ކ. މާލެ
|
18 ޖޫން 2018 | ހޯމަ 13:27
އިލެކްޝަންސް ކޮމިޝަނާ އެކު އެމްޑީޕީން ބޭއްވި މަޝްވަރާ ބައްދަލުވުން
އިލެކްޝަންސް ކޮމިޝަނާ އެކު އެމްޑީޕީން ބޭއްވި މަޝްވަރާ ބައްދަލުވުން
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ޝަކުވާ ހުށަހަޅަން ހުރަސްތައް ހުރުމުން އެމްޑީޕީ އިން އީސީއާ މަޝްވަރާކޮށްފި
ޝަކުވާތައް އެއްކޮަށް ހުށަހަޅަން ފުރުސަތު ދޭން އުޅުނު
ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ މަހު 10ގައި ހަމަވާނެ
އިންތިހާބަށް ހުޅުވާލާނީ އަންނަ މަހު 15ގައި

ސެޕްޓެމްބަރު މަހު 23ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަން ހުރި ދަތިތައް ހައްލުކޮށް ދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އެމްޑީޕީން އެދިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި އެ ކޮމިޝަންގެ ބައެއް މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު އެ ކޮމިޝަނުން ނުކުމެވަޑައިގެން މީޑިއާތަކަށް މައުލުމާތު ދެއްވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު އަސްލަމް ވިދާޅުވީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމު ތައްޔާރުކޮށްފައި ވަނީ ޕާޓީތަކުން ޝަކުވާ ހުށަހެޅޭ ގޮތަށް ނޫން ކަމަށެވެ.

އަސްލަމް ވިދާޅުވީ ޝަކުވާ ފޯމާ އެކު ހުށަހަޅަންޖެހޭ ގޮތަށް މަޖުބޫރުކޮށްފައިވާ ސަޕޯޓިން ޑޮކިއުމަންޓްތަކަކީ ޝަކުވާ ހުށަހަޅަން ދީފައިވާ މުއްދަތުގެ ތެރޭގައި އެއްކުރެވޭނެ ލިޔުންތަކެއް ނޫން ކަމަށެވެ.

"ސަޕޯޓިން ޑޮކިއުމަންޓް ހޯދުމަކީ އެހާ ފަސޭހަ ކަމަކަށް ނުވޭ. މިސާލަކަށް ނިޔާވެފައިވާ ފަރާތެއް ވަކި ގެއަކުން، އައިޑެންޓިފައި ކުރެވުނީ އެފަދަ ހާލަތެއްގައި އެ މީހަކީ މަރުވެފައިވާ މީހެއްކަން ޔަގީންކޮށް ދިނުމަށްޓަކައި ބޭނުންވާ މަރު ފޯމް ނުވަތަ އެ އޮންނަ ލިޔުމެއް، އެ ގޮތަށް އެ ޑޮކިއުމަންޓުތައް ހޯދުމަކީ ފަސޭހަ ކަމަކަށް ނުއެއްވޭ. ޝަކުވާ ހުށަހަޅަންޖެހޭ މީހާގެ މައިންބަފައިގެން މައުލޫމާތު ވެސް ހުށަހަޅަންޖެހޭ. އެވަރަށް އެބަ ލިޔަންޖެހޭ. އެފަދަ މައުލުމާތުތައް ހޯދައިގެން އެކަން ކުރަން ވަރަށް ދަތިވޭ. މި މުއްދަތުގެ ތެރޭގައި،" އަސްލަމް ވިދާޅުވިއެވެ.

ވޯޓާސް ލިސްޓާ ގުޅޭ ގޮތުން އެމްޑީޕީއަށް ޝަކުވާ ލިބެމުންދާ ކަމަށް އިޝާރާތްކޮށް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވީ އެމްޑީޕީއަށް ލިބިފައިވާ ޝަކުވާތައް ވަކިވަކިން ހުށަހެޅުމުގެ ބަދަލުގައި އެއްކޮށް ހުށަހެޅޭނެ ގޮތެއް ހަދައި ދިނުމަށް އީސީގައި އެދިފައިވާނެ ކަމަށެވެ.

އީސީގައި ބޭއްވި ބައްދަލުވުމަށް ފަހު އެ ކޮމިޝަނުން ނުކުމެވަޑައިގެން ދެއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ، އަލީ ނިޔާޒު ވިދާޅުވީ އައިޑީކާޑުގެ ނަމްބަރު ނުހިމަނައި ވޯޓާސް ލިސްޓް އާންމުކޮށްފައި ވާތީ، އެކަމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އައިޑީކާޑުގެ ނަމްބަރު ނުހިމެނުމުން މައްސަލަ ދިމާވެދާނެ ކަމަށާއި އެގޮތުން އައިޑީކާޑުގެ ނަމްބަރު ވޯޓާސް ލިސްޓްގައި ނުބައިކޮށް އޮވެއްޖެ ނަމަ އެކަން ރަނގަޅު ކުރެވޭނެ ގޮތެއް މިހާރު އާންމުކޮށްފައިވާ ލިސްޓުން އެނގެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އައިޑީކާޑު [ނަމްބަރު] ނެތި ކިހިނެއްތޯ އިނގޭނީ މީހެއް ނަން ރިޕީޓުވެފަ އިންތޯ؟ އެހެން ގެއެއްގައި ރަޖިސްޓްރީވެފައި އޮއްތޯ. އެބޭފުޅުން ވެސް އެބަ ގަބޫލު ކުރައްވާ އައިޑީކާޑުގައި ވެސް މައްސަލަ ހުރެދާނެ ކަމަށް. ކިހިނެއްތޯ އިނގޭނީ އައިޑީކާޑު ނަމްބަރު ނޭނގި އަޑީކާޑުގައި މައްސަލައެއް ހުރެދާނެކަން ވެސް،" ނިޔާޒު ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 263,183 މީހުންނަށެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަލަށް ވޯޓުލާ ނިސްބަތް ނުވަ ޕަސެންޓަށް އިތުރުވެފައިވާއިރު، ރިޔާސީ އިންތިހާބުގައި އަލަށް 24،000 ވުރެ ގިނަ ޒުވާނުން ވޯޓުލާނެއެވެ.

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ވޯޓާސް ލިސްޓު އާންމުކޮށްފައިވާއިރު، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 10އަށް ހަމަވާނެއެވެ. އަދި އަންނަ މަހުގެ 15 އިން ފެށިގެން 10 ދުވަހަށް ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް