ފީފާ ވާރލްޑް ކަޕްގެ ގްރޫޕް އީގައި ފަހަތުން އަރައި ސާބިއާ ބަލިކޮށް ދެވަނަ ބުރަށް ދިޔުމުގެ އުއްމީދު ސްވިޓްޒަލޭންޑުން ދަމަހައްޓައިފިއެވެ.
ކަލިނިންގްރެޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަހަތުން އަރައި ސްވިޓްޒަލޭންޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ މިނިވަން ގައުމެއްގެ ގޮތުގައި ސާބިއާއިން އިން ސްވިޓްޒަލޭންޑާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. މި މެޗާއެކު ސްވިޓްޒަލޭންޑްގެ ކެޕްޓަން ސްޓެފަން ލިޗްސްޓެއިނަރ ވެގެންދިޔައި އެގައުމުގެ ތާރީހުގައި ވެސް ވާރލްޑް ކަޕްގައި ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއަށެވެ.
މި ދެ ޓީމުން ވެސް ނެރެފައިވަނީ ގްރޫޕް ފިޔަވަހީގެ ފުރަތަމަ މެޗުގައި އެޓީމުތައް ނެރުނު ފުރަތަމަ އެގާރައެވެ.
ފުރަތަމަ ހާފު ފެށިގެން ސާބިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ މެޗުގެ ފަސްވަނަ މިނެޓުގައި ލީޑު ނަގާފައެވެ. ޑޫސާން ޓަޑިޗް ނަގައިދިން ހުރަހަކުން ބޮލުން ލަނޑެއް ޖަހައި ސާބިއާގެ ފުރަތަމަ ލަނޑު އެޓީމަށް ޖަހައިދިނީ އެލެކްޒެންޑަރ މިޓްރޮވިޗްއެވެ. މި ލަނޑަކީ އެންމެފަހުން ގައުމީ ޓީމަށް ކުޅުނު 18 މެޗުގައި މިޓްރޮވިޗް ޖެހި 15 ވަނަ ލަނޑެވެ. މި ލަނޑަށްފަހު ވެސް ސާބިއާއިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް އެޓީމަށް އިތުރު ލަނޑެއް ޖެހިފައެއް ނުވެއެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ ސާބިއާއިން ފުރަތަމަ ހާފު ނިންމާލިއިރު ދެވަނަ ހާފުގައި ސްވިޓްޒަލޭންޑުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ދެވަނަ ހާފު ފެށިގެން ހަ މިނެޓު ނުވަނީސް އެޓީމުން ވަނީ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ގްރަނިޓް ޒާކާއެވެ. އޭނާ މި ލަނޑު ޖެހީ 25 ޔާޑް ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ސްވިޓްޒަލޭންޑުން ދެވަނަ ހާފު އެއްކޮށް ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު އެޓީމު މެޗުން މޮޅުވި ލަނޑު ޖެހީ ޒާޑަން ޝަގީރީއެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ އެންމެ ފަހު މިނެޓުގެ ތެރޭގައެވެ.
މި މެޗުން ބަލިވި ނަމަވެސް ކުރިޔަށް އޮތް މެޗު ކާމިޔާބުކޮށްގެން ސާބިއާއަށް ދެވަނަ ބުރުގެ ޖާގައެއް ހޯދޭނެއެވެ. ސްވިޓްޒަލޭންޑް ދެން ކުޅޭ މެޗު އެއްވަރުކޮށް ނުވަތަ މޮޅުވެގެން އެޓީމަށް ދެވަނަ ބުރަށް ދެވޭނީ ސާބިއާ ކުޅޭ މެޗުން އެޓީމު ބަލިވެގެން ނުވަތަ އެއްވަރުވުމުންނެވެ. ބްރެޒިލް ވެސް ދެވަނަ ބުރަށް ދާނީ ކުޅޭ މެޗު ކާމިޔާބުކޮށް ނުވަތަ ސާބިއާ އާއި އެއްވަރުކޮށްގެންނެވެ.
މި ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ހަތަރު ޕޮއިންޓާއެކު އޮތް ބްރެޒިލް އަދި ސްވިޓްޒަލޭންޑަށް ލިބޭއިރު ސާބިއާ އޮތީ ތިން ޕޮއިންޓާއެކު ތިންވަނައިގައެވެ. ގްރޫޕްގެ ފުލުގައި އޮތީ މުބާރާތުން ކަޓާފައިވާ ކޮސްޓަ ރިކާއެވެ.