ކ. މާލެ
|
16 ޖޫން 2018 | ހޮނިހިރު 19:39
ހުދައިދާއަށް އެރި ސަޢޫދީގެ ކޯލިޝަން ސިފައިން
ހުދައިދާއަށް އެރި ސަޢޫދީގެ ކޯލިޝަން ސިފައިން
އޭއެފްޕީ
ޔަމަނުގެ ދާޚިލީ ހަނގުރާމަ
ސަޢޫދީ-ޔޫއޭއީ ފައުޖުން ހުދައިދާގެ އެއަރޕޯޓް ހިފައިފި
ހުދައިދާއަށް ނޭރުމަށް އދއިން އިންޒާރު ދިން
ހުދައިދާގެ ބަނދަރަކީ ޔަމަނަށް އެތެރެކުރާ މުދަލުގެ 70 އިންސައްތަ ބާލާ ބަނދަރު

ޔަމަނުގެ ބަނދަރުމަތީ ރަށެއްކަމަށްވާ ޙުދައިދާއަށް ޔޫއޭއީއާއި ސަޢޫދީގެ ގުޅިފައިވާ ފައުޖުން އަރައި، އެރަށުގެ އެއަރޕޯޓް ހޫޘީ ހަނގުރާމަވެރިންގެ އަތްދަށުން އަތުލައިފިކަމަށް އެފައުޖުން ބުނެފިއެވެ.

ސަޢޫދީއިން އިސްނަގައިގެން ޔަމަނުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކާއި ގުޅިފައިވާ ޔަމަނުގެ ސަރުކާރު ސިފައިން ބުނީ ޙޫޘީ ހަނގުރާމަވެރިންގެ އަތްދަށުން އެއަރޕޯޓް މިނިވަންކޮށް، އެސަރަހައްދުން މައިންތައް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ހުދައިދާގެ ވައިގެ ބަނދަރު އޮންނަނީ އެރަށުގެ ދެކުނުންނެވެ. އދއިން ހުދައިދާގައި އަސްކަރީ ހަރަކާތްތައް ނުހިންގުމަށް އިންޒާރު ދެމުންދަނިކޮށް ނިމިދިޔަ ހަފްތާގައި އެރަށް ހިފުމަށް ސަޢޫދީއާއި ގުޅިފައިވާ ލަޝްކަރުން މަސައްކަތް ފެށިއިރު، އަދިވެސް އެރަށް ހިފުމަށް ދަނީ ހަނގުރާމަކުރަމުންނެވެ. 

އެއަރޕޯޓް ހިފިކަމަށް ޔަމަން ސިފައިން ބުނިނަމަވެސް، އެއަރޕޯޓް ގެއްލުނުކަން ހޫޘީ ހަނގުރާމަވެރިން ކަށަވަރުކޮށްދީފައެއް ނުވެއެވެ. 

ހުދައިދާގެ ހަނގުރާމަ ވަރުގަދަ ވެފައިވާއިރު، ބުރާސްފަތި ދުވަހާއި ހަމަޔަށް 39 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހަނގުރާމަވެރިންގެ 30 މީހުންނާއި ސަޢޫދީއާއި ގުޅިފައިވާ ފައުޖުގެ 9 މީހަކު ހިމެނެއެވެ. އެހެންނަމަވެސް އެއެންމެންނަކީވެސް ޔަމަން ސަރުކާރުގެ ސިފައިންކަމަށް ރިޕޯޓްތައް ބުނެއެވެ. 

ހުދައިދާއަކީ 6 ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެރަށުގެ ބަނދަރަކީ ޔަމަނަށް ކަނޑުމަގުން އެތެރެކުރާ މުދަލުގެ 70 އިންސައްތަ އެތެރެކުރާ ބަނދަރެވެ. ހުދައިދާއަށް އަރައިފިނަމަ އިންސާނީ މުސީބާތަކާއި ކުރިމަތިވެދާނެކަމަށާއި، އެހެންކަމުން ހުދައިދާއަށް ނޭރުމަށް އދއިން އިންޒާރުދިނީ އެސަބަބާއި ހުރެއެވެ. 

ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެޤައުމުގައި ބަނޑުހައިހޫނުކަމެއް ފެތުރިދާނެކަމަށް އދގެ ސަލާމަތީ މަޖިލީހުން އިންޒާރު ދީފައިވާއިރު، ހުދައިދާގެ ބަނދަރު ހިފުމަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މި ބަނޑުހައިހޫނުކަމުގެ ބިރު ބޮޑުވެފައިވާކަމަށް ޤަތުލުއާއްމުތައް ހުއްޓުވުމާއި ބެހޭ އދގެ ޚާއްސަ ރެޕަޓުއަރ އެޑަނާ ޑިއެންގް ވަނީ ވިދާޅުވެފައެވެ. 

ޔަމަނުގައި މިހާރުވެސް ހާލުގައި ޖެހިފައިވާ 22 މިލިއަން މީހުން ތިބިއިރު، 8.4 މިލިއަން މީހުން ތިބީ ބަނޑަށް ޖެހުމުގެ ބިރުވެރިކަން މަތީގައެވެ. 

ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި އެޤައުމުގެ ސަރުކާރުގެ ސިފައިންނަށް އެހީވުމަށް ހަނގުރާމަވެރި ބައެއް ޖަމާޢާތްތަކުގެ އިތުރުން ސަޢޫދީއާއި ޔޫއޭއީ ސިފައިން ދަނީ ހަނގުރާމައިގައި ބައިވެރިވަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް