އުތުރު ކޮރެއާ އާއި އެެމެރިކާ އިން ގުޅިގެން ކުރިއަށް ގެންދާ ޖޮއިންޓް އަސްކަރީ ތަމްރީންތައް މުއްދަތެއް ނެތް ގޮތެއްގައި ސަސްޕެންޑުކޮށްފައިވާ ކަމަށް އެމެރިކާގެ ދިފާއީ ވުޒާރާގެ މައި އިދާރާ ކަމަށްވާ ޕެންޓަގަން އިން ބުނެފިއެވެ.
ޕެންޓަގަން އިން ހުކުރު ދުވަހު ބުނީ މުއްދަތެއް ނެތް ގޮތަށް ދެކުނު ކޮރެއާ އާއި އެމެރިކާގެ އަސްކަރީ ތަމްރީންތައް، ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނިންމީ އުުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިން ބޭއްވި ބައްދަލުވުމަށް ފަހު ޑިޕްލޮމެޓިކް ވާހަކަތަކަށް ވަގުުތު ދިނުމަށް ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން، ޖޫން 12 ގައި ސިންގަޕޫރުގައި ބޭއްވި ތާރީހީ ބައްދަލުވުމަށް ފަހު އެމެރިކާގެ ރައީސް ވަނީ އެެމެރިކާ އާއި ދެކުނު ކޮރެއާ އާ ގުޅިގެން ބާއްވާ އަސްކަރީ ތަމްރީންތައް ހުއްޓާލާނެ ކަމަށް ވިދާޅުވެފައެވެ.
އުތުރުު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ގެންގުޅެ އޭގެ ބޭނުންކުުރުން ހުއްޓާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފައެވެ. މީޑިއާ އަށް ހުޅުވާލެވިގެން ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ "އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ގެންގުޅެ އޭގެ ބޭނުންކުރުން ހުއްޓާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެންމެ ބޮޑު ކަމަކީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން އެކީ ހުއްޓާލާނެކަން" ކަމަށެވެ. ރައީސް ޓްރަމްޕް ވިދާޅުވީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރާ ގުޅޭ އެންމެ ބޮޑު ހަތަރު ޓެސްޓް ސައިޓުތަކުގެ ތެރެއިން އެއް ޓެސްޓް ސައިޓު މިހާރު ވެސް ގޮއްވާލައިގެން ހަލާކުކޮށްލާފައިވާ ކަމަށެވެ.
ރައީސް ޓްރަމްޕް މިހެން ވިދާޅުވި އިރު ބުދަ ދުވަހު އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ވިދާޅުވީ އުތުރު ކޮރެއާ އިން ކުރިއަށްގެންދާ ނިއުކްލިއާ ހަތިޔާރު ފައްކާކުރުމުގެ ޕްރޮގްރާމް ހުއްޓާލުމަށް އެއްވެސް ކަހަލަ ފިޔަވަޅެއް، އުތުރު ކޮރެއާ އިން މިހާތަނަށް އެޅި ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އެމެރިކާގެ ޕެންޓަގަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މެެޓިސް ވިދާޅުވީ އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއަރ ހަތިޔާރު ޕްރޮގްރާމް ހުއްޓާލުމަށް އެއްވެސް ކަމެއް ކުރާކަން އެމަނިކުފާނަށް "އެނގިވަޑައިގެންފައި ނުވާ" ކަމަށެވެ. އަދި އެކަމާ ގުޅޭ ތަފްސީލީ މަޝްވަރާއެއް ވެސް ކުރަމުން ނުދާ ކަމަށެވެ.
ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާ އަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަގުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ.