ކ. މާލެ
|
19 ޖޫން 2018 | އަންގާރަ 15:00
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް އިން 'ހެސަ ވާދަ-2018' ގެ ނަމުގައި މުބާރާތެއް ފަށަނީ!
ހެސަ ވާދަ މުބާރާތް ކުރިއަށްދަނީ ހުކުރު ދުވަހު
މި ހަރަކާތް ކުރިއަށްދަނީ އިންޑަސްޓްރިއަލް ޒޯނުގައި

އެމްއެންޑީއެފް އިން "ހެސަ ވާދަ – 2018" ގެ ނަމުގައި އަންނަ ހުކުރު ދުވަހުގެ ރޭ މުބާރާތެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ވާދަވެރި ރޫހެއްގައި ހަށިހެޔޮކަން ދެމެހެއްޓުމާ ގުޅުން ހުރި އަދި ދިވެހިން ޒަމާނުއްސުރެ ކުރަމުން އައި މަސައްކަތްތަކާއި، ދިވެހި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް އަދި ދިވެހިންގެ އާދަކާދަ ދިރުވައި އާލާކުރުމުގެ މަގުސަދުގައި އެމްއެންޑީއެފް އިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށެވެ.

ހާއްސަ ރަސްމިއްޔާތަކާއި އެކު އަންނަ ހުކުރު ދުވަހުގެ ރޭ 08:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މާލެ ސިޓީ ދެކުނު ފަރާތު އިންޑަސްޓްރިއަލް ޒޯނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އިވެންޓްތައް އޮންނާނީ ކޮންމެ ރެއެއްގެ 08:00 އިން 12:00 އަށެވެ. މި މުބާރާތުގެ އިވެންޓުތައް ބެލުމުގެ އިންތިޒާމް، އިވެންޓްތައް ކުރިއަށްދާ ވަގުތުތަކުގައި އާންމުކޮށް ހުޅުވާލާފަވާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

"ހެސަ ވާދަ – 2018" ގައި ބައިވެރިވާ ޓީމްތަކުން މި ޗެލެންޖުގައި ފުރިހަމަ ކުރަންޖެހޭ އިވެންޓްތަކުގެ ތެރޭގައި ދުވުން، ތަންޑިޔާ އުފުލުން، ދޯނި އެހެލުން، ގަސްކެނޑުން، ރުކަށްއެރުން، ވަޅުދިޔަ ހިއްކުން، ލަނބުރާން ޖެހުން އަދި ލަނބުރާން ތިރިކުރުން، ވެލި އުފުލުން، ގަސް ކީހުން، ދަރުފެޅުން، ކާށި ހެހުން، ޖޯލިގެތުން، ވަލުން އެރުން އަދި ފާރަށްއެރުން ހިމެނޭ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި މުބާރާތުގައި އެމްއެންޑީއެފްގެ 17 ޔުނިޓެއް ބައިވެރިވެފައިވާއިރު މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ މެދުގައި އެންމެ އަވަހަށް އިވެންޓްތައް ފުރިހަމަކުރާ ތިން ޓީމެއް ހޮވައި ވަނަ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

"ހެސަ ވާދަ – 2018" އަކީ ސިފައިންގެއަށް މުޅިން އަލަށް ތަޢާރަފް ކުރެވޭ މުބާރާތެކެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް