ކ. މާލެ
|
20 ޖޫން 2018 | ބުދަ 17:31
ކުރީގެ ސީޕީ އަހުމަދު އަރީފް
ކުރީގެ ސީޕީ އަހުމަދު އަރީފް
މުހައްމަދު ޝަރުހާން
ކުރީގެ ސީޕީ އަރީފް
ކުރީގެ ސީޕީ އަރީފްގެ ޓެރަރިޒަމް މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލްކޮށްފި
ތާވަލް ކޮށްފައިވަނީ މާދަމާ 13:00 އަށް
އަރީފާ ދެކޮޅަށް 31 ހެއްކެއް ވަނީ ހުށަހަޅާފައި
ގިނަ ބަޔާންތަކެއް ވަނީ ސިއްރުކޮށްފައި

ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ، ކުރީގެ ޕޮލިސް ކޮމިޝަނަރ އަހުމަދު އަރީފުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފިއެވެ.

މިއަޑުއެހުން ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ 13:00 އަށެވެ.

މިމަހުގެ ހަތަރު ވަނަ ދުވަހު މިމައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލް ކުރުމަށް ކެންސަލް ކޮށްފައި ވެއެވެ.

މިމައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑު އެހުމުގައި ދައުލަތުން ދައުވާ އިއްވުމުން އަރީފް ވަނީ ދައުވާއަށް އިންކާރު ކުރައްވާފައެވެ. 

އެ އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވުމުން އަރީފްގެ ގާނޫނީ ވަކީލުންނާއި އަރީފް ވިދާޅުވެފައި ވަނީ، ދައުވާ ސާފު ނުވާ ކަމަށެވެ. އެހެންކަމުން ދައުވާއާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ސިއްރުކުރަން ބޭނުންވާ ކަންކަމުގެ ސިއްރު ނުގެއްލޭ ގޮތަށް ޕީޖީގެ ގާނޫނީ ވަކީލުން ވަނީ ދައުވާގައި ސާފުނުވާ ކަމަށް ބުނާ ކަންކަން ސާފުކޮށްދިނުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އަރީފް ވިދާޅުވެފައި ވަނީ ފުލުހުންގެ ޚިދުމަތުގައި އުޅުއްވާތާ 29 އަހަރު ވެފައިވާއިރު ދުވަހަކު ވެސް ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފު އަމަލެއް ކޮށްފައި ނުވާނެ ކަމަށެވެ. އެހެންކަމުން ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ މިދައުވާއަށް އިންކާރު ކުރައްވާ ކަމަށް އަރީފް ވިދާޅުވެފައި ވެއެވެ.

ކޮށްފައިވާ ހުވަޔާ އެއްގޮތަށް ސުޕްރީމް ކޯޓު އަމުރެއް ތަންފީޒު ކުރަން އުޅުމުންވީ ޓެރަރިސްޓަކަށް ކަމަށާއި ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ފުލުހުން ތަންފީޒު ކުރަން ދެކޮޅު ހެދިތަނެއް މިނޫނިއްޔާ ނުދެކޭ ކަމަށް އަރީފް ވިދާޅުވެފައި ވެއެވެ.

އެ އަޑުއެހުމުގައި އަރީފް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން އަމުރެއް ނެރުމުން އެ އަމުރު ތަންފީޒު ކުރުމަކީ ގާނޫނުއަަސާސީ އާއި ގާނޫނުތަކުން ފުލުހުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް ސުޕްރީމް ކޯޓުން ނެރުނު އަމުރެއް ނަމަ އެ އަމުރާ މެދު އިތުރަށް ސުވާލު އުފެއްދުމުގެ ޖާގައެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ދައުވާއަށް އަރީފް އިންކާރު ކުރެއްވުމާ އެކު ޕީޖީ އޮފީހުގެ ވަކީލުން ވަނީ އަރީފްގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް 31 ހެއްކެއް ހުށަހަޅާފައެވެ. އެ ހެކިތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ފުލުހުންގެ ބަޔާންތަކެވެ، އަދި އެބަޔާންތަކާއި، ގިނަ ހެއްކާއި ގަރީނާތައް ސިއްރުކޮށްފައިވާއިރު، ދިފާއީ ވަކީލުން ވިދާޅުވެފައިވަނީ ބަޔާންދިން މީހުންގެ މަޢުލޫމާތު ކޮންމެހެން ސިއްރުކުރަން ދައުލަތުން ބޭނުންވާނަމަ، އެމީހުންގެ ސިއްރުކަން ނުގެއްލޭގޮތަށް ބަޔާނުގައިވާ އެއްޗެއް ދައުވާ ރައްދުވާ ފަރާތަށް ލިބެންޖެހޭކަމަށް ގަބޫލު ކުރައްވާކަމަށެވެ. އަދި އެއީ ޤާނޫނުއަސާސީން ދައުވާލިބޭ ފަރާތަށް ލިބިދޭންޖެހޭ ހައްގެއް ކަމަށް ވެސް ވަކީލުން ވިދާޅުވެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް