ކ. މާލެ
|
15 ޖޫން 2018 | ހުކުރު 03:05
ޖަޒީރާ ރާއްޖެ ކެމްޕޭން ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ
ޖަޒީރާ ރާއްޖެ ކެމްޕޭން ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
ސިންގަލް ކެންޑިޑޭޓެއްގެ ގޮތުގައި ނެރެން އެންމެ ރަނގަޅީ ރައީސް ނަޝީދު: އިބޫ
އެމްޑީޕީއިން ވަނީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާފައި، އެ ކެންޑިޑޭޓް އަކީ ޖަޒީރާ ރައީސް
ރައީސް ނަޝީދުގެ ވެރިކަމުގައި ލިބިވަޑައިގެންނެވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެކަނިކުފާނު ކޮށްދެއްވި ކަންތައްތައް ރައްޔިތުން ބަލައިގެންފި
ޕޮޒިޓިވް ތިންކިންގ ގައި މަސައްކަތްކުރާ އެންމެ ކުޅަދާނަ އެންމެ ވަރުގަދަ ލީޑަރަކީ ރައީސް ނަޝީދު

ރައީސް ނަޝީދަކީ އަނިޔާވެރިކަން ނިންމަން އެންމެ ރަނގަޅު ކެންޑިޑޭޓްކަމަށާއި، ގުޅިފައިވާ ޕާޓީތަކުން ސިންގަލް ކެންޑިޑޭޓެއްގެ ގޮތުގައި ނެރެން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ރައީސް ނަޝީދުކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ 'ޖަޒީރާ ރާއްޖެ' ކެމްޕޭން އިފްތިތާޙްކުރުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެމްޑީޕީއިން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާފައި ވާކަމަށާއި، އެ ކެންޑިޑޭޓް އަކީ ޖަޒީރާ ރައީސްކަމަށް އިބޫ ވިދާޅުވިއެވެ. 

"އެއީ ނޫ އިޤްތިޞާދުގެ ވެރިޔާ. ރައީސް ނަޝީދު އަޅުގަނޑުމެން މިޕާޓީއިން ޚިޔާރުކުރީ އެންމެ ސަބަބަކާ ހެދިއެއް ނޫން. އެމަނިކުފާނަކީ މިއަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައުމަށް އެންމެ އެކަށީގެންވާ ބޭފުޅާއަށް ވާތީއެއް، ހަމައެކަނި އެހެން ވެގެނެއް ނޫން. އެތައް ބައިވަރު ސަބަބުތަކެއް އެބަހުރި،" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ލިބިވަޑައިގެންނެވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެމަނިކުފާނު ކޮށްދެއްވި ކަންތައްތައް ރައްޔިތުން ބަލައިގެންފިކަމަށެވެ. އަދި މުސްތަޤްބަލަށް އެމަނިކުފާނާއިއެކު ރައްޔިތުން ކުރާ އުއްމީދުތަކެއް އެބަހުރިކަމަށްވެސް އިބޫ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން އުއްމީދުކުރާ ކަންތައްތައް ޙާސިލްވާނީ ގުޅިފައިވާ ކެންޑިޑޭޓްގެ ގޮތުގައި ރައީސް ނަޝީދު ނެރެގެންކަމަށް ޤަބޫލުކުރައްވާކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އެމްޑީޕީއަކީ ހުރަސްތައް ގިރާކުރަން އެނގޭ ޕާޓީއެއްކަމަށާއި، އަބަދުވެސް ކުރިމަތިލާ ކަންކަން ކުރެވޭނެކަމުގެ އުއްމީދު އޮންނަން ޖެހޭނެކަމަށެވެ. އަދި ޕޮޒިޓިވް ތިންކިންގ އޮންނަން ޖެހޭނެކަމަށް އިބޫ ވިދާޅުވިއެވެ.

"އަޅުގަނޑު ދެކުނު މީހުންތަކުގެ ތެރެއިން އެގޮތަށް ޕޮޒިޓިވް ތިންކިންގ ގައި މަސައްކަތްކުރާ އެންމެ ކުޅަދާނަ އެންމެ ވަރުގަދަ ލީޑަރަކީ ރައީސް ނަޝީދު. އެމަނިކުފާނަކީ އެމަނިކުފާނު ކުރައްވަން ނިކުންނަވާ ކަމެއް ހާސިލްކުރުމަށްޓަކައި އެންމެ ފަހުވަގުތާއި ޖެހެންދެންވެސް އުއްމީދު ގެއްލުވާލާ ބޭފުޅެއް ނޫން."

ރައީސް ނަޝީދުގެ ކެމްޕޭން ޖަލްސާގައި އިބޫ ބައިވެރިވެވަޑައިގެން، އެމަނިކުފާނަށް ތާޢީދު ހޯއްދެވުމަށް މަސައްކަތްކުރައްވާފައި މިވަނީ، ރައީސް ނަޝީދާއި އިބޫއާއި ދެމެދު މައްސަލަތަކެއް ޖެހިފައިވާކަމަށް ބުނެ ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ. އިބޫ ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައިވެސް ވޯޓު ދެއްވާފައެވެ. އަދި އިބޫއަކީ އެއް ކެންޑިޑޭޓް ނެރުމުގެ މަޝްވަރާތަކުގައި އެމްޑީޕީގެ ފަރާތުންވެސް އިސްކޮށް ބައިވެރިވެވަޑައިގަންނަވާ މަންދޫބެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް