ކ. މާލެ
|
15 ޖޫން 2018 | ހުކުރު 07:19
ކެނެޑާގެ ސަފީރު ރައީސް ޔާމީނާއި ބައްދަލުކުރައްވަނީ
ކެނެޑާގެ ސަފީރު ރައީސް ޔާމީނާއި ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ބޮޑުންގެ ޝަރީއަތް
ރައީސް މައުމޫނާއި ފަނޑިޔާރުންގެ މައްޗަށް ހުކުމްކޮށްފައިވަނީ ގާނޫނާއި ހިލާފަށް: ޑޭވިޑް މެކިނަން
ރޫލް އޮފް ލޯ އަދި ޑިއު ޕްރޮސެސްއަކީ ޑިމޮކްރަސީގެ އެންމެ މައިގަނޑު އަސާސްތައް
އެހެން ނަމަވެސް ކުރެވުނު ހުކުމުގައި މިއިން އެއްވެސް ކަމަކަށް ރިއާޔަތްކޮށްފައިނުވޭ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ހުކުމްކޮށްފައިވަނީ ރާއްޖޭގެ ގާނޫނުތަކާއި ހިލާފަށް ކަމަށް ކެނެޑާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނަން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޫލް އޮފް ލޯ އަދި ޑިއު ޕްރޮސެސްއަކީ ޑިމޮކްރަސީގެ އެންމެ މައިގަނޑު އަސާސްތައް ކަމަށާއި އެއީ ރާއްޖޭގެ ގާނޫނު އަސާސާއިން ހިމާޔަތްކޮށްފައިވާ ކަންކަން ކަމަށެވެ. އެހެން ނަމަވެސް ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރި ހުކުމުގައި މިއިން އެއްވެސް ކަމަކަށް ރިއާޔަތްކޮށްފައިނުވާ ކަމަށެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ދައުލަތުގެ ކަންކަން ހިނގަމުންދަނީ ވަރަށް ދެރަ ގޮތެއްގައި ކަމަށް ސިފަކުރައްވާފައެވެ.

ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށްފަހު ރައީސް މައުމޫނާއި ދެ ފަނޑިޔާރުން ހައްޔަރުކޮށް ފޯނު ދޭން އެދުމުން ފޯނު ދީފައިނުވާ ކަމަށް ބުނެ އެ ތިން ބޭފުޅުންގެ މައްޗަށް ވަނީ އަދުލު އިންސާފު ގާއިކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުކޮށްފައެވެ. މި ކުށުގެ އަދަބެއްގެ ގޮތުން އެ ތިން ބޭފުޅުންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ބުދަ ދުވަހު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މި ހުކުމުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި އެކި ގައުމުތަކުގެ ސަރުކާރުތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް