ކ. މާލެ
|
21 ޖޫން 2018 | ބުރާސްފަތި 02:27
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒް އީސީއަށް ޝަކުވާ ފޯމްތައް ހުށަހަޅަނީ - އިލެކްޝަންސް ކޮމިޝަނުން މިހާރު ނެރެފައިވާ ވޯޓަރސް ލިސްޓަކީ ސައްހަ ލިސްޓެއްކަމުގައި އެ ޕާޓީއިން ބަލައިނުގަނޭ
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒް އީސީއަށް ޝަކުވާ ފޯމްތައް ހުށަހަޅަނީ - އިލެކްޝަންސް ކޮމިޝަނުން މިހާރު ނެރެފައިވާ ވޯޓަރސް ލިސްޓަކީ ސައްހަ ލިސްޓެއްކަމުގައި އެ ޕާޓީއިން ބަލައިނުގަނޭ
އެމްޑީޕީ
އެމްޑީޕީ ބަޔާން
އެމްޑީޕީން ވޯޓަރސް ލިސްޓާ ގުޅޭ ޝަކުވާ އީސީއަށް ހުށަހަޅައިފި
އައިޑީ ކާޑު ނަންބަރު ނެތުމުން ވޯޓާސް ލިސްޓާމެދު ސުވާލު އުފެދޭ
ސައްހަކަން ކަށަވަރު ކުރުމަށް އުނދަގޫ
ސައްހަ ލިސްޓެއް ކަމަށް ގަބޫލެއް ނުކުރެވޭ

މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހަށް ބޭއްވުމަށް ތާވަލުކޮށްފައިވާ ރިޔާސީ އިންތިހާބުގައި ވޯޓު ހައްގުވާ މީހުންގެ ލިސްޓުކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ލިސްޓުގެ ސައްހަކަން ކަށަވަރުކުރެވެން ނެތްކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.

އެމްޑީޕީން ބުނީ އިލެކްޝަންސް ކޮމިޝަނުން 10 ޖޫން ގައި ކޮށްފައިވާ އިއުލާނާއެކު ނެރެފައިވާ ވޯޓަރސް ލިސްޓުގައި ހިމަނާފައިވާ 263181 މީހުންގެ ނަމާއި އެޑްރެހާއެކު އެމީހުންގެ އައިޑީ ކާޑު ނަންބަރު ހިމަނާފައި ނެތުމުން އެމީހުންގެ އައިޑީ ކާޑު ނަންބަރު އެލިސްޓުގައި ހިމަނާފައިވަނީ ރަނގަޅަށްތޯ ޔަގީން ނުކުރެވޭ ކަމަށެވެ. އެމީހުންގެ ނަމާއި އައިޑީ ކާޑު ނަންބަރު ދިމާވޭތޯއާއި، އެމީހުންގެ ނަން އެލިސްޓުގައި ލިޔެފައިވަނީ އައިޑީ ކާޑުގައި ލިޔެފައިވާ ގޮތަށްކަން ކަށަވަރުނުކުރެވޭކަމަށް އެމްޑީޕީއިން ބުނެއެވެ. މި ކަންކަމަކީ ވޯޓުލާ މީހާ ވޯޓުލުމަށްޓަކައި ސައްހަކުރަންޖެހޭ ކަންކަންކަމުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ކަންކަންކަމުގައި ފާހަގަކުރެވޭ ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ. އެހެން ކަމުން 263181 މީހުންގެ އައިޑީ ކާޑު ނަންބަރުގެ މައްސަލަވެސް ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.

އެމްޑީޕީން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި، 18 އަހަރު ނުފުރޭ ކުދިންގެ 1449 ޝަކުވާއާއި މަރުވެފައިވާ މީހުންގެ ހިމެނިފައިވާ 412 ޝަކުވާ އާއި ލިސްޓުގައި ނަން ނުހިމެނޭ 12 ޝަކުވާއަކާއި ލިސްޓުގައި ނަން ތަކުރާރުވެފައިވާ 76 ޝަކުވާ އާއި އެޑްރެސް ދިމާނުވާ 6 ޝަކުވާއެއްގެ އިތުރުން ނަން ނުބައިކޮށް ލިޔެފައިވާ ދެ ޝަކުވާއެއް ހިމެނެ އެވެ.

މި ކަންކަން މިހެން ހުރުމާއެކު، އިލެކްޝަންސް ކޮމިޝަނުން މިހާރު ނެރެފައިވާ ވޯޓަރސް ލިސްޓަކީ ސައްހަ ލިސްޓެއްކަމުގައި އެމްޑީޕީއިން ގަބޫލުނުކުރާކަމަށް އެޕާޓީން ބުނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް