ކ. މާލެ
|
19 ޖޫން 2018 | އަންގާރަ 18:30
އޭސީސީން ވަނީ ބްރޯޑްކޮމްގެ މައްސަލަ ނުބެލޭނެކަން އަންގާފައި
އޭސީސީން ވަނީ ބްރޯޑްކޮމްގެ މައްސަލަ ނުބެލޭނެކަން އަންގާފައި
ސަން އޮންލައިން
ބްރޯޑްކޮމް
ބްރޯޑްކޮމް އިން ގާނޫނާ ހިލާފަށް މީޑިޔާތަކާމެދު ފިޔަވަޅު އަޅާ މައްސަލަ ނުބެލޭނެ ކަމަށް އޭސީސީން އަންގައިފި
މި މައްސަަލަ ހުށަހެޅީ ރާއްޖެޓީވީ އިން
މި މައްސަލަ ހުށަހެޅީ ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މީޑިޔާތައް ޖޫރިމަނާ ކުރަމުންދާތީ

ގާނޫނުން ލިބިދީފައިނުވާ ބާރެއްގެ ބޭނުން ކޮށްގެން ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިޔާތަކާމެދު ފިޔަވަޅުއަޅާ މައްސަލަ ނުބެލޭނެ ކަމަށް އެންޓި ކޮރަޝަން ކޮމިޝަން( އޭސީސީ) ނިންމައިފި އެވެ.

އޭސީސީން މި ގޮތައް ނިންމީ އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ހަތް ވަނަ މާއްދާ އާއި ނުވަ ވަނަ މާއްދާ އާއި 11 ވަނަ މާއްދާ އަކީ ފުލުހުން މައްސަލަތައް ތަހްގީގުކޮށް ޕްރޮސެކިއުޓާރ ޖެނަރަލް އޮފީހަށް ފޮނުވުމުގެ ބާރު ލިބޭ މާއްދާ ތަކެއް ކަމަށްވިއަސް އެ މާއްދާތަކުގެ ބޭނުން ކޮށްގެން ބްރޯޑްކޮމް އިން މީޑިޔާތަކަށް ފިޔަވަޅުއަޅާ މައްސަލަ ބަލާ ދިނުމަށް ރާއްޖެޓީވީން އެދުމުންނެވެ.

މި މަހުގެ 14 ވަނަ ދުވަހު ރާއްޖެޓީވީން އޭސީސީއަށް ހުށަހެޅި މައްސަލަގައި ބުނެފައިވަނީ ގާނޫނީ އިމުގެ ބޭރުން ބްރޯޑްކޮމް އިން މީޑިޔާތަކާމެދު ފިޔަވަޅުއަޅަމުންދާ ކަމަށާއި އަދި ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ މީޑިޔާތައް ތަފާތު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަމުންދާ ކަމަށެވެ. އެހެން ކަމުން ގާނޫނީ އިމުގެ ބޭރުން ދައުލަތައް ނާޖައިޒް ފައިދާއެއް ހޯދާ ދިނުމަށް ބްރޯޑްކޮމްގެ މެމްބަރުން ކުރަމުންދާ ކަންކަން ހުއްޓުވާ ދިނުމަށް ރާއްޖެޓީވީން އެދޭ ކަމަށެވެ.

މި މައްސަލަ ބެލުމާމެދު އޭސީސީން ނިންމާފައިވާ ގޮތް ހާމަކޮށް ހޯމަ ދުވަހު ރާއްޖެޓީވީއަށް ފޮނުވި ލިޔުމުގައި އޭސީސީން ބުނެފައިވަނީ ދައުލަތުގެ ތަންތަނުން ކުރާ ޖޫރިމަނާގެ މައްސަލައަކީ އެ ކޮމިޝަނުން ބަލަން ހަމަ ޖެހިފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެއް ނޫން ކަމަށެވެ. އަދި ހުށަހަޅާފައިވާ އެ މައްސަލަ ޝަރުއީ ކޯޓަކަށް ހުށަހަޅަންވާނެ ކަމަށް ވެސް އޭސީސީން ބުނެފައިވެ އެވެ.

ބްރޯޑްކޮމް އިން ދަނީ އެކި މީޑިޔާތައް ތަފާތުކުރުން ބޮޑު ގޮތެއްގައި ޖޫރިމަނާ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް