ކ. މާލެ
|
24 ޖޫން 2018 | އާދީއްތަ 08:12
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮްގްރާމްގައި
އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮްގްރާމްގައި
ރާއްޖެއެމްވީ
ފަލަ ސުރުޚީ
އެމްޑީޕީ ކޮންގްރެސް: ސަރުކާރުގެ ފިއްތުމާހުރެ އުކުޅަހުގެ ހަރަކާތް އެއްދުވަހަށް މަދުކޮށް ޓިކެޓް ވިއްކުން ހުއްޓާލައިފި
29 ވަނަ ދުވަހު ރަޖިސްޓްރޭޝަން އޮންނާނީ ހަރުގޭގައި
29 ވަނަ ދުވަހުގެރޭ އެމްޑީޕީގެ އަހަރީ ދުވަހުގެ ހަރަކާތްތައް ހަރުގޭގައި އޮންނާނެ
އުކުޅަހަށް ފުރާނީ 30 ވަނަ ދުވަހު ހެނދުނު

މިމަހުގެ 29 އިން 30 އަށް އއ އުކުޅަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް، ސަރުކާރުގެ ފިއްތުންތަކާ ހުރެ  އެއްދުވަހަށް މަދުކޮށް ޓިކެޓް ނުވިއްކާ ގޮތަށް ނިންމައިފިއެވެ.

ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ ކޮންގްރެސްގެ ޝެޑިއުލްއަށް ކުޑަ ބަދަލެއް މިހާރު ގެނެސްފައިވާ ކަމަށާއި ކުރިން 29 އަދި 30 ވަނަ ދުވަހުގެ ހުރިހާ ހަރަކާތެއް އއ އުކުޅަހުގައި ބޭއްވުމަށް ހަމަޖައްސާފައި އޮތް އޮތުމަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން 29 ވާ ހުކުރު ދުވަހު ކޮންގްރެސްގެ ރެޖިސްޓްރޭޝަން އޮންނާނީ މާލޭގައި ކަމަށާއި ހުކުރު ދުވަހު ހެނދުނު 8:30 އިން 10:30 އަށް އަދި ހުކުރަށް ފަހު 2:00 އިން 6:00 އަށް ކޮންގްރެސްގެ ޑެލިގޭޓުންގެ ރަޖިސްޓްރޭޝަން މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައި އޮންނާނެ ކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. މީގެ އިތުރުން އެރޭ އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވެސް ހަރުގޭގައި ހަރަކާތެއް އޮންނާނެ ކަމަށާއި ރެޖިސްޓްރޭޝަންގެ ހަރަކާތް އެރޭ އެމްޑީޕީ އޮފީހުގައި އޮންނާނެކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ އުކުޅަހަށް ފުރުން އޮންނާނީ ހޮނިހިރު ދުވަހު ހެނދުނު ކަމަށާއި ކޮންގްރެސްގައި ކުރަންޖެހޭ މައިގަނޑު ދެކަމެއް އެބައޮތް ކަމަށެވެ.

"އެއްކަމަކަށް މެނިފެސްޓޯ ލޯންޗް ކުރުން އެބައޮތް. ދެންހަމައެހެންމެ އަސާސީ ޤަވާއިދަށް ގެންނަ އިސްލާހީ ބަދަލުތައް ގެނައުން އެބައޮތް. އެއީ މައިގަނޑު ދެކަމަކީ. އެހެންވީމާ އެދުވަހުގެ ހަވީރާ ރޭގަނޑާއެކީގައި އެކަންކަން ނިންމާލެވޭނެ" ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ 30 ވަނަ ދުވަހު އުކުޅަހަށް ވަޑައިގަންނަވާ ބޭފުޅުން ރެޖިސްޓްރޭޝަންއަށް މާލެވަޑައިގަންނަވަން ނުޖެހޭނެ ކަމަށާއި އެބޭފުޅުންގެ ރެޖިސްޓްރޭޝަންގެ ކަންކަން ހިނގާނީ ސީދާ އުކުޅަހުގައި ކަމަށެވެ.

މިހާރު ކޮންގްރެސްގައި ސީދާ ބައިވެރިވާނެ އަދަދަކީ 1148 ބޭފުޅުން ކަމަށް ވިދާޅުވަމުން ހަސަން ލަތީފް ވިދާޅުވީ  އޭގެ އިތުރުން ކުރިން ވެސް ރޭވިފައިވާ ގޮތަށް ބޭރުގެ އިއްޒަތްތެރިންނަށާއި ނޫސްވެރިންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ބޭފުޅުންނަށް އަދި އެހެން ޕާޓީތަކުގެ ބޭފުޅުންނަށްވެސް ދައުވަތު ދެއްވާނެ ކަމަށެވެ.

"ސަރުކާރުގެ ފިއްތުންތައް ނެތްނަމަ އަދި މިއަށް ވުރެ މާ ކުލަގަދަކޮށް ކޮންގްރެސް ގެންދެވޭނެ. އަޅުގަނޑުމެން ދެއްކިން ޓިކެޓެއް ވިއްކާ ވާހަކަ. 200 ޓިކެޓް ވިއްކަން ރާވައިގެން އެމަސައްކަތް ކުރަމުންގޮސް، މިދެންނެވިގޮތަށް ފިއްތުންތައް ކުރިމަތިވެފައި އޮތީމަ މިހާރު އެއް ދުވަހަށް ޝެޑިއުލް ކުޑަކުރެވިފައި އޮތީމަ ޓިކެޓް ވިއްކައިގެން ބޭފުޅުން ގެންދާނެ ފުރުސަތު މިހާރު އެއްކޮށް ވަނީ ނެތިފަ." ހަސަން ލަތީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް