ކ. މާލެ
|
23 ޖޫން 2018 | ހޮނިހިރު 16:43
އިތިއޯޕިއާގެ އައު ބޮޑުވަޒީރު ތަޤުރީރުކުރެއްވި މައިދާނުގައި އެއްޗެއް ގޮއްވާލުން
އިތިއޯޕިއާގެ އައު ބޮޑުވަޒީރު ތަޤުރީރުކުރެއްވި މައިދާނުގައި އެއްޗެއް ގޮއްވާލުން
ޓްވިޓަރ
އިތިއޯޕިއާ
އިތިއޯޕިއާގެ އާ ބޮޑުވަޒީރު ތަޤުރީރު ކުރެއްވި މައިދާނުގައި އެއްޗެއް ގޮއްވާލައިފި
ހަމަލާގައި ބައެއް މީހުން މަރުވެފައިވާ ކަމަށް ބޮޑުވަޒީރު އަބީ ވަނީ ވިދާޅުވެފައި

އިތިއޯޕިއާގެ އައު ބޮޑުވަޒީރު، އަބީ އަޙުމަދު ތަޤުރީރު ކުރެއްވި މައިދާނެއްގައި އެއްޗެއް ގޮއްވާލައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު އިތިއޯޕިއާގެ ވެރިރަށް އެޑިސް އަބާބާގެ މެސްކެލް މައިދާނުގައި އެއްޗެއް ގޮއްވާލާފައި ވަނީ ބޮޑުވަޒީރު އަބީ އަޙުމަދު އެމަނިކުފާނުގެ ސަޕޯޓަރުންނާ މުހާތަބުކުރައްވާ ތަޤުރީރުކުރެއްވުމަށް ފަހު، އެއްވެފައި ތިބި މީހުންނަށް ހަނާ އަޅުއްވައިލެއްވި ވަގުތުއެވެ.

މި ހާދިސާ ހިނގިތާ ގިނަ އިރުތަކެއް ނުވެ، ޓީވީ މެދުވެރިކޮށް ރައްޔިތުންނާ ވާހަކަ ދައްކަވަމުން ބޮޑުވަޒީރު އަބީ ވިދާޅުވީ، މިއީ ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށާއި، ހަމަލާގައި ބައެއް މީހުން މަރުވެ، ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. މި ހަމަލާގައި ބައެއް މީހުން މަރުވި ކަމަށް އަބީ ވިދާޅުވި ނަމަވެސް، ހަމަލާގައި މަރުވި އަދި ޒަޚަމްވި މީހުންގެ އަދަދު ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

ހަމަލާ ދިން އިރު މައިދާނުގައި ހުރި އެސޯސިއޭޓެޑް ޕްރެސްގެ ރިޕޯޓަރަކު ވަނީ ހަމަލާގައި 15 ވަރަކަށް މީހުންނަށް ބޮޑެތި ޒަޚަމްތައް ވެފައިވާކަމަށް ރިޕޯޓްކޮށްފައެވެ. މި މައްސަލަ އިތިއޯޕިއާގެ ފުލުހުން މިހާރު ދަނީ ތަހުޤީޤު ކުރަމުންނެވެ.

ހޮނިހިރު ދުވަހުގެ ތަޤުރީރުގައި އަބީ ވަނީ އެތައް ސަތޭކަ އަހަރުގެ ހަމަނުޖެހުމުގެ ސަބަބުން އިތިއޯޕިއާއަށް ވަރަށް ދެރަ ހާލަތެއް މެދުވެރިވެފައިވާ ކަމަށާއި، ކުރިއަށް އޮތީ ޤައުމު އާރާސްތު ކުރުމުގެ ދުވަސްތައް ކަމަށް ވިދާޅުވެފައެވެ.

އަބީ ވެރިކަމަށް ވަޑައިގަތީއްސުރެ އިތިއޯޕިއާއަށް ދަނީ ބޮޑެތި ބަދަލުތަކެއް ގެންނަވަމުންނެވެ. އެގޮތުން ސިޔާސީ އެތައް ހާސް ކުށްވެރިންނެއް ޖަލުން މިނިވަން ކުރައްވައި، ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓް އިންވެސްޓްމަންޓަށް ހުޅުވާލައްވައި، އިތިއޯޕިއާ އާއި ހަތުރުވެރި އެރިޓްރިއާ އާއި އެކު އެއްވެސް ޝަރުތެއް ނެތި ސުލްޙައިގެ އެއްބަސްވުމެއް ޤާއިމް ކުރުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް