ކ. މާލެ
|
22 ޖޫން 2018 | ހުކުރު 11:31
ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު
ޖޭޕީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު
ރާއްޖެއެމްވީ
ޖުމްހޫރީ ޕާޓީ
ޖޭޕީއާ ނުލައި އެއްވެސް ޕާޓީއަކަށް އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެ: ސަމީރު
އެކަނި ނުކުމެވޭ ހާލަތަށް ޖުމްހޫރީ ޕާޓީ އޮތީ ދޮންވެ ފައްކާވެފައި
އެޕާޓީގެ ކެޕޭސިޓީގައި ސުވާލެއް ނެތް
ކޯލިޝަންގެ ޕާޓްނަރުންގެ ތެރޭގައި ނިންމާ ނިންމުންތަކުގައި އެޕާޓީން އިންތިހާބަށް ކެނޑިޑޭޓަކު ނެރޭނެ

ޖުމްހޫރީ ޕާޓީއާ ނުލައި އެއްވެސް ޕާޓީއަކަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ޖޭޕީގެ ސެކްޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއާ އެކު ތިބި ބަޔަކާ ގުޅިގެން ކުރާ މަސައްކަތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކާމިޔާބު ކުރެވޭނެ ކަމަށާއި އެއީ ވަކި ޕާޓީއަކާ އެކު ކޯލިޝަން ހަދައިގެންވާ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ބުރާސްފައި ދުވަހު ވިދާޅުވެފައި ވަނިކޮށް އެކަމާއި ގުޅޭ ގޮތުން ހުކުރު ދުވަހު ރާއްޖެ ޓީވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސަމީރު ވިދާޅުވީ "ބަޔަކު މީހުން ތިމަންނާމެންނަކީ އެންމެ ބޮޑު ޕާޓީ އޭ ބުންޏަސް ޖޭޕީއާ ނުލައި އެއްވެސް ބަޔަކަށް ކާމިޔާބު ނުހޯދޭނެ" ކަމަށެވެ.

"ބޮޑަސް ކުޑަޔަސް ޖެހޭނީ އެކުގައި މަސައްކަތް ކުރަން އެއީ ރާއްޖެގައި ގާނޫނު އަސާސީ ދައްކާފައިވާ މިސްރާބަކީ. އެހެން ވީމާ އެއްބަޔަކު ބޮޑާވެފައި އަޅުގަނޑުމެންނަށް މިކަން ވާން އެބައޮތޭ ބުންޏަސް އެހެން ނެތް ވާކަށެއް،" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އެކަނި ނުކުންނަން ވެއްޖެއް ނަމަ އެކަނި ނުކުމެވޭ ހާލަތަށް ޖުމްހޫރީ ޕާޓީ އޮތީ ދޮންވެ ފައްކާވެފައި ކަމަށާއި އެޕާޓީގެ ކެޕޭސިޓީގައި ސުވާލެއް ނެތް ކަމަށެވެ. ނަމަވެސް އެޕާޓީގެ ވިސްނުމާއި މައިގަނޑު މަގްސަދަކީ ގުޅިގެން އެކުގައި ކުރިއަށް ދިއުން ކަމަށެވެ. އަދި ޖެޕީ އޮތީ ކޯލިޝަންގެ ތެރޭގައި ކަމަށާއި ގައުމަށް އިސްލާހު ގެނެވޭނީ އެކުގައި މަސައްކަތް ކޮށްގެން ކަމަށް ސަމީރު ވިދާޅުވިއެވެ.

"އެކަނި ނުކުންނަން ޖެހޭ ހާލަތެއްގައި އެކަނި ނުކުމެވޭ ގޮތަށް ޖޭޕީ އޮތީ. އެހެން ނަމަވެސް ޖޭޕީގެ މައިގަނޑު އެއް މަގްސަދަކީ އަދި ވިސްނުމަކީ ވެސް ގުޅިގެން އެކުގައި މަސައްކަތް ކޮށްގެން ކުރިއަށް ދިއުން. ގައުމަށް އިސްލާހު ގެނެވޭނީ އެކުގައި ތިބެގެންކަން ރޭގަވެސް ގާސިމް ފާހަގަ ކުރެއްވި، އަޅުގަނޑުމެން މިތިބީ ކޯލިޝަންގެ ތެރޭގައި. ނެތް އެއްވެސް ކަހަލަ ހުރަހެއް" ސަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ސަމީރު ވިދާޅުވީ ކޯލިޝަންގެ ޕާޓްނަރުންގެ ތެރޭގައި ނިންމާ ނިންމުންތަކުގައި އެޕާޓީން ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރޭނެ ކަމަށާއި ނުނެރެވޭ ހާލަތެއްގައި ވެސް މީހަކު ނެރޭނެ ފޯމިއުލާ އެބޭފުޅުންގެ އަތުގައި އެބަ އޮތް ކަމަށެވެ.

ޖޭޕީ އާއި އެމްޑީޕީގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދިފައިވާތާ ދުވަސްތަކެއް ވެފައިވާއިރު މިދިޔަ ހަފުތާގެ ތެރޭގައި އެމްޑީޕީ ބާކީކޮށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ފެނިވަޑައިގަންނަވާ ބޭފުޅުންތަކެއް ހިމަނުއްވައިގެން ވަނީ ޝެޑޯ ކެބިނެޓެއް އާއްމުކުރައްވާފައެވެ. އެ ކެބިނެޓްގައި ހިމަނުއްވާފައިވާ އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ފަޅީގެ ބޭފުޅުން ވަނީ އެއީ އެ ބޭފުޅުންގެ ތާއީދާ އެކު ކޮށްފައިވާ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި ޖޭޕީގެ ބައެއް ބޭފުޅުން ވެސް ވަނީ އެ ބޭފުޅުންގެ ނަން އެ ކެބިނެޓްގައި ހިމަނާފައި ވަނީ އެ ބޭފުޅުންނަށް އެނގިވަޑައިނުގެން ކަމަށް ވިދާޅުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
22 ޖޫން 2018 | ހުކުރު 09:16
Sameera
Jumhooree party ah mihaar mi raaje eyge vote laa aabaadheege the 5 percent keekuran the 10percent vote ves nulibeyne