ކ. މާލެ
|
22 ޖޫން 2018 | ހުކުރު 14:38
އަދާލަތު ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން...
އަދާލަތު ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން...
ތަހާރަތު މުހައްމަދު ވަހީދު
އަދާލަތު ޕާޓީ
ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: އަދާލަތު ޕާޓީ
ރައީސް ޔާމިންގެ ކިބައިން ގައުމު ސަލާމަތްކުރުމަށް ގުޅިފައިވާ ޕާޓީތަކުން އެކުގައި މަސައްކަތް ކުރަންޖެހޭ
ގައުމުގެ މަސްލަހަތަށް ގަނޫނުތައް ފަރުމާ ކުރެވޭނެ ރައްޔިތުންގެ މަޖިލީހެއް ހޯދަން ޖެހޭ
އަދުލު އިންސާފާއި ހަމަހަމަކަން ގާއިމް ކުރެވޭނެ ޝަރުއީ ނިޒާމެއް ގާއިމްކުރަންޖެހޭ

މިއަހަރުގެ ރިޔާސީ އިންތިޚާބަށް ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި، ޕާޓީތަކުން އެކުގައި މަސައްކަތް ކުރުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން ގާއިމްކޮށްފައިވާ މިނިވަން ޖުމްހޫރީ ވެރިކަން ހިންގުމުގެ ނިޒާމް އަކުން އަނބުރާ އިޔާދަކޮށް، ވަކިވަކި ފަރުދުންނާއި، މަދު ބައެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ގާނޫނުތައް ހެދުމުގެ ސަގާފަތް ހުއްޓުވާ، ރައްޔިތުންގެ ވިންދާ ގައުމުގެ މަސްލަހަތަށް ރިއާޔަތްކުރެވޭނެހެން ގަނޫނުތައް ފަރުމާ ކުރެވޭނެ ރައްޔިތުންގެ މަޖިލީހެއް ހޯދަން ޖެހޭ ކަމަށެވެ. އަދި ނުފޫޒުތަކުން އެއްކިބާވެފައިވާ އަދުލު އިންސާފާއި ހަމަހަމަކަން ގާއިމް ކުރެވޭނެ ޝަރުއީ ނިޒާމެއް ގާއިމްކުރަންޖެހޭ ކަމަށެވެ.

އަދާލަތު ޕާޓީން ބުނީ ދައުލަތުގެ މިނިވަން މިނިވަން މުއައްސަސާތަކާއި، ސަލާމަތީ ބާރުތަކުގެ ގާނޫނީ ހައިސިއްޔަތު ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ރޫހާއި އެއްގޮތަށް ވެރިކަން ހިންގަމުންދާކަން ކަށަވަރުކުރުމަށް ގާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ފަހިކޮށްދީފައިވާ ދެފުށް ފެންނަ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ އެންމެހާ ދޮރުތައް ހާމަކަން ބޮޑު ގޮތެއްގައި ބަންދު ކުރެވިފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

އެހެންކަމުން ގުޅިފައިވާ ސިޔާސީ ވަކިވަކި ޕާޓީތަކުގެ މެދުގައި އަބަދު އޮންނަ ތަބީއީ ވާދަވެރިކަމާއި، ޕާޓީތަކުގެ ވަކިވަކި އަމާޒުތައް މިހިނދަށް އެކަހެރިކޮށް ގައުމުގެ އެންމެ މަތީ މަސްލަހަތުތައް އިސްކުރަންޖެހޭ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމިންގެ ކިބައިން މުޅި ދިވެހިދައުލަތަށް ކުރިމަތިވެފައިވާ މޫސީބާތްތަކުން ސަލާމަތްކުރުމަށާއި، ދިވެހިރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މިއަހަރުގެ ރިޔާސީ އިންތިޚާބަށް ގުޅިފައިވާ ޕާޓީތަކުން އެއްކެންޑިޑޭޓެއް ނެރެން ޖެހޭ ކަމަށެވެ.

އަދާލަތު ޕާޓީން ބުނީ ރިޔާސީ އިންތިޚާބުގައި ކުރިމަތިވާނެ ހުރިހާ ގޮންޖެހުންތަކާ އެކު ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އެއް ކެންޑިޑޭޓަކު ނެރުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށާއި، އެކުވެރި ހުރިހާ ސިޔާސީ ޕާޓީތަކުން މިމަގަށް މަސައްކަތްކުރުންމަތީ ދެމިތިބުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދާލަތު ޕާޓީން ބުނީ ޕާޓީތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ބައެއް ޕާޓީތަކުގެ ކޮންގްރެސް ބޭއްވިގެންދާކަމީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

އެހެންކަމުން ޕާޓީތަކުގެ އެތެރޭގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު ޕާޓީތައް ގުޅިގެން ކުރެވޭ މަސައްކަތްތައް ކާމިޔާބުކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަށް އަދާލަތު ޕާޓީން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް