ކ. މާލެ
|
18 ޖޫން 2018 | ހޯމަ 13:05
ތާލިބާންގެ ހަނގުރާމަވެރިއަކު އަފްޣާނިސްތާނުގެ ސިފައިންގެ މީހެއްގެ ގައިގައި ބައްދަނީ
ތާލިބާންގެ ހަނގުރާމަވެރިއަކު އަފްޣާނިސްތާނުގެ ސިފައިންގެ މީހެއްގެ ގައިގައި ބައްދަނީ
އީޕީއޭ
އަފްޣާނިސްތާން ހަނގުރާމަ
އަފްޣާނިސްތާނުގެ ރައްޔިތުންގެ ތަރުހީބު ތާލިބާނަށް އޮއްސާލާފި!
ތާލިބާނުގެ ހަނގުރާމަވެރިންނަށް ރައްޔިތުން ތިބީ އިސްތިގުބާލުގައި
ތާލިބާނުން ބުނީ ވަގުތީ ގޮތުން ހަނގުރާމަ މެނދުކަޑާލީ ރައްޔިތުންނަށްޓަކައި ކަމަށް
ތާލިބާނުން ބުނީ އެ މީހުންގެ މަސައްކަތް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށް

އަފްޣާނިސްތާނުގައި 19 އަހަރަށް ފަހު ސަރުކާރާއި ތާލިބާނުން ބަޑީގެ ހަމަލާތައް ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލައި، ރައްޔިތުންނާ އެކު ވަގުތުކޮޅު ހޭދަކޮށްލުމުން އެ ޖަމާއަތުން ކުރަމުންދާ މަސައްކަތަށް ތަރުހީބު އޮތް މިންވަރު ފެނިއްޖެ ކަމަށް ތާލިބާނުން ބުނެފިއެވެ.

ސަރުކާރާ އެކު ކުރާ ހަނގުރާމަ އީދު ދުވަހުން ފެށިގެން ތިން ދުވަހަށް ވަގުތީ ގޮތުން ހުއްޓާލުމާ އެކު ރައްޔިތުންގެ ކިބައިން ފެނުނީ ތާލިބާނުގެ ހަނގުރާމަ ވެރިންނަށް މަރުހަބާ ކިޔައި، އަތް ހުޅުވާލާގެން އޮޅުލައިގަތް މަންޒަރު ކަމަށާއި އެ މީހުން ދިޔައީ އެ ޖަމާއަތުގެ މަސައްކަތްތަކަށް ހިތްވަރު ދެމުން ކަމަށް އެ ޖަމާއަތުން ބުނެފައި ވެއެވެ. 

ސޯޝަލް މީޑިއާގައި ދައުރު ވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަމުން ދިޔައީ ތާލިބާނުންނާ އެކީގައި އެ ގައުމުގެ ރައްޔިތުން އުފާ ފާޅު ކުރަމުންދާތަނެވެ. މަގުތަކުން ދަތުރު ކުރަމުންދާ އުޅަނދު ފަހަރުތައް ވެސް މަޑުކޮށް ތާލިބާނުގެ ހަނގުރާމަވެރިންނާ އެކު ފޮޓޯ ނަގާ މަންޒަރެވެ. އޭގެ ސަބަބުން މުޅި މަގުތައް ވެސް ވަނީ ތޮއްޖެހިފައެވެ. އާންމު ރައްޔިތުން ދިޔައީ އެ ހަނގުރާމަވެރިންގެ ގައިގައި ބައްދާ ހިނިތުންވުމާ އެކީގައި ސަލާމް ކުރަމުންނެވެ. ހަމައެހެންމެ އަފްޣާނިސްތާނުގެ ސިފައިން ވެސް ދިޔައީ ލިބުނު ހަމަޖެހުމުގެ ވަގުތުކޮޅާ އެކު މި އުފަލުގައި ބައިވެރިވަމުންނެވެ

ތާލިބާނުން ބުނީ އެ މީހުންގެ ދުޝްމަނުން ދިޔައީ ވޭތުވެ ދިޔަ ދުވަސްތަކުގައި އެ ގައުމުގެ ރައްޔިތުން ކައިރީ ހަނގުރާމަވެރިން 20 ބަޔަށް ބައިބައި ވެފައިވާކަމުގެ ވާހަކަ ދައްކަމުން ކަމަށާއި އެހެން ނަމަވެސް މިއަދު އެއީ ދޮގެއްކަން އާންމުންނަށް އެނގިއްޖެ ކަމަށެވެ. އެ ދުޝްމަނުންގެ މަގްސަދަކީ ދޮގު ޕްރޮޕެގެންޑާ ފަތުރައިގެން މުސްލިމުން އެމީހުންނާ މެދު ނަފުރަތު ކުރުރުވުން ކަމަށް ވެސް ތާލިބާނުން ވަނީ ސިފަކޮށްފައެވެ.

ތާލިބާނުން ސަރުކާރާއި ހަނގުރާމަ ކުރުން ހުއްޓާލި ކަމުގައި ވީނަމަވެސް އެ މީހުން ދަނީ އަދިވެސް އެ ގައުމުގައި ތިބި ބޭރުގެ ހަނގުރާމަ ވެރިންނާ ހަނގުރާމަ ކުރަމުންނެވެ.

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣާނި ވަނީ ތާލިބާނަށް ހަމަލާ ނުދިނުމުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށް، އެ ޖަމާއަތުން ވެސް މުއްދަތު އިތުރު ކުރުމަށް އެދިފައެވެ. އަފްޣާނިސްތާނުގެ ރައީސް ވިދާޅުވީ އެ ގައުމު އަމާންކަންމަތީ މިގޮތަށް އޮންނަ ތަން ދެކެން ރައްޔިތުން ވެސް ބޭނުންވާ ކަމަށެވެ. ނަމަވެސް ސަރުކާރުގެ މި އިސްނެގުމަށް ތާލިބާނުން ނުރުހޭކަން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް ހަމަލާތައް ދިނުން މަޑުޖައްސައިލީ ސަރުކާރަށްޓަކައި ނޫން ކަމަށާއި އެކަން ކުރީ އަފްޣާނިސްތާނުގެ ރައްޔިތުންނަށް އީދުގެ އުފާ ފާޅުކުރުމަށް ފުރުސަތު ދިނުމަށް ކަމަށް އެ ޖަމާއަތުން ބުނެއެވެ. ތާލިބާނުން ބުނީ އެ މީހުން ބޭނުން ވަނީ އަފްޣާނިސްތާނު ހުޅަނގުގެ އަތްދަށުން ސަލާމަތްކުރަން ކަމަށާއި އެ ގައުމުގައި ތިބި އެ ގައުމުތަކުގެ މީހުން ބޭރު ކުރަން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް