ކ. މާލެ
|
20 ޖޫން 2018 | ބުދަ 14:52
ޖޭޕީގެ ލީޑަރުކަމުގައި ހުންނެވި ގާސިމް އިބްރާހީމް: ގާނޫނަށް ގެނައި ބަދަލާ އެކު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ލީޑަރުކަމުގައި ނުހުރެވޭ
ޖޭޕީގެ ލީޑަރުކަމުގައި ހުންނެވި ގާސިމް އިބްރާހީމް: ގާނޫނަށް ގެނައި ބަދަލާ އެކު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ލީޑަރުކަމުގައި ނުހުރެވޭ
މުހައްމަދު ޝަރުހާން
ޖޭޕީގެ ލީޑަރު
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލާ!
ގާސިމް ކުރިމަތި ނުލެއްވީ ގާނޫނީ ހުރަސްތައް ހުރުމުން
ގާސިމަކީ މިއަދު ވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް އެޕާޓީން ދެކޭ
ލީޑަރުގެ މަގާމާ މެދު ކޮންގްރެސްގައި މަޝްވަރާ ކުރާނެ

ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް ކުރިމަތި ލުމަށް ފުރުސަތު ހުޅުވާލުމުން އެމަގާމަށް އެއްވެސް ފަރާތަކުން ކުރިމަތި ނުލިއެވެ. 

ޖުމްހޫރީ ޕާޓީގެ އޮފީސް އަދި ޖަގަހަ ހުންނަ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް އެއްވެސް ބޭފުޅަކު ކުރިމަތި ނުލެއްވީ އެޕާޓީގެ ލީޑަރަކީ ގާސިމް ކަމަށް ޕާޓީގެ މެމްބަރުންނަށް ގަބޫލު ކުރެވޭތީ ކަމަށެވެ. ނަމަވެސް ސިޔާސީ ޕާޓީގެ ގާނޫނަށް މި ސަރުކާރުން ގެނައި އިސްލާހަކާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމު ވަނީ ގެއްލުވާލާފައެވެ.

ސިޔާސީ ޕާޓީގެ ގާނޫނަށް ގެނައި އިސްލާހުގައި، ޖިނާއީ ކުށެއްގައި ޖަލު ހުކުމެއް އައިސްފައިވާ މީހަކަށް ސިޔާސީ ޕާޓީއެއްގެ ރައީސަކަށް ނުހުރެވޭނެ ކަމަށް ބުނެފައި ވެއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ގާސިމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމަށް އެޕާޓީން ގަބޫލު ކުރެއެވެ. 

އެހެންކަމުން ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމާ މެދު ހުކުރު ދުވަހު ޕެރަޑައިސް އައިލެންޑްގައި ބާއްވާ އެޕާޓީގެ ކޮންގްރެސްގައި މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ. 

ޖަލަށް ހުކުމްކުރާ ބޭފުޅުންނަށް ސިޔާސީ ޕާޓީއެއްގެ ރައީސްގެ މަގާމުގައި ނުހުންނެވޭނެ ކަމަށް ބުނެ، ސަރުކާރުގެ ނުފޫޒުން އެ ގާނޫނު ފާސްކުރި ނަމަވެސް އިދިކޮޅު ސިޔާސީ ޕާޓީތަކުން އެޕާޓީތަކުގެ ލީޑަރުންގެ މަގާމު ގެއްލިފައިވާ ކަމަށް ނިންމާފައެއް ނުވެއެވެ.

އެގާނޫނު ފާސްކުރުމަށް ފަހު އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވަނީ ޖަލަށްލާފައެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމްގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ލީޑަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ލީޑަރު ޝެއިހު އިމްރާން އަބްދުﷲ ހިމެނެއެވެ. 

ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ އިތުރުން އެ ޕާޓީތަކަށް ނިސްބަތްވާ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ޖަލަށްލާފައި ވެއެވެ. އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރަށް ކެނޑިނޭޅި ބޭރު ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ސިޔާސީ ފަރާތްތައް މިނިވަން ކުރުމަށް ދަނީ ގޮވާލަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް