ކ. މާލެ
|
18 ޖޫން 2018 | ހޯމަ 17:37
ކުރީގެ ނައިބް ރައީސް އަދީބު
ކުރީގެ ނައިބް ރައީސް އަދީބު
އަޒުމޫން އަހުމަދު
އަހުމަދު އަދީބު
އަދީބަށް ސްޕެޝަލް ޕްރޮޓެކްޝަން ހަމަޖައްސާދެވެން ނެތް: ކަރެކްޝަންސް
އަދީބަކީ ސްޕެޝަލް ޕްރޮޓެކްޝަން ދޭންޖެހޭ ކަމަށް ކަނޑައަޅާފައިނުވާ ފަރާތެއް
އަދީބަށް ވެސް ލިބޭނީ މަހަކު އެއް އާއިލީ ބައްދަލުވުން
ސްޕެޝަލް ޕްރޮޓެކްޝަން ހަމަޖައްސައި ނުދޭ ސަބަބު ހާމައެއް ނުކުރޭ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ސްޕެޝަލް ޕްރޮޓެކްޝަން ހަމަޖައްސައި ދެވެން ނެތްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އާއިލާއަށް އަންގައިފި އެވެ.

ކަރެކްޝަނުން މިގޮތަށް އަންގާފައިވަނީ އަދީބުގެ އަނބިކަނބަލުން މަރްޔަމް ނަޝްވާ މިމަހުގެ 11 ވަނަ ދުވަހު ކަރެކްޝަންސްއަށް ފޮނުވި ސިޓީއަކާއި ގުޅިގެންނެވެ.

ކަރެކްޝަންސްއިން ނަޝްވާއަށް މިއަދު ފޮނުވާފައިވާ ސިޓީ އޭނާ ވަނީ ޓްވީޓާ މެދުވެރިކޮށް އާއްމުކޮށްފައިވައެވެ.

އެސިޓީގައި ބުނެފައިވަނީ އަދީބަކީ ސްޕެޝަލް ޕްރޮޓެކްޝަން ދޭންޖެހޭ ކަމަށް ކަނޑައަޅާފައިވާ ފަރާތަކަށް ނުވާތީ ސްޕެޝަލް ޕްރޮޓެކްޝަން ހަމަޖައްސައި ދެވެން ނެތް ކަމަށެވެ. އަދި އެހެން ގައިދީންނެކޭ އެއްފަދައިން އަދީބަށް ވެސް ލިބޭނީ މަހަކު އެއް އާއިލީ ބައްދަލުވުން ކަމަށް އެސީޓީގައި ބުނެފައިވެއެވެ.

ކަރެކްޝަންސްގެ މިއެންގުމާއި ގުޅިގެން ނަޝްވާ ވިދާޅުވީ އަދީބަށް ސްޕެޝަލް ޕްރޮޓެކްޝަން ހަމަޖައްސައި ނުދެނީ ކީއްވެގެންތޯ ސުވާލު ކޮށްފައިވާނެ ކަމަށާއި ނަމަވެސް ޖަވާބު ލިބިފައި ނުވާ ކަމަށެވެ. މީގެ އިތުރުން ނަޝްވާ ވަނީ ކަރެކްޝަންސްގެ ސިޓީގައި ބަޔާންކޮށްފައިވާ އެހެން ގައިދީންނަކީ ކޮބައިތޯ ވެސް ސުވާލުކުރައްވާފަ އެވެ.

ކަރެކްޝަންސްއިން މީގެ ކުރިން އަދީބަށް ސްޕެޝަލް ޕްރޮޓެކްޝަން ދިން ކަމަށާއި ސްޕެޝަލް ޕްރޮޓެކްޝަން ހުއްޓާލީ އެސެސްމެންޓު ރިވިއު ކުރުމަށްފަހު ކަމަށް ކަރެކްޝަންސްއިން ބުނެފައިވާތީ ރައްދުދެއްވައި ނަޝްވާ ވިދާޅުވީ އަދީބަށް އެއްވެސް އިރެއްގައި ފުލް ޕްރޮޓެކްޝަން ނުދޭ ކަމަށެވެ.

ނަޝްވާ ވިދާޅުވީ މީގެ ކުރިން ލިބެމުންދިޔަ އާއިލީ ބައްދަލުވުންތަކަކީ ދޫނިދޫއަށް އަދީބު ބަދަލުކޮށްފައި ހުރިއިރުގައި ލިބުނު ބައްދަލުވުންތަކެއް ކަމަށެވެ. އަދި އެބައްދަލުވުންތައް ކުރިއަށް ގެންދިޔައީ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

ނަޝްވާ އިތުރަށް ވިދާޅުވީ އަދީބާމެދު ކަރެކްޝަންސްއިން ކަންތައްތައް ކުރާ ގޮތާއި، ކަންތައްތައް ހިންގާ ގޮތް ބެލުމަށް ބޭނުންވާ ކަމަށާއި، އަދީބާއި މެދު ކަރެކްޝަންސްއިން އަމަލުކުރަނީ ތަފާތު ކޮށް ކަމަށެވެ.

ނަޝްވާ ވިދާޅުވީ ދައުލަތުގެ އިސް މަގާމުތައް ފުރުއްވުމަށްފަހު ޖަލުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ސްޕެޝަލް ޕްރޮޓެކްޝަންގެ ދަށުން ލިބޭ އިނާޔަތްތައް ހަމަޖައްސައި ނުދެއްވަނީ ހަމައެކަނި އަދީބަށް ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ އަދީބަށް އެކަށީގެންވާ ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްނުދޭ ކަމަށް ބުނެ އާއިލާއިން އަންނަނީ ތަކުރާރުކޮށް، ކަންބޮޑުވުންފާޅު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް