ކ. މާލެ
|
23 ޖޫން 2018 | ހޮނިހިރު 04:22
ޖަސްޓިން ކްލައިވެޓް އޭއެސް ރޯމާގެ ސްޕޯޓިން ޑިރެކްޓަރު މަނޯޗީއާއެކު އެޓީމުގެ ޖާޒީ ހިފަހައްޓާލައިގެން
ޖަސްޓިން ކްލައިވެޓް އޭއެސް ރޯމާގެ ސްޕޯޓިން ޑިރެކްޓަރު މަނޯޗީއާއެކު އެޓީމުގެ ޖާޒީ ހިފަހައްޓާލައިގެން
ސޯޝަލް މީޑިއާ
ޓްރާންސްފާ މާކެޓް
ޖަސްޓިން ކްލައިވެޓް ރޯމާއަށް ސޮއިކޮށްފި
ޖަސްޓިން ރޯމާ ގުޅިފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން
އޭނާގެ އަގަކީ 17 މިލިއަން ޔޫރޯ

ބާސެލޯނާއަށް ކުޅުނު ނެދަލޭންޑްސްގެ ފޯވާޑް ޕެޓްރިކް ކްލައިވެޓްގެ ދަރިފުޅު ޖަސްޓިން ކްލައިވެޓް އިޓަލީގެ އޭއެސް ރޯމާއަށް ސޮއިކޮށްފިއެވެ.

އުމުރުން 19 އަހަރުގެ ޖަސްޓިން ރޯމާ ގުޅިފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 17 މިލިއަން ޔޫރޯގެ ފީއަކަށެވެ. މިހާ ކުޑަ އަދަދަކަށް އޭނާ ދޫކޮށްލުމަށް އަޔަކްސްއިން ނިންމީ އޭނާއަށް އެ ޓީމުން ހުށަހެޅި އައު ކޮންޓްރެކްޓްގައި ސޮއިނުކޮށް ޓީމަށް ފާޑުކިޔުމާއި ގުޅިގެންނެވެ. ނެދަލޭންޑްސްގެ ބައިނަލްއަގްވާމީ ފޯވާޑް ހޯދުމަށް ރޯމާގެ އިތުރުން ޔޫރަޕުގެ އެންމެ ބޮޑު ޓީމުތަކުން މަސައްކަތްކޮށްފައިވެއެވެ.

ރޯމާގެ ރަސްމީ ވެބްސައިޓާއި ވާހަކަ ދައްކަމުން ކްލައިވެޓް ބުނީ ރޯމާ ފަދަ ބޮޑު ކްލަބަކަށް ކުޅުމަކީ ދުވަހަކު ވެސް ދެކުނު ހުވަފެނެއް ނޫން ކަމަށާއި ކްލަބާއެކު ކުޅެން ކެތްމަދުވެފައި ހުރި ކަމަށެވެ. އޭނާ ބުނީ ރޯމާއަކީ ކުރިޔަށް ދިޔުމަށް އެންމެ ރަނގަޅު ކްލަބް ކަމަށާއި ކްލަބާއެކު ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ރޯމާގެ ސްޕޯޓިން ޑިރެކްޓަރ މަނޯޗީ ބުނީ ކްލައިވެޓްއަކީ ޔޫރަޕުގެ ފުޓްބޯޅައިގައި ކުޅެމުން އަންނަ އެންމެ އުއްމީދީ ޒުވާން ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް ކަމަށާއި އެކަމުގެ ސަބަބުން އޭނާ ގެނައުމަށް ރޯމާއަށް ފަސޭހަވެގެންދިޔަ ކަމަށެވެ. ހަމައެހެންމެ އިތުރަށް ކުރިޔަށް ދިޔުމަށް ރޯމާއަކީ އެންމެ ރަނގަޅު ކްލަބް ކަމުގައި ޖަސްޓިން ދެކޭ ކަމަށާއި އޭނާއަކީ ވަރަށް ކުރިއަރާނެ ކުޅުންތެރިޔެއް ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މަނޯޗީ ބުންޏެވެ.

ނެދަލޭންޑްސްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އަޔަކްސް އެމްސަޓަޑަމްއަށް ޖަސްޓިން ކްލައިވެޓް ކުޅެން ފެށީ 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޭގެ ދެ މަސް ފަހުން އޭނާގެ ފުރަތަމަ ސީނިއަރ ލަނޑު ޖެހިއިރު އޭނާ ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު 30 މެޗުގައި 10 ލަނޑު ޖަހާފައެވެ. މިކަމުގެ ސަބަބުން އޭނާއަށް ނެދަލޭންޑްސްގެ ގައުމީ ޓީމުން ފުރުސަތު ލިބިފައިވެއެވެ.

ޖަސްޓިން ކްލައިވަޓް ރޯމާއަށް ބަދަލުވިއިރު އޭނާ ބޭނުންވަނީ އޭނާގެ ބައްޕަ ގޮތަށް ބާސެލޯނާއަށް ކުޅެންށެވެ. މީގެކުރިން ދިން އިންޓަވިއުއެއްގައި ޖަސްޓިން ކްލައިވެޓް ބުނެފައިވަނީ އޭނާ ނަމޫނާއެއްގެ ގޮތުގައި ބަލަނީ ރެއާލް މެޑްރިޑްއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށާއި އުއްމީދަކީ އެހެން ނަމަވެސް ބާސެލޯނާއަށް ކުޅުން ކަމަށެވެ.

ޖަސްޓިން ކްލައިވެޓް ތަމްރީނުވީ އަޔަކްސްގެ އެކަޑަމީއިންނެވެ. އޭނާވަނީ ނެދަލޭންޑްސްގެ ސީނިއަރ ޓީމުގެ އިތުރުން އެކި އުމުރުފުރާތަކުގައި ގައުމު ތަމްސީލުކޮށްފައެވެ. ޖަސްޓިންގެ ބައްޕަ ޕެޓްރިކް ވެސް އަޔަކްސްއަށް އެންމެ ފުރަތަމަ ކުޅުނުއިރު ދެވަނަ ޓީމެއްގެ ގޮތުގައި ކުޅުނީ އިޓަލީގެ ޓީމެއް ކަމަށްވާ އޭސީ މިލާނަށެވެ. ރޯމާއަށް ޖަސްޓިން ބަދަލުވާން ނިންމުމާއި ވިދިގެން ގިނަ ބަޔަކު ބުނަމުން އަންނަނީ އޭނާ ހިނގަމުން އަންނަނީ ބައްޕަގެ ފިޔަވަޅުތައް މަތިން ކަމަށެވެ.

ޖަސްޓިން ކްލައިވެޓް ވަނީ އޭނާ އަޔަކްސްއަށް ކުޅުނު 44 މެޗުގައި އެޓީމަށް 12 ލަނޑު ޖަހައިދީފައެވެ. އޭނާއަކީ ހަލުވި ވިންގަރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔެކެވެ.

- ކޮމެންޓް