ކ. މާލެ
|
17 ޖޫން 2018 | އާދީއްތަ 15:25
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
ރާއްޖެއެމްވީ
ވައްކަން ކުރުން
ރޭ މާލޭގައި ދެ ފިހާރައެއް ފަޅާލައިފި
ފިހާރައިގެ ތެރޭގައި ހުއްޓާ އެކަކު ވަނީ ހައްޔަރުކޮށްފަ

ހޮނިހިރު ދުވަހުގެ ރޭ މާލޭގައި ދެ ފިހާރައެއް ފަޅާލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު، ފަޅާލާފައި ވަނީ ހަވީރީ ހިނގުމުގައި ހުންނަ ތްރީ އެޗް މާޓާއި މަޖީދީ މަގުގައި ހުންނަ ރަވާބީ  ފިހާރަ އެވެ.

އޮފިޝަލް ވިދާޅުވީ ތްރީ އެޗް މާޓް ފަޅާލާފައިވާ ކަމުގެ ރިޕޯޓް ކޮށްފައިވަނީ 04:40 ހާއިރު ކަމަށާއި ރަވާބީ ފިހާރަ ފަޅާލާފައިވާ ކަމުގެ ރިޕޯޓް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ 06:23 ހާއިރު ކަމަށެވެ. 

އޮފިޝަލް ވިދާޅުވީ ތްރީ އެޗް މާޓް ފިހާރައަށް ވައްކަން ކުރަން ވަދެފައިވަނީ އެފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ކަމަށެވެ. އަދި ވައްކަން ކުރަން އުޅުނު މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ފިހާރައިގެ ތެރޭގައި ހުއްޓާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެމީހާ ފިހާރަ ތެރޭގައި ހުއްޓާ އަތުލައި ގަނެވުނީ އާއްމުންގެ މީހެއްގެ އެހީތެރިކަމާއެކު ކަމަށެވެ. އެމީހާ ވަނީ ފިހާރަތެރޭގައި ހުރި ވައްކަން ކުރަން ވަތް މީހާ، ފުލުހުން އެތަނަށް އަންނަންދެން ހިފަހައްޓާފަ އެވެ.

އޮފިޝަލް ވިދާޅުވީ ފިހާރަތެރޭގައި ހުއްޓާ ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާއަކީ ވައްކަމުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި ތްރީ އެޗް މާޓުން ވައްކަން ކުރަން ވަތް މީހާ ހައްޔަރުކޮށްފައި ވަނީ އެ ފިހާރައިގަހުރި ފައިސާއާއި ބައެއް ތަކެތި ގެއްދިއުމަށް ތައްޔާރުކޮށްފައި ވަނިކޮށެވެ.

ފުލުހުންގެ އޮފިޝަލް ވިދާޅުވީ މަޖީދީ މަގުގައި ހުންނަ ފައިވާން ވިއްކާ ރަވާބީ ފިހާރައިން ވަގަށް ނެގި ފައިސާގެ އަދަދު އަދި ސާފުނުވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެފިހާރައިގެ ކޭޝް ކައުންޓަރުގައި ހުރީ 500ރ އަށްވުރެ މަދު އަދަދެކެވެ.

ކޮންމެ އަހަރެއްގެ އީދު ބަންދަށް ގިނަ އަދަދެއްގެ ބަޔަކު އަތޮޅު ތެރެއަށާއި މާލެ ކައިރީ ރަށްރަށަށް ދާއިއިރު، ގޯތި ގެދޮރާއި މުދާ ވަގުންގެ ކިބައިން ރައްކާތެރި ކުރުމަށް ސަމާލުކަން ދިނުމަށް ފުލުހުން އަބަދުވެސް ދަނީ އިލްތިމާސް ކުރަމުން ނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް