ކ. މާލެ
|
15 ޖޫން 2018 | ހުކުރު 03:55
ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ވިލާތުގެ އިއްތިހާދުގެ ވަފްދަކާއި މެދު ކުރިޔަށްދިޔަ ބައްދަލުވުމެއްގެ ތެރެއިން
ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ވިލާތުގެ އިއްތިހާދުގެ ވަފްދަކާއި މެދު ކުރިޔަށްދިޔަ ބައްދަލުވުމެއްގެ ތެރެއިން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ހުކުމް ކުރަނީ ގާނޫނާ ޚިލާފަކަށް ނޫން: ފޮރިން މިނިސްޓްރީ
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ގާނޫނު އަސާސީއާ އެއްގޮތަށް ނެރެފައިވާ ހުކުމެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ބުނެފިއެވެ. 

އެ މިނިސްޓްރީއިން މިހެން ބުނެފައިވަނީ އިންޑިއާގެ އެކްސްޓަރނަލް މިނިސްޓްރީއިން އެތިން ބޭފުޅުންގެ މައްޗަށް ހިންގުނު ޝަރީއަތަކީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށް ބުނެ ނެރުނު ބަޔާން ފާހަގަކޮށް އޭގެ ރައްދުގައި ނެރުނު ބަޔާނުގައެވެ.  

މި ބަޔާނުގައި ވަނީ އިންޑިއާގެ ސަރުކާރުން ނެރުނު ބަޔާން ފާހަގަކުރާ ކަމަށާއި އެހެން ނަމަވެސް އެތިން ބޭފުޅުންގެ މައްޗަށް ހުކުމް އިއްވާފައިވަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި ޖިނާއީ އަދުލުގެ ނިޒާމްގެ ތެރެއިން ކަމަށެވެ. ހަމައެހެންމެ ސަރުކާރުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރާ ކަމަކީ ގާނޫނުގެ ވެރިކަން ދެމެހެއްޓުން ކަމަށާއި ރާއްޖޭގައި ހިންގާ ހުރިހާ ޝަރީއަތްތަކަކީ ރާއްޖޭގެ ގާނޫނު އަސާސާއިއާ އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ ޝަރީއަތްތަކެއް ކަމަށް ވެސް މި ބަޔާނުގައިވެއެވެ. 

ބުރާސްފަތި ދުވަހު އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ޙުކުމް ކުރީ އިންސާފުވެރި ޝަރީޢަތެއް ލިބިނުދީ ކަމަށާއި، އެހެންކަމުން، ޤާނޫނު ނެގެހެއްޓުމުގައި ދިވެހި ސަރުކާރުގެ ކިބައިގައި ހުރި އިޚުލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވަނީ އަދުލު އިންސާފް ގާއިމުކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުުކުމެއް އިއްވާފައެވެ. މި ހުކުމާއި ގުޅިގެން އެކި ގައުމުތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް