ކ. މާލެ
|
23 ޖޫން 2018 | ހޮނިހިރު 18:47
ސުޝްމާ ސްވަރާޖް މިހާރު ބެލްޖިއަމްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އީޔޫ އޮފިޝަލުންނާ އެކު ވެސް ރާއްޖޭގެ މައްސަލައިގައި މަޝްވަރާކުރެއްވި
ސުޝްމާ ސްވަރާޖް މިހާރު ބެލްޖިއަމްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އީޔޫ އޮފިޝަލުންނާ އެކު ވެސް ރާއްޖޭގެ މައްސަލައިގައި މަޝްވަރާކުރެއްވި
އެމްއީއޭ/އިންޑިއާ
އިންޑިއާ - ރާއްޖެ
އިންޑިއާ އާއި އެމެރިކާގެ ޚާރިޖީ އަދި ދިފާޢީ ވަޒީރުން ބައްދަލުކުރައްވަނީ، ރާއްޖޭގެ މައްސަލަ ނަގާނެ ކަމަށް ބެލެވޭ!
ރާއްޖޭގެ މައްސަލައަކީ ދެ ޤައުމުން ވެސް ކަންބޮޑުވާ މައްސަލައެއް
ބައްދަލުވުން އޮންނާނީ އަންނަ ޖުލައި މަހުގެ 6 ވަނަ ދުވަހު އެމެރިކާގައި
އިންޑިއާއިން ވަނީ އީޔޫގެ އޮފިޝަލުންނާ އެކު ވެސް ރާއްޖޭގެ މައްސަލައިގައި މަޝްވަރާކޮށްފައި

އަންނަ މަހު އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މެޓިސް އާއި ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާ ބައްދަލުކުރެއްވުމަށް އިންޑިއާގެ ދިފާއީ ވަޒީރު ނިރްމަލާ ސިތަރަމަން އާއި ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް އަންނަ މަހު އެމެރިކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއީ އެމެރިކާ އާއި އިންޑިއާއާ ދެމެދު ބާއްވާ '2+2' ސިލްސިލާ ބައްދަލުވުމުގެ ފުރަތަމަ ބުރެވެ. އެމެރިކާ އާއި އިންޑިއާގެ ޚާރިޖީ އަދި ދިފާޢީ ގުޅުންތައް ވަރުގަދަކުރުމުގެ ގޮތުން ބާއްވާ މިބައްދަލުވުންތަކަކީ މިދިޔަ އަހަރުގެ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެމެރިކާއަށް ވަޑައިގެން ހުށަހެޅުއްވި ފޯމެޓެކެވެ. 

މި ބައްދަލުވުން އޮންނާނީ ޖުލައި 6 ގައެވެ. 

އެމެރިކާ އާއި އިންޑިއާގެ މަސްލަހަތު ހިމެނޭ މައްސަލަތަކާ ގުޅޭ ގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރާ އިރު، އެޖެންޑާގައި ރާއްޖޭގެ މައްސަލަ ހިމެނޭނެ ކަމަށް ބެލެވެއެވެ. އިންޑިއާ ކަނޑުގެ މައްސަލަތަކުގައި އެމެރިކާ އިން އިންޑިއާގެ ސިޔާސަތަށް އިސްކަންދޭއިރު، ރާއްޖެއިން ޗައިނާއާ އެކު ގުޅުން ބަދަހިކުރަމުންދާ މައްސަލައަކީ އިންޑިއާ އާއި އެމެރިކާ އިން ކަންބޮޑުވާ މައްސަލައެކެވެ. އަދި މީގެ އިތުރުން ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ރާއްޖޭގައި ހިނގަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލުން ވަނީ ބުނެފައެވެ. 

މީގެ އިތުރުން ރާއްޖޭގެ ސިޔާސަތުތަކުގެ ސަބަބުން އިންޑިއާ ކަނޑުގެ މަސްލަހަތަށް އަސަރުކުރާ ކަމަށް އިންޑިއާ އާއި އެމެރިކާގެ ސްޓްރެޓީޖިކް އެނަލިސްޓުން ބުނެއެވެ. އިންޑިއާ ކަނޑަކީ އެމެރިކާ އިން ދިފާޢީ ގޮތުން އިސްކަންދޭ ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދެވެ. 

އެމެރިކާ އާއި އިންޑިއާ އިން ރާއްޖޭގެ މައްސަލައިގައި މަޝްވަރާކުރާނެ ކަމަށް ބެލެވިފައިވާއިރު ބެލްޖިއަމް އަށް މިހާރު ވަޑައިގެން އުޅުއްވާ އިންޑިއާގެ ޚާރިޖީ ވަޒީރު ވަނީ ބެލްޖިއަމްގެ ޚާރިޖީ ވަޒީރުގެ އިތުރުން ވިލާތުގެ އިއްތިޙާދުގެ އިސްވެރިންނާ އެކު ރާއްޖޭގެ މައްސަލައިގައި ހޮނިހިރު ދުވަހު މަޝްވަރާކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް