ކ. މާލެ
|
17 ޖޫން 2018 | އާދީއްތަ 19:23
ކަމަދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދު
ކަމަދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދު
ރާއްޖެއެމްވީ
ކައުންސިލަރުން ސަސްޕެންޑްކުރުނ
ކަމަދޫ ކައުންސިލަރު ސަސްޕެންޑްކުރިކަން އެނގުނީ ފުލުހުން އެންގުމުން!
ސަސްޕެންޑްކުރިއިރު ޖެމްސްގެ ޚިދުމަތް ނުލިބޭ
މައްސަލަތައް ހައްލުކޮށްދޭން އެތައް ފަހަރަކު އެލްޖީއޭގައި ދެންނެވި
ކައުންސިލްގެ ޒިންމާދާރު ވެރިޔާ އާއި އިދާރީ މުއައްޒަފުން އޭނާގެ ޒިންމާތަކާއި ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅި

ބ. ކަމަދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދު މަޤާމުން ސަސްޕެންޑްކުރިކަން އޭނާއަށް އެނގުނީ ފުލުހުން އެންގުމުންކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރާއްޖެ.އެމްވީ އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސާޖިދު ވިދާޅުވީ އޭނާއަށް ސަރުކާރުގެ ލިޔެކިޔުންތައް ފޮނުވުމަށް ބޭނުންކުރާ ޖެމްސް ސިސްޓަމަށް ނުވަދެވޭކަމަށާއި، އެމައްސަލައިގައި ލޯކަލް ގަވަރމަންޓް އޮތޯރިޓިއާއި، އެންސީއައިޓީގެ އިތުރުން ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާއަށްވެސް އެމައްސަލަ ހައްލުކޮށްދިނުމަށް އެދިފައިވާކަމަށެވެ.

ސާޖިދު ވިދާޅުވީ ކަމަދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށް ސާޖިދު މަޤާމުން ސަސްޕެންޑްކޮށްފައިވާކަމުގެ ލިޔުން އެލްޖީއޭއިން ފޮނުވުމުން އެކަމާއި ގުޅިގެން އެންމެ ފުރަތަމަ އޭނާ އާއި މުއާމަލާތު ނުކުރާކަމަށާއި، އޭނާ އެދުވަހު ހުރީ ޗުއްޓީއެއް ގައިކަމަށެވެ. އަދި އޮފީހުގެ ތަޅުދަނޑިތައް ހޯދަން އޭނާއަށް ގުޅުމުގެ ބަދަލުގައި ކައުންސިލްގައި ހުންނެވި މެމްބަރު، އަދި މިހާރުގެ ކައުންސިލްގެ ރައީސް، ފުރަތަމަވެސް ގުޅީ ފުލުހުންނަށްކަމަށާއި، ސަސްޕެންޑްކުރިކަން އެނގުނީ އޭދަފުށީގައި ތިބޭ ފުލުހުން އޭނާ ތަޅުދަނޑި ނުދީގެން އުޅެނީ ކީއްވެތޯ ސުވާލުކުރަމަށް ގުޅުމުންކަމަށެވެ. އަދި މަޤާމުން ސަސްޕެންޑްކުރިކަން އެނގިފައިނުވާކަމަށް ސާޖިދު ދެންނެވުމުން ފުލުހުން ސަސްޕެންޑްކުރި ކަމުގެ ލިޔުން ފޮނުވިކަމަށް ސާޖިދު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކަމަދޫ ކައުންސިލްގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ސާޖިދު މަޤާމުން ސަސްޕެންޑްކުރިއިރު، ކައުންސިލް ހިންގަން އުނދަގޫ ވެގެންނާއި، ޖެމްސްގެ ޚިދުމަތް ނުލިބުމާއި، ޕްރިންޓަރެއް ނެތުމުގެ ސަބަބުން މަސައްކަތްކުރަން ދަތިވެ، މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާއި ބެހޭ ގޮތުން ލަފާ ދިނުމަށް އެލްޖީއޭއަށް ތަކުރާރުކޮށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ސާޖިދު ސަސްޕެންޑްކޮށްފައިވަނީ ކަމަދޫ ކައުންސިލްގެ އިސް ބައެއް މުވައްޒަފުންނާއި ގުޅޭ މައްސަލައެއްގައި މައުލޫމާތު ސާފުކުރުމަށް، އޭސީސީއިން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ސާޖިދަށް އެންގުމުން، އެމައުލޫމާތު ހޯއްދެވުމަށް ސާޖިދު މަސައްކަތްކުރައްވަމުން ގެންދަވަނިކޮށެވެ.

ލޯކަލް ގަވަރމެންޓް އޮތޯރިޓީ އިން މެއި މަހުގެ 31 ގައި ސާޖިދު ސަސްޕެންޑްކުރިކަން އަންގައި ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އޭނާ ސަސްޕެންޑް ކޮށްފައި ވަނީ އެރަށު ކައުންސިލްގެ ރައީސްގެ މަގާމަށް މެމްބަރަކު އިންތިޚާބުކޮށްފައިނުވާ މައްސަލައާ ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތާއި ލިޔެކިއުމަށް ބެލިބެލުމުން ކަމަދޫ ކައުންސިލްގެ ރައީސްގެ މަގާމު ހުސްވިތާ 14 ދުވަހުގެ ތެރޭގައި އެމަގާމަށް މެމްބަރަކު އިންތިޚާބު ކޮށްފައި ނުވާތީ ކަމަށެވެ. އަދި ކަމަދޫ ކައުންސިލަށް ރައީސަކު އިންތިޚާބު ކުރުމަށް ދެ ފަހަރެއްގެ މަތިން އެލްޖީއޭ އިން ސާޖިދަށް އެންގި ކަމަށާއި އެހެން ނަމަވެސް އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް ވެސް އެ އޮތޯރިޓީން ސާޖިދު ސަސްޕެންޑު ކުރި ކަމަށް އަންގައި ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

ސަސްޕެންޑްކުރުމާއި ގުޅިގެން އެލްޖީއޭއަށް ފޮނުވާފައިވާ ސިޓީގައި ސާޖިދު ވިދާޅުވީ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އާއި ކައުންސިލްގެ އިދާރީ މުއައްޒަފުން ވަނީ އޭނާގެ ޒިންމާތަކާއި ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއަޅާފައި ކަމަށެވެ. އަދި އޭނާއަށް ޖެމްސްގެ ޚިދުމަތް ނުލިބޭތާ ގާތްގަނޑަކަށް 5 މަސް ދުވަސްވެފައިވާ ކަމަށާއި ބޭނުންކުރާ ސިސްޓަމްތަކަށް ސޮފްޓްވެއާގެ ޚިދުމަތް ނުލިބުމާއި ޑޮކިއުމެންޓް ނުވަތަ ލިޔުންތައް ޕްރިންޓްކުރެވޭނެ ޚިދުމަތް ވެސް ލިބިފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއަށް ވާނުވާ ގޮތް ސާފުކުރެވޭނެ ގޮތް ނުވެ އޮތުން ވެސް ސާޖިދު ވަނީ ފާހަގަކުރައްވާފައެވެ. އެދަތިތައް ފާހަގަކޮށް އެކައުންސިލްގެ ޒިންމާދާރު ވެރިޔާއަށް ފޮނުވާފައިވާ ސިޓީތައް ވެސް އޭނާ ވަނީ އެލްޖީއޭއަށް ފޮނުވާފައިވާ ސިޓީއާއެކު ފޮނުވާފައެވެ.

މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން ސާޖިދު ސަސްޕެންޑްކޮށްފައިވާއިރު، އެލްޖީއޭއިން ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ މައްސަލައިގައިވެސް ސާޖިދުގެ މައްސަލަ ބަލަމުންދާކަން ކައުންސިލަށް އަންގާފައެވެ.

މިކަމާއި ބެހޭ ގޮތުން އިތުރު ތަފްޞީލް ހޯދާލުމަށް ކަމަދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާއަށް ގުޅާލުމުން ވިދާޅުވީ މިވަގުތު ހުންނެވީ މާލޭގައިކަމަށާއި، ފަހުން މައުލޫމާތު ދެއްވާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް