ކ. މާލެ
|
22 ޖޫން 2018 | ހުކުރު 11:37
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝިފާޒު ވާހަކަދައްކަވަނީ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝިފާޒު ވާހަކަދައްކަވަނީ.
ރާއްޖެއެމްވީ
ރާއްޖެޓީވީގެ ފަލަ ސުރުހީ
ރައީސް ޔާމިންގެ ވެރިކަން ބަދަލުކުރުމަށް ޕާޓީތަކުގެ މެދުގައި ކުރަންޖެހޭ މަސައްކަތްތައް ކުރާނެ: ޝިފާޒު
އެމްޑީޕީގެ ކޮންގްރެސްއަކީ ޕާޓީގެ އެތެރޭގައި ނިންމަންޖެހޭ މުހިންމު ކަންތައްތައް ނިންމުމަށް ބާއްވާ ވަރަށް މުހިންމު ކޮންގްރެސްއެއް
ރާއްޖޭގެ ރައްޔިތުންނާއި، ސިޔާސީ ގިނަ ޕާޓީތަކުން ބޭނުންވަނީ ރައީސް ޔާމިން ވެރިކަމުން ދުރުކުރަން
ސިޔާސީ ސުލްހަވެރި ހަރަކާތް ހިންގުމަށް އެމްޑީޕީން ބޭނުންވާ މިންވަރު ކޮންގްރެސް އިން ފެނިގެންދާނެ

އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކެއްގެ އަމާޒަކީ ޑެމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާ ހިލާފަށް ހިންގާ ވެރިކަމެއް ބަދަލުކުރުން ކަމަށާއި، މިވެރިކަން ބަދަލު ކުރުމަށް ޕާޓީތަކުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ އއ. އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްއަކީ ޕާޓީގެ އެތެރޭގައި ނިންމަން ޖެހޭ މުހިންމު ކަންތައްތައް ނިންމުމަށް ބާއްވާ ވަރަށް މުހިންމު ކޮންގްރެސްއެއް ކަމަށެވެ. ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވަމުންދާއިރު ކޮންގްރެސް ބޭއްވުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނާއި، ސިޔާސީ ގިނަ ޕާޓީތަކުން ބޭނުން ވަނީ ރައީސް ޔާމިން ވެރިކަމުން ދުރުކޮށް ހުދުމުހުތާރު ވެރިކަމަކުން މިގައުމު ސަލާމަތް ކުރުމަށް ކަމަށެވެ. އަދި މިވެރިކަން ބަދަލު ކުރުމަށް ޕާޓީތަކުގެ ތެރޭގައި ކުރަން ޖެހޭ މަޝްވަރާތައްކޮށް، ނިންމަން ޖެހޭ ނިންމުންތައް ނިންމާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ ސިޔާސީ ސުލްހަވެރި ހަރަކާތް ހިންގުމަށް އެމްޑީޕީން ބޭނުންވާ މިންވަރު މިމަހު 29 އިން 30 އަށް ބާއްވާ ކޮންގްރެސް އިން އެންމެހާ ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ. އުނދަގޫގެ ތެރެއިން ބޭނުން ވަނީ ނަތީޖާ ހާސިލް ކުރަން ކަމަށާއި، ޕްލޭން ކޮށްފައިވާ ގޮތަށް މިކޮންގްރެސް ކުރިއަށް ގެންދެވިއްޖެ ނަމަ ވަރަށް ކާމިޔާބު ކޮންގްރެސްއަކަށް ވާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު މިހާރު މުޅި އއ. އަތޮޅަށް ބޮޑު އީދެއް އައިސްފައިވާ ކަމަށާއި، އަތޮޅުގެ ރައްޔިތުން ވެސް އަންނަނީ ވަރަށް ފުރިހަމައަށް މިކޮންގްރެސް އަށް ތައްޔާރުވަމުން ކަމަށެވެ.

ޖުމްހޫރީޕާޓީން ވެސް މިވަގުތު ކޮންގްރެސް ބައްވަމުންދާކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ކޮންގްރެސް ބާއްވަންޖެހޭ ކަމަށާއި، ޕާޓީތަކުގެ މުހިންމު ނިންމުންތައް ނިންމޭނީ ކޮންގްރެސް އިން ކަމަށެވެ. ޝިފާޒު ވިދާޅުވީ އެޕާޓީގެ އަސާސީ ގަވާއިދަށް ބަދަލު ގެންނަ ނަމަ އެކަން ވެސް ކުރާނީ ކޮންގްރެސްގައި ޕާޓީގެ މެންބަރުން ކަމަށެވެ.

"ސިޔާސީ ޕާޓީއެއްގައި ހަރަކާތްވާންޖެހޭ ގޮތަށް ނުވަތަ ހަރަކާތްތެރިވުމަށް އެޕާޓީގެ މުސްތަގުބަލަށް ބިނާކުރުމަށް ގެންނަން ޖެހޭ ބަދަލެއް އޮތިއްޔާމުން މިވަގުތު ގެންނާނެ. އަޅުގަނޑު ދެކޭ ގޮތުގައި ޖުމްހޫރީޕާޓީން ވެސް އެކަން ކުރައްވަން އެހިފަނީ އެބަދަލުތައް ގެންނަން އެބޭފުޅުން މިވަގުތު ބޭނުންވާތީވެ،" ޝިފާޒު ވިދާޅުވިއެވެ.

ރައީސް ޔާމިންގެ ފެކްޝަނުން ކޮންގްރެސްއެއް ބާއްވާފައިނުވާތީ ޝިފާޒު ވަނީ ޕީޕީއެމްއަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފައެވެ. ޝިފާޒު ވިދާޅުވީ ޕީޕއެމްއިން ކޮންގްރެސްއެއް ބާއްވާނެ ކަމަށް އުންމީދުކުރުމަކީ ވެސް ބޭކާރު ކަމެއް ކަމަށާއި، ޕާޓީއަކީ ވެސް ނުހައްގުން ފޭރިގަނެފައިވާ ޕާޓީއެއް ކަމަށެވެ. އޭނަ ވިދާޅުވީ ހުދުމުހުތާރު ވެރިންނާއި ހުދުމުހުތާރު އުސޫލުތައް ދަމަހައްޓަން ބޭނުންވާ ބޭބޭފުޅުންނަށް ޑެމަކްރަސީގެ އުސޫލުތައް ކަމަކު ނުދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް