ކ. މާލެ
|
20 ޖޫން 2018 | ބުދަ 17:26
ރައްޔިތުންގެ މަޖިލީޙުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީޙުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސްގެ ޓެރަރިޒަމް މައްސަލަ
ފާރިސްގެ ޓެރަރިޒަމް ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފި
މިއަދު ފާރިސްގެ ދެ މައްސަލައެއް ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމަށްފަހު ވަނީ ކެންސަލް ކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް، ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމަށްބުނެ، އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ބުދަ ދުވަހުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ. 

މި އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ ބުދަ ދުވަހުގެ 13:00 އަށެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލް ކުރި ވަކި ސަބަބެއް ކޯޓުން ހާމަ ކޮށްފައެއް ނުވެއެވެ.

ފާރިސްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު، އެ ދައުވާއާއި ގުޅިގެން ދައުލަތުން ބުނަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި، ގާނޫނާ ހިިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ބޭފުޅުންގެ ތެރެއިން ފާރިސް އަކީ އެކަންކަމުގެ މޭސްތިރިޔާ ކަަމެވެ.

އެ ދައުވާއާ ގުޅިގެން އޭނާ ހުންނެވީ ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ބަހައްޓާފަ އެވެ. ޓެރަރިޒަމްގެ މި ދައުވާއާ ގުޅިގެން ދެން އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ މެދު ވާހަކަ ދެއްކުމެވެ. މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދިން ކަމަށްބުނެ ވެސް ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާއެއް ވެސް އުފުލާފައިވެ އެވެ. އެ މައްސަލައިގައި ރިޝްވަތު ލިބުނު ކަމަށްބުނާ މީހާ ވަނީ ފާރިސް ރިޝްވަތު ނުދޭ ކަމަށްބުނެ ކޯޓުގައި ހެކިބަސްދީފަ އެވެ. އަދި އެ ހެކިބަހަށްފަހު އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވަ އެވެ. 

ފާރިސްގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވާއިރު، ޝަރީއަތްތައް ހިންގަމުންދާ ގޮތާމެދު ފާރިސް ގެންދަވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ. 

ޝަރީއަތުން އެކަށީގެންވާ ފުރުސަތު ދެއްވާކަން ދައްކަން، ކޮންމެހެން ކޯޓަށް ހާޒިރުކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ކޯޓަށް ހާޒިރު ކުރުމެއް ނެތި ގަޒީ ބޭނުންވާ ގޮތަށް ހުކުމް ކުރެއްވިޔަސް އެންމެ ރަނގަޅު ކަމަށް ވެސް، ފާރިސްގެ މައްޗަށް ކުރާ ޝަހްޝު އޮޅުވާލިކަމަށްބުނާ މައްސަލައިގެ ޝަރީއަތުގައި ވިދާޅުވެފައި ވެއެވެ. 

ފާރިސްގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ ބުދަ ދުވަހުގެ އަޑުއެހުން ކެންސަލް ކޮށްފައިވާއިރު، ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުން ކުރައްވާފައިވާ ކަމަށް ބުނެ، ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް ތާވަލް ކުރުމަށްފަހު ބުދަ ދުވަހު ވަނީ ކެންސަލް ކޮށްފަ އެވެ.

ޝަހުޝު އޮޅުވާލި ކަމަށް ބުނާ މިމައްސަލާގައި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުމެވެ. އަދި ހުލާސާ ބަޔާން އިއްވާ ދުވަހު ހުކުމް ކުރާނެ ކަމަށްވެސް ބެލެވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް