ކ. މާލެ
|
21 ޖޫން 2018 | ބުރާސްފަތި 21:32
ބްރެޒިލްގެ ގައުމީ ޓީމު ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި ނެރުނު ފުރަތަމަ އެގާރައެއް
ބްރެޒިލްގެ ގައުމީ ޓީމު ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި ނެރުނު ފުރަތަމަ އެގާރައެއް
ގެޓީ އިމޭޖަސް
ފީފާ ވާރލްޑް ކަޕް 2018
ކޮސްޓަ ރިކާއާ ދެކޮޅަށް ބްރެޒިލް ނުކުންނާނީ މޮޅުވާން
ގްރޫޕް ފިޔަވަހީގެ ފުރަތަމަ މެޗުގައި ސްވިޓްޒަލޭންޑާއި ދެކޮޅަށް ކުޅެ 1-1 އިން ބްރެޒިލް އެއްވަރުވި

ފީފާ ވާރލްޑް ކަޕްގެ ގްރޫޕް ފިޔަވަހީގެ ދެވަނަ މެޗުގައި ކޮސްޓަ ރިކާ އާއި ދެކޮޅަށް ކުޅޭ މެޗަށް ބްރެޒިލް ނުކުންނާނީ މޮޅުވާން ކަމަށް އެގައުމުގެ ތަރި ނޭމާ ބުނެފިއެވެ.

ގްރޫޕް ފިޔަވަހީގެ ފުރަތަމަ މެޗުގައި ސްވިޓްޒަލޭންޑާއި ދެކޮޅަށް ކުޅެ 1-1 އިން ބްރެޒިލް އެއްވަރުވި މެޗުގައި ނޭމާއަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު އޭނާގެ އިތުރުން ބްރެޒިލްގެ ޓީމުގައި ހިމެނޭ އެހެން ކުޅުންތެރިންނަށް ވެސް މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ސްވިޓްޒަލޭންޑުގެ ކުޅުންތެރިންގެ ފަރާތުން ގިނަ ފައުލްތަކެއް ފެނުނު މި މެޗަށްފަހު ބްރެޒިލްގެ ކުޅުންތެރިން ވަނީ ރެފްރީންގެ ޒިންމާ ރެފްރީންނަށް އަދާނުކުރެވޭނެ ކަމަށް ބުނެފައެވެ.

ބުދަ ދުވަހު ކުރިޔަށް ގެންދިޔަ ބްރެޒިލްގެ ފަރިތަކުރުންތަކަށް ފަހު ނޭމާ ބުނީ ކޮސްޓަ ރިކާ އާއި ދެކޮޅަށް ރަނގަޅު މެޗެއް ކުޅެ މޮޅުވާން ބޭނުންވާ ކަމަށާއި ސްވިޓްޒަލޭންޑާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗަށްވުރެ ހުރިހާ ކުޅުންތެރިން ވެސް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

ނޭމާ ބުނީ ކޮސްޓަ ރިކާ ކުޅެފައިވާ ބައެއް މެޗުގެ ވީޑިއޯ ބަލާފައިވާ ކަމަށާއި އެހެން ނަމަވެސް އެޓީމު ހުއްޓުވުމަށްވުރެ ބޮޑު އިސްކަމެއް ދޭނީ އަމިއްލަ ފުޓްބޯޅަ ކުޅެން ކަމަށެވެ.

މި މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކުޓީނިއޯ ބުނީ ކޮންމެ މެޗަކީ ވެސް ފައިނަލެއް ކަމަށާއި ކޮންމެ ކުޅުންތެރިޔަކު ވެސް ޒިންމާ ނަގައިގެން ކުޅެފިނަމަ ތިން ޕޮއިންޓް ލިބޭނެ ކަމަށެވެ.

ކުރިޔަށް އޮތް މެޗުގައި ކޮސްޓަ ރިކާއާއި ދެކޮޅަށް ކުޅުމަށްފަހު ބްރެޒިލް ގްރޫޕް ފިޔަވަހީގެ އެންމެ ފަހު މެޗުގައި ނުކުންނާނީ ސާބިއާ އާއި ދެކޮޅަށެވެ. މީގެކުރިން މި ދެ ޓީމު ވަނީ ބައިނަލްއަގްވާމީ 10 މެޗެއް ކުޅެފައެވެ. އޭގެ ތެރެއިން ނުވަ މެޗު ބްރެޒިލްއިން ކާމިޔާބުކުރިއިރު ކޮސްޓަ ރިކާ މޮޅުވެފައިވަނީ 1960 ވަނަ އަހަރުގެ މާޗް މަހު ކުޅުނު މެޗެއްގައެވެ.

މިވަގުތު މި ގްރޫޕްގެ އެއްވަނައިގައި އޮތީ ވެސް ސާބިއާއެވެ.  

- ކޮމެންޓް