ނިރުބަވެރި ޠާލިބާން ޖަމާޢަތުގެ ޕާކިސްތާނު ގޮފި، ތެހްރީކް-އީ-ޠާލިބާން ޕާކިސްތާން (ޓީޓީޕީ) ގެ އަމީރު މަރާލައިފިއެވެ.
'މުއްލާ ރޭޑިއޯ' ގެ ނަމުން މަޝްޙޫރުވެފައިވާ މުއްލާ ފަޒްލުﷲ މަރާލާފައި ވަނީ ޕާކިސްތާނާއި އިންވެގެން އޮންނަ އަފްޣާނިސްތާނުގެ ކުނާރު ޕްރޮވިންސަށް ދިން ޑްރޯން ހަމަލާއެއްގައެވެ. މަރާލެވިފައިވާ ކަމަށް މީގެ ކުރިން އެކި ފަހަރުމަތިން ބެލެވިފައިވާ ފަޒްލުﷲއަކީ ޕާކިސްޓާނުގެ އެންމެ ބޮޑު ކުށްވެރިންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ އެކަކެވެ. ބެލެވޭ ގޮތުގައި ފަހަކަށް އައިސް ޕާކިސްތާނުގައި އޭނާ ޠާލިބާން ހިންގަމުން ދިޔައީ އިރުމަތީ އަފްޣާނިސްތާނުގެ ޖަންގަލިތަކުގައި ފިލައިގެންނެވެ.
ފަޒްލުﷲ މަރާލެވިފައިވާކަން ހާމަކުރެއްވީ އަފްޣާނިސްތާނުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު، މުޙައްމަދު ރާދަމަނީޝް، ހުކުރު ދުވަހު ރޮއިޓަރޒްއަށް މަޢުލޫމާތު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ، ފަޒްލުﷲ މަރުވެފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނު، އަފްޣާނިސްތާނުގެ ސިފައިންނާއި އެމެރިކާގެ ސިފައިން ގުޅިގެން، ކުނާރު ޕްރޮވިންސްގެ މަރަވެރާ ޑިސްޓްރިކްޓަށް ދިން ވައިގެ ހަމަލާއެއްގައި ކަމަށެވެ.
މީގެ އިތުރުން، ދި އެސޯސިއޭޓެޑް ޕްރެސްއަށް މަޢުލޫމާތު ދެއްވަމުން ރާދަމަނީޝް ވަނީ މި ހަމަލާގައި ފަޒްލުﷲއާ އެކު އިތުރު ދެ ހަނގުރާމަވެރިއަކު ވެސް މަރުވެފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.
ފަޒްލުﷲ މަރުވުމާ ގުޅިގެން ޕާކިސްތާނުގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތެހްރީކް-އީ-ޠާލިބާން ޕާކިސްތާންގެ އަމީރު މަރާލެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ނިރުބަވެރި އަމަލުތައް ހުއްޓުވުމަށް އޮތް އެންމެ ރަނގަޅު އުސޫލަކީ އެކުގައި މަސައްކަތް ކުރުން ކަމަށް ޕާކިސްތާނުން އަބަދުވެސް ދެކޭ ކަމަށް އެ ބަޔާނުގައި ވެއެވެ.
ފަޒްލުﷲ މަރާލެވިފައިވާކަން އަފްޣާނިސްތާނުން ހާމަކުރުމާ ވިދިގެން، ތެހްރީކް-އީ-ޠާލިބާން ޕާކިސްތާނުން ވަނީ އެ ޖަމާޢަތުގެ އަމީރު މަރުވިކަން ކަށަވަރު ވެސް ކޮށްދީފައެވެ.
ޕާކިސްތާނުން މިހާތަނަށް ތުހުމަތު ކުރަމުންދިޔައީ ފަޒްލުﷲ ފޮރުވައިގެން ގެންގުޅެމުން ދިޔައީ އަފްޣާނިސްތާނުގެ ޖާސޫސީ އިދާރާ، އެންޑީއެސް އިން ކަމަށެވެ. ނަމަވެސް ފަޒްލުﷲ މަރާލުމާ ގުޅިގެން، ތެހްރީކް-އީ-ޠާލިބާން ޕާކިސްތާނުން ވަނީ، މި ހަމަލާ ދިނުމަށް އެމެރިކާއަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދިނީ އެންޑީއެސްއިން ކަމަށް ތުހުމަތުކޮށްފައެވެ.
މި ހަމަލާއާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އަފްޣާނިސްތާނުން މި އަހަރުގެ ފިޠުރު ޢީދާ ގުޅުވައިގެން ޠާލިބާނާ އެކު ހަމަލާތައް ހުއްޓާލުމަށް ހަދާފައިވާ އެއްބަސްވުމަށް އެފަރާތުން އިޙުތިރާމް ކުރާ ކަމަށެވެ. ނަމަވެސް އެ ސަރަޙައްދުގައި އަފްޣާނިސްތާނުގެ ޠާލިބާން ނޫން ނިރުބަވެރި ޖަމާޢަތްތަކާ ދެކޮޅަށް އޮޕަރޭޝަންތައް ހިންގުން މި އެއްބަސްވުމުގެ ދަށުން މަނާ ނުކުރާކަން އެމެރިކާ އިން ވަނީ ފާހަގަކޮށްފައެވެ.
ބުރާސްފަތި ދުވަހު އެމެރިކާއިން ފަޒްލުﷲ މަރާލާފައިވާއިރު، މި އަހަރުގެ މާޗު މަހު ކުނާރް ޕްރޮވިންސްގައި އެމެރިކާ އިން ދިން ޑޮރޯން ހަމަލާއެއްގައި، ތެހްރީކް-އީ-ޠާލިބާން ޕާކިސްތާނުގެ 20 ހަނގުރާމަވެރިންނާ އެކު، ފަޒްލުﷲގެ ދަރިފުޅު، ޢަބްދުﷲ ވެސް ވަނީ މަރުވެފައެވެ.
ތެހްރީކް-އީ-ޠާލިބާން ޕާކިސްތާންގެ އަމީރުކަމާ ފަޒްލުﷲ ހަވާލުވެފައި ވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އޭރު އެ ޖަމާޢަތުގެ ލީޑަރަކަށް ހުރި ހަކީމުﷲ މެހްސޫދް މަރުވުމާ ގުޅިގެންނެވެ. މެހްސޫދް މަރުވެފައި ވަނީ ޕާކިސްތާނުގެ، އުތުރު ވަޒީރިސްތާނަށް އެމެރިކާ އިން ދިން ޑްރޯން ހަމަލާއެއްގައެވެ.
ފަޒްލުﷲއަކީ ހުޅަނގާ ދެކޮޅު ހަރުކަށި ފިކުރެއް ގެންގުޅުނު އަނިޔާވެރި ހަނގުރާމަވެރިއެކެވެ. އަދި އޭނާ ފާހަގަކުރެވިފައި ވަނީ ސުލްޙައިގެ ވާހަކަތަކާ މުޅިން ދެކޮޅު މީހެއްގެ ގޮތުގައެވެ.
ތެހްރީކް-އީ-ޠާލިބާން ޕާކިސްތާންގެ އަމީރުގެ މަޤާމުގައި ހުރެ ފަޒްލުﷲ ވަނީ ނުރައްކާތެރި އެތައް ހަމަލާއެއް ރާވައި، އެކި ތަންތަނަށް އަމާޒުކޮށް އެފަދަ ހަމަލާތައް ދީފައެވެ. އެގޮތުން 2014 ވަނަ އަހަރު ޕެޝާވަރުގެ ސްކޫލަކަށް ދިން ހަމަލާއެއްގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ގޮތަށް، ޖުމްލަ 132 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން 2012 ވަނަ އަހަރު މަލާލާ ޔޫސުފްޒާއީ އަށް ދިން ހަމަލާއަކީ ވެސް ފަޒްލުﷲ ރާވައިގެން ދިން ހަމަލާއެކެވެ.