ކ. މާލެ
|
23 ޖޫން 2018 | ހޮނިހިރު 12:16
މަޖިލިސް މެމަބަރުންތަކެއް މަޖިލީހުގެ އިދާރާއަށް ވެންނެވުމަށް މަސައްކަތްކުރާއިރު، ސިފައިން ސަފަކަށް އެތުރި
މަޖިލިސް މެމަބަރުންތަކެއް މަޖިލީހުގެ އިދާރާއަށް ވެންނެވުމަށް މަސައްކަތްކުރާއިރު، ސިފައިން ސަފަކަށް އެތުރި
މުހައްމަދު ފަޒީން
ރައްޔިތުންގެ މަޖިލިސް
ހޯމަ ދުވަހު މަޖިލިސް ޖަލްސާއެއް ބާއްވަނީ!
އަހަރު ދެބައިވިއިރު މިހާތަނަށް ބޭއްވީ އެންމެ 13 ޖަލްސާ
ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރަން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފަ
އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަނީ ޖަލަށްލާފައި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާތާ އެތައް ދުވަހެއްފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވަން އުޅޭކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މަޖިލީހުގެ ޖަލްސާއެއް މި ހަފްތާގެ ހޯމަ ދުވަހު ބޭއްވަން ސަރުކާރަށް ނިސްބަތްވާ މެމްބަރުން ގެންދަވަނީ މަސައްކަތް ކުރަމުން ނެވެ. އެއީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ގެއްލިފައިވާ ކަމަށް ބުނެ، އެ މަގާމުތަކަށް ފަނޑިޔާރުން އައްޔަން ކުރަން ކަމަށްވެ އެވެ. 

މިފަހުން މަޖިލީހުގެ ޖަލްސާތައް ބާއްވަނީވެސް ސަރުކާރުން ބޭނުންވާ ކަމެއް ކުރުމަށް އެކަންޏެވެ. އަދި މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގެ ޖަލްސާތައް ނުބާއްވާއިރު، ބާއްވާ ޖަލްސާތައް ވެސް ވަރަށް ކުޑަ ވަގުތު ކޮޅަކަށް ބޭއްވުމަށް ފަހު، މާބޮޑު ބަހުސަކާ ނުލާ، ސަރުކާރު ބޭނުންވާހާކަމެއް މަޖިލީހުގެ ތެރެއިން ކޮށް ނިންމާލަ އެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިއެއް ނުވެއެވެ. އެއީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ޖަލްސާތައް ކުރިއަށް ގެންދާތީ ކަމަށް ބުނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މަޖިލީހުުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައިވާއިރު، އެމައްސަލަތައް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ. ސުޕްރީމް ކޯޓުން 12 މެމްބަރުންގެ މައްސަލާގައި އެކިފަހަރު އެކިގޮތަށް ހުކުމްތައް ނެރެފައިވާތީ އެ މައްސަލަވެސް އޮތީ ހައްލު ނުވެއެވެ. 

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީީ ހަމީދު ޖަލަށްލާން ކުރި ހުކުމް ރަނގަޅު ކަމަށް މިމަހުގެ 20 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ. އެމައްސަލަ ދަށު ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައި ނުގަތުމަށް ނިންމީ އެކޯޓުގެ ރެޖިސްޓްރާ އެވެ. 

އެނިންމުމާ ގުޅިގެން ސަރުކާރަށް ނިސްބަތްވާ އިސްފަރާތްތަކުން ބުނަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރު ކަމުގެ މަގާމު ގެއްލިފައިވާ ކަމަށެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ގާނޫނީ ވަކީލުންނާއި ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލުން ވިދާޅުވަނީ ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ ނިންމުން މުރާޖައާ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެއީ ނިހާއީ ހުކުމަކަށް ނުވާތީ އެ ދެ ބޭފުޅުންގެ ފަނޑިޔާރުކަން ނުގެއްލޭ ކަމަށެވެ. އަދި އިސްތިއުނާފް ބަލައިނުގަތުމަށް ނިންމި ނިންމުން މުރާޖާކުރުމަށް އަލުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް އެ ދެ ފަނޑިޔާރުންގެ ވަކީލުން ވިދާޅުވެއެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން ދަނީ އުއްތަމަފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ފަނޑިޔާރުކަން ގެއްލިފައިވާ ކަމަށް ނިންމާ، މަޖިލިސް މެދުވެރިކޮށް ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާތައް އަލުން ބާއްވާ، އެމަސައްކަތް ކުރުމަށް ތައްޔާރު ވަމުންދާކަމުގެ އަޑުތައް ވެސް ފަނީ ފެތުރިފަ އެވެ.

މިއަހަރު ދެބައިވިއިރު، މިހާތަނަށް މަޖިލީހުން ބާއްވާފައި ވަނީ ހާއްސަ ދެޖަލްސާއަކާއެކު އެންމެ 13 ޖަލްސާ އެވެ. އެ ޖަލްސާތަކަށް ހޭދަކޮށްފައިވަނީ ވެސް ވަރަށް ކުޑަ ވަގުތު ކޮޅެކެވެ. 

މަޖިލީހުގެ ކަންކަން ބޮއްސުންލާފައިވަނީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމާއި ގުޅިގެންނެވެ. މިދިއަހަރުގެ ޖުލައި މަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް އެކަށީގެންވާ ގޮތެއްގައި ބޭއްވިފައި ނުވަނީ ގަދަކަމުން މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ސޮއިކޮށް މަޖިލީހުގެ އިދާރާއަށް ހުށަހެޅިފަހުންނެވެ. އޭގެ ފަހުން ސިފައިންނާއި ފުލުހުން މެދުވެރިކޮށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުން މަޖިލީހުގެ އިދާރާއިން ބޭރަށް ނެރެ، މަޖިލީހުގެ އިދާރާ ވަނީ "ހިސޯރު" ކޮށްފަ އެވެ. 

އެންމެފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ މިދިޔަ އޭޕްރީމް މަހުގެ 29 ވަނަ ދުވަހު އެވެ. މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތިން މަސް ދުވަހު އެންމެ 13 ޖަލްސާ ބޭއްވުމަށް ފަހު، މެއި މަހު މަޖިލިސް ޗުއްޓީއަށް ދިޔަ އެވެ. 

މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް މި ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހިނގާއިރު، މިހާތަނަށް ޖަލްސާއެއް ބާއްވާފައެއް ނުވެއެވެ. 

މަޖިލިސް އެކަށީގެންވާ ގޮތެއްގައި ނުހިންގާތީ، ރައްޔިތުންގެ ފާޑުކިޔުން ވަރަށް ބޮޑަށް މަޖިލީހުގެ އިދާރާއަށާއި މަޖިލިސް މެމްބަރުންނަށް ވަނީ އަމާޒުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް