ކ. މާލެ
|
17 ޖޫން 2018 | އާދީއްތަ 19:42
ތައިލެންޑްގެ ރަސްގެފާނު މަހާ ވަޖީރަލޮންކޯން
ތައިލެންޑްގެ ރަސްގެފާނު މަހާ ވަޖީރަލޮންކޯން
ރޮއިޓަރސް
ތައިލެންޑް ރަސްގެފާނު
ތައިލެންޑްގެ ޝާހީ އާއިލާގެ މުދާތައް ރަސްގެފާނުގެ ނަންފުޅު މައްޗަށް ބަދަލުކޮށްފި
ޝާހީ އާއިލާގެ މުއްސަނދިކަން 30 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާ

ތައިލެންޑްގެ ޝާހީ އާއިލާގެ މުދާތައް ރަސްގެފާނުގެ ނަންފުޅު މައްޗަށް ބަދަލުކޮށްފިއެވެ.

2016ވަނަ އަހަރު ވަޖީރަލޮންކޯން ތައިލެންޑްގެ ރަސްކަމުގެ ތަޚުތައް އިސްވެވަޑައިގަތީ އެމަނިކުފާނުގެ ބައްޕާފުޅު އަވަހާރަވުމާއި ގުޅިގެންނެވެ. ވަޖީރަލޮންކޯންގެ ނަންފުޅު މައްޗަށް ޝާހީ މުދާތައް ބަދަލުކޮށްފައިވަނީ ޝާހީ މުދާތައް މެނޭޖްކުރާ ކްރައުން ޕްރޮޮޕަރޓީ ބިއުރޯއިންނެވެ. އެމަނިކުފާނުގެ ނަންފުޅު މައްޗަށް މުދާތައް ބަދަލުކުރެވުނުއިރު، އެކަން ކުރާނެ ގޮތުގެ ޤާނޫނެއް މިދިޔަ އަހަރުވަނީ ފާސްކޮށްފައެވެ. 

ތައިލެންޑްގެ ޝާހީ އާއިލާއިން ކުރާ ވިޔަފާރިތަކުގެ މައްޗަށް ޓެކްސްއާއި ޑިއުޓީގެ ޤާނޫނުތައް ނުހިނގިނަމަވެސް، ޝާހީ މުދާތަކާއި އެއްކޮށްލެވުނު ރަސްގެފާނުގެ ކުރީގެ އަމިއްލަފުޅު މުދާތަކުން ޓެކްސް ނެގޭނެކަމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ. 

ރަސްގެފާނު ވަޖީރަލޮންކޯންގެ ބައްޕާފުޅު، ތައިލެންޑްގެ ކުރީގެ ރަސްގެފާނު ބުމިބޯލް އަދުލްޔަދޭޖްގެ ރަސްކަމުގައި ޝާހީ މުދާތައް މެނޭޖްކުރުމަށް ގަނޑުވަރުގައި ގިނަ ބޭފުޅުން ގެންގުޅުއްވިއެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބައެއް ބޭފުޅުން މަޤާމުން ދުރުކޮށް ރަސްގެފާނު ވަޖީރަލޮންކޯންގެ ފުރިހަމަ ބާރު މުދާތަކުގެ މައްޗަށް ހިނގާ ގޮތަށް ވަނީ ބަދަލުކޮށްފައެވެ. 

ތައިލެންޑްގެ ޝާހީ އާއިލާގެ އިންވެސްޓްމަންޓްތަކުގެ ތެރޭގައި ބޮޑެތި އިމާރާތްތަކާއި ބޮޑެތި ކުންފުނިތަކުގައި ކޮށްފައިވާ އިންވެސްޓްމަންޓްތައް ހިމެނެއެވެ. އަދި ރަސްގެފާނުގެ މުއްސަނދިކަން 30 ބިލިއަން ޑޮލަރާއި 60 ބިލިއަން ޑޮލަރާއި ދެމެދުގެ އަދަދަކަށް އަރާނެކަމަށް ފޯބްސްއިން އަންދާޒާކުރެއެވެ. ތައިލެންޑްގެ ޤާނޫނުތައް އޮންނަ ގޮތުން ރަސްކަމާއި ބެހޭ ގޮތުން، ޚާއްސަކޮށް ޒާތީކަންކަމާއި ގުޅޭ ގޮތުން ފާޅުގައި ވާހަކަ ދައްކަން ގިނަ މީހުންނަށް ނުކުރެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް