ކ. މާލެ
|
18 ޖޫން 2018 | ހޯމަ 17:55
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން
މުހައްމަދު ޝަރުހާން
ފާރިސްގެ ޝަރީއަތް
ޕެޓިޝަން ކޮމެޓީގައި ފާރިސް އިންނެވީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ވަކިކުރިކަން އެނގިފައެއް ނެތް: ދިފާއީ ހެކި
ދިފާއީ ހެކީންގެ ގޮތުގައި 47 މީހަކު
ގިނައީ ޕީޕީއެމް މަޖިލިސް މެމްބަރުން
ޕީޖީ ބިޝާމް، އޭޖީ އަނިލް، އެކްޓިން ޕޮލިސް ކޮމިޝަނަރ ނަވާޒު ވެސް ދިފާއީ ހެކީންގެ ތެރޭގައި ހިމެނޭ

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އިންނެވީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކަމަށާއި މިހާތަނަށް އެ ކޮމެޓީގެ މެމްބަރުކަމުން ފާރިސް ވަކިކުރިކަން އެނގިވަޑައިގެންފައިނުވާ ކަމަށް އެ ކޮމެޓީގެ ނައިބު މުގައްރިރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުން ކުރައްވާފައިވާ ކަމަށް ބުނެ، ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ފާރިސްގެ ދިފާއީ ހެކިވެރިއެއްގެ ގޮތުގައި މެމްބަރު މުހައްމަދު އަބްދުލްކަރީމް ހާޒިރުކުރީ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ މެމްބަރެއްގެ ގޮތުންނެވެ.

ހެކިބަސް ދެއްވަމުން ވިދާޅުވީ އޭނާ އަކީ މަޖިލީހުގެ ޕެޓިޝަން ކޮމެޓީގެ ނައިބު މުގައްރިރު ކަމަށެވެ. އޭނާއާއެކު ފާރިސް ވެސް އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ކަމަށާއި އަދި ފާރިސް އެ ކޮމެޓީގައި ތަމްސީލް ކުރެއްވީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ކަމަށް މުހައްމަދު އަބްދުލް ކަރީމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ފާރިސް ހައްޔަރު ކުރުމުން އެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި، ފާރިސް އެ ކޮމެޓީ އަށް ހާޒިރުކުރަން ނިންމި ކަމަށް ވެސް މުހައްމަދު އަބްދުލް ކަރީމް ވިދާޅުވި އެވެ. ކޮމެޓީން އެ ގޮތަށް ނިންމި ނަމަވެސް އެކަން މަޖިލީހުގެ އިދާރާއަށް ހުށަހެޅި ހިސާބުން ދެން އެކަން ހިނގާދިޔަ ގޮތެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ދައުލަތުން ކުރެއްވި ސުވާާލުތަކަށް ޖަވާބުދެއްވަމުން މުހައްމަދު އަބްދުލް ކަރީމް ވިދާޅުވީ، ކޮމެޓީގައި ޕީޕީއެމް ތަމްސީލް ކުރައްވަނީ އެންމެ ބޭފުޅެއް ނޫން ކަމަށާއި އިތުރު ބޭފުޅުން ތިއްބަވާ ކަމަށެވެ. 

ހެކީންގެ ގޮތުގައި 47 މީހެއް ފާރިސްގެ ފަރާތުން ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ޕީޕީއެމަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނެވެ. އަދި ދައުލަތުގެ އިސް މަގާމުތައް ފުރުއްވި އަދި މިހާރުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅުން ވެސް ހިމެނެއެވެ.

ފާރިސް ވަނީ އެކަށީގެންވާ ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، ފުރުސަތު ދެއްވާކަން ދައްކަން ކޮށްމެހެން ކޯޓަށް ހާޒިރު ކުރުމުގެ ބޭނުމެއް ނެތްކަމަށާއި ގާޒީ ބޭނުންވެލައްވާ ގޮތަށް ހުކުމް ކުރެއްވިޔަސް އެންމެ ރަނގަޅު ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވާފަ އެވެ.

ފާރިސް ވިދާޅުވީ ދިފާއުގައި ހުށަހެޅި 47 ހެކީންގެ ހެކިބަސް ނުނެގެންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ދައުލަތުން ދިފާއީ ހެކިބަސް ނެގުމަށް ދެކޮޅު ހެދި ނަމަވެސް އެއީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށެވެ.

ހޯމަ ދުވަހުގެ އަޑުއެހުން ނިންމާލައްވަމުން، އަންގާރަ ދުވަހު ވެސް އަޑުއެހުމެއް އޮންނާނެ ކަމަށް ގާޒީ އިބްރާހިމް އަލީ އިއުލާން ކުރެއްވި އެވެ. އަދި ހުލާސާ ބަޔާން އިއްވުމަށް ތައްޔާރުވެގެން ވަޑައިގެންނެވުމަށް އެންގެވި އެވެ.

ނުރުހުން ފާޅުކުރައްވަމުން ފާރިސް ވިދާޅުވީ އިސްކަންދޭންވީ ހެކީންގެ ލިސްޓް ހަދައި އެ ހެކީންނާއި ކުރާނެ ސުވާލުތައް ތައްޔާރުކޮށް ހެކިން ކޯޓަށް ހާޒިރު ކުރުމަށް މަސައްކަތް ކުރުމަށް ކަމަށެވެ. ހެކިބަސް ވަޒަން ކުރުމަށް ފަހު ހުލާސާ ބަޔާން ހުށަހެޅުމަށް ތައްޔާރުވުމަކީ ޖަލު ބަންދުގައި ހުރި މީހަކަށް 24 ގަޑިއިރުގެ ތެރޭގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ފާރިސް ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް