވާ އިންތިޚާބެއްގެ ގޮތުގައެވެ.

- ކޮމެންޓް