ކ. މާލެ
|
19 ޖޫން 2018 | އަންގާރަ 19:41
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން
ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސްގެ ޝަރީއަތް
ހެކިބަސްދިން 5 މީހުންވެސް ބުނަނީ ފާރިސް ވާހަކަ ދެއްކެވީ ޕީޕީއެމްގެ ނަމުގައި ނޫން ކަމަށް!
ދައުލަތުގެ ހުށަހެޅި ދެ ހެކީން ބުނީ ފާރިސް ވާހަކަ ދެއްކެވީ ޕީޕީއެމް ނަމުގައި ކަމަށް
ނަމަވެސް ފާރިސްގެ ފަރާތުން ހުށަހެޅި 5 ހެކީން ބުނީ ޕީޕީއެމް ނަމުގައި ފާރިސް ވާހަކަ ނުދައްކަވާ ކަމަށް
މާދަމާ ހުލާސާ ބަޔާން އިއްވުން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުން ކުރައްވާފައިވާ ކަމަށް ބުނެ، ދައުވާކުރިނަމަވެސް ޕީޕީއެމް ނަމުގައި ފާރިސް ވާހަކަ ދައްކާފައި ނުވާކަމަށް ބުނެ ފާރިސްގެ ދިފާއުގައި ފަސް މީހެއް ޝަރީއަތުގެ އަޑުއެހުމުގައި ހެކިބަސް ދީފި އެެވެ.

ޕީޕީއެމްގެ ނަމުގައި ފާރިސް ވާހަކަ ނުދައްކަވާ ކަމަށް ފަސް މީހަކު ހެކިބަސް ދީފައިވާއިރު، މިދިއަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ބޭއްވި ހެކިބަސް ނެގުމުގެ އަޑުއެހުމެއްގައި، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ދެ ހެކިން ބުނެފައި ވަނީ ފާރިސް ވާހަކަ ދެއްކެވީ ޕީޕީއެމް ނަމުގައިއެވެ. އަދި ގިނަ ކަންތައްތަކެއް ހަނދާން ނެތް ކަމަށް ވެސް ބުނެފައި ވެއެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުން ކުރައްވާފައިވާ ކަމަށް ބުނެ، ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާއާ ގުޅިގެން އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ފަސް މީހެއްގެ ހެކިބަސް ވަނީ ނަގާފަ އެވެ. 

ހެކިބަސް ދީފައިވަނީ ޕީޕީއެމް ރައީސް މައުމޫން ފެކްޝަން އަދި ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު އާމިނަތު ނާދިރާއާއި ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމްއާއި ޕީޕީއެމް އުފެއްދުމުގައި ރައީސް މައުމޫނާއި ފާރިސްއާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވި އިބްރާހިމް އަފްރާދު އާއި ސަންގު ޓީވީގެ ވީޑިއޯ ޖާނަލިސްޓު އަހުމަދު މުހައްމަދާއި ނޫސްވެރިޔާ އަޒްމޫން އަހުމަދު އެވެ. 

މި އެންމެންވެސް ހެކިބަސް ދެމުން ބުނީ މިދިއަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުންނާއި ރައީސް މައުމޫން ފެކްޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް މައުމޫން ބައިވެރިވެވަޑައިގެންނެވީ ޕީޕީއެމްގެ ރައީސް މައުމޫންގެ ފަރާތުން ކަމަށާއި ޕީޕީއެމްގެ ނަމުގައި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސް ވާހަކަ ދައްކާފައި ނުވާކަމަށެވެ. އަދި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ފާރިސް ގެންގުޅުއްވާފައި ނުވާ ކަމަށެވެ.

ރައީސް މައުމޫން ފެކްޝަނުގެ ނާދިރާއާއި އަލީމް ވިދާޅުވީ ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް ފާރިސްގެ ސުލޫކީ މައްސަލައެއް ހުށަހެޅި، އަދި ފާރިސް ވަކިކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް ޕީޕީއެމްގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ ހިފާލަށް ޕީޕީއެމް ހިންގެވުން ޕީޕީއެމް މުސްތަޝާރު ރައީސް ޔާމީން ޕީޕީއެމް ހިންގަވަން ފެއްޓެވި ހިސާބުން ޕީޕީއެމުން ފާރިސް ވަކިކުރަން އެޕާޓީން ނިންމިނަމަވެސް އެއީ ބާތިލް ނިންމުމެއް ކަމަށް އެ ދެ ބޭފުޅުންވެސް ވިދާޅުވި އެވެ. 

ރައީސް މައުމޫންގެ ފެކްޝަންގެ ނާދިރާއާއި އަލީމް ވިދާޅުވީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދުވަސްވަރު، ކެމްޕެއިން ކުރެއްވުމަށް ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކުރެއްވި ކަމުގެ ޝަކުވާ ޕާޓީ އަށް ލިބިފައިވާ ކަމަށެވެ. އެކަމުގެ މައުލޫމާތު ޕާޓީގެ އިސް ބޭފުޅުންގެ ސަމާލު ކަމަށް ގެންނެވުމުން، އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ޝިޔާމާއި ތޯރިޤް މަޖިލިސް ގޮނޑި ކާމިޔާބި ކުރެއްވީ އަމިއްލަ މެމްބަރުންގެ ގޮތުގައި ވާދަކުރައްވައިގެން ނެވެ. 

ޕީޕީއެމްގެ ލޯގޯއާއި ދިދަ ފާރިސް ބޭނުން ކުރިކަމަށް ދައުލަތުން ބުނާ ނޫސްވެރިންގެ ބައްދަލުވުމުގައި ފާރިސްގެ އިތުރުން ބައިވެރިވެވަޑައިގަންނަވާފައި ވަނީ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)، އަދާލަތު ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް