ކ. މާލެ
|
23 ޖޫން 2018 | ހޮނިހިރު 07:56
އިސްރާއީލުން ދިން ހަމަލާގެ ސަބަބުން ފަލަސްތީނުގެ އާންމުންނަށާއި ކުޑަ ކުދިންނަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަނީ
އިސްރާއީލުން ދިން ހަމަލާގެ ސަބަބުން ފަލަސްތީނުގެ އާންމުންނަށާއި ކުޑަ ކުދިންނަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަނީ
ރޮއިޓަރސް
ފަލަސްތީނަށްދޭ ހަމަލާ
އިޒްރާއިލުން ފަލަސްތީނުގެ 20 މީހަކު މަރާލައިފި
އެ ރައްޔިތުން މަރާލާފައި ވަނީ ސުލްހަވެރި އިހްތިޖާޖް ކުރަމުން ދަނިކޮށް
މަރާލިއިރު، އެ ރައްޔިތުންގެ އަތަކު ހަތިޔާރެއް ނެތް

ފަލަސްޠީނުގެ ޣައްޒާ އާއި އިސްރާއީލު ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި މުޒާހަރާ ކުރަމުންދިޔަ ފަލަސްޠީނުގެ 20 ރައްޔިތަކު އިސްރާއީލުން ސިފައިން ބަޑިޖަހައި މަރާލައިފިއެވެ.

އިސްރާއީލާއި ދެކޮޅަށް ސުލްހަވެރިކަމާއިއެކު މުޒާހަރާ ކުރަމުންދިޔަ އެ 20 މީހުން އިސްރާއީލުން މަރާލާފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި އެމީހުންގެ އަތުގައި އެއްވެސް ޒާތެއްގެ ހަތިޔާރެއް ނެތެވެ.

އިސްރާއީލުން މި 20 މީހުން މަރާލާފައި ވަނީ މި އަހަރުގެ މާރިޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގެ ރައްޔިތުން ކުރިއަށްގެންދާ 'ދަ ގްރޭޓް ރިޓަރން މާޗް' ދިގުދެމިގެންގޮސް، މިހާރު ކުރިއަށްދާ މުޒާހަރާތަކުގެ ތެރެއިންނެވެ.

މާރިޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 15 ވަނަ ދުވަހާއި ހަމައަށް، ޖުމްލަ 6 ހަފްތާއަށް ކުރިއަށް ގެންދިއުމަށް ފެށި އެ މުޒާހަރާތައް ދިގުދެމިގެން ގޮސްފައިވާއިރު، މި މުޒާހަރާތަކުގައި ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނެއް ބައިވެރިވެއެވެ. މި މުޒާހަރާގައި ފަލަސްޠީނުގެ ރައްޔިތުން ގޮވާލަމުން ދަނީ ރެފިއުޖީންގެ ގޮތުންގައި ފަލަސްޠީނުގެ ބިން ދޫކޮށް ދާން މަޖުބޫރުވެފައިވާ ފަލަސްޠީނުގެ ރައްޔިތުން އެނބުރި އެ ބިމަށް ދިއުމަށް ފުރުޞަތު ދިނުމަށާއި، އިސްރާއީލުން ޣައްޒާ ހިޞާރުކޮށްފައިވާ ކުރުން ނިމުމަކަށް ގެނައުމަށެވެ. މީގެ އިތުރުން ތެލް އަވީވުގައި ހުންނަ އެމެރިކާގެ އެމްބަސީ ޤުދުސްއަށް ބަދަލުކުރަން ނިންމި ނިންމުމާއި ދެކޮޅަށްވެސް މި މުޒާހަރާތަކުގައި ދަނީ އަޑު އުފުލަމުންނެވެ.

މި މުޒާހަރާތައް މައިގަނޑުގޮތެއްގައި ސުލްހަވެރިކޮށް ކުރިއަށްދިޔަ ނަމަވެސް، އިސްރާއީލު ސިފައިންގެ ސްނައިޕަރުންނާއި އާދައިގެ ސިފައިންގެ ބަޑީގެ ހަމަލާތަކުގައި މި މުޒާހަރާތަކުގައި ބައިވެރިވި އެތައް ސަތޭކަ ބަޔަކު ވަނީ މަރާލާފައެވެ. އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި މަރާލާފައިވާ ފަރާތްތަކުގެ ތެރޭގައި ކުޑަކުދިންނާއި، ނޫސްވެރިންނާއި، ފުރަތަމަ އެހީ ދޭ ސިއްޙީ ހަރަކާތްތެރިންވެސް ހިމެނެއެވެ.

އިސްރާއީލުގެ އަނިޔާވެރި އަމަލުތައް ބޯޑަރު ހިމާޔަތް ކުރުމުގެ ނަމުގައި އެ ޤައުމުން ދިފާޢުކޮށްފައިވާއިރު، އެ ޤައުމުގެ ސުޕްރީމް ކޯޓުން ދާދި ފަހުން ވަނީ، ފަލަސްޠީނުގެ ހަތިޔާރުނެތް އާންމުންގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖެހުމަކީ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި ޙުކުމެއް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް