ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް ސްޕެއިންގެ ބާސެލޯނާ ދޫކޮށް ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވި ނޭމާއަށް އެ އަގު ހައްގެއް ނޫން ކަމަށް އޭނާ ބުނެފިއެވެ.
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ޕީއެސްޖީއިން އޭނާގެ ރިލީސް ފީ ދެއްކުމާއެކު އޭނާ ވެގެންދިޔައީ ދުނިޔޭގެ ތާރީހުގައި ވެސް އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. ޕީއެސްޖީއަށް ބަދަލުވުމަށް ފަހު އޭނާ މޮޅު ކުޅުމެއް ދެއްކި ނަމަވެސް އަނިޔާގެ ސަބަބުން އޭނާއަށް ސީޒަނުގެ ބޮޑު ބައެއް ގެއްލުނެވެ.
ނޫސްވެރިންނާއި ވާހަކަ ދައްކަމުން އޭނާ ބުނީ އޭނާއަށް ޕީއެސްޖީއިން ހުށަހެޅި އަގަށް ފަހުރުވެރިނުވާ ކަމަށާއި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށްވި ނަމަވެސް އުފާ ނުކުރާ ކަމަށެވެ. އެއީ ފައިސާ ކަމަށާއި އޭނާއަށް އެކަމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ނޭމާ ބުންޏެވެ. ނޭމާ ބުނީ އޭނާ އަދަދެއް ދައްކަން ޖެހުނުނަމަ ދައްކާނީ އެއަށް ވުރެ ދަށް އަގެއް ކަމަށެވެ.
ނޭމާ ބުނީ އަބަދު ވެސް ބޭނުންވީ ހާއްސަ ކުޅުންތެރިޔަކަށް ވާން ކަމަށާއި ފުޓްބޯޅަ ކުޅެން ފެށީއްސުރެ އޭނާގެ އަމާޒަކީ އެއީ ކަމަށެވެ. އޭނާ ބުނީ އުމުރުން 11 އަހަރުގައި ކުޅެން ފެށީއްސުރެ މަސައްކަތް ކުރީ ދުވަހެއް ދުވަހަކަށް އޭނާގެ ކުޅުން ރަނގަޅުކޮށް އެންމެ މަތީ ފަންތިއަށް ވާސިލްވުމަށް ކަމަށެވެ. ނޭމާ ބުނީ ސަންޓޯސްއަށް ކުޅުމަށާއި ގައުމީ ޓީމުގެ ޖާޒީ ލުމުގެ އިތުރުން ޔޫރަޕުގައި ކުޅެން ހުވަފެން ދެކުނު ކަމަށެވެ.
އެކަންކަން ހަގީގަތަކަށް ހެދުމުގެ މަގުފަހިވީ ކުރެވުނު ބުރަ މަސައްކަތްތަކުން ކަމަށް އޭނާ ބުންޏެވެ. އޭރު މަސައްކަތްކުރިއިރު އެ ހިސާބަށް ދެވިދާނެ ކަމަށް އުއްމީދު ނުކުރާ ކަމަށާއި އެހެން ނަމަވެސް ކުޑައިރުގެ ހުވަފެންތައް ހަގީގަތަކަށް ވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ޓްރާންސްފާ ފީއަށް ބެލުމުން ކުޅުންތެރިޔެއްގެ ކިބައިގައި ހުރި ހުނަރެއް ނޭނގޭނެ ކަމަށެވެ.
ނޭމާ މިވަގުތު ހުރީ ވޯލްޑް ކަޕްގައި ވާދަކުރުމަށް ބްރެޒިލްގެ ގައުމީ ޓީމާއެކު ރަޝިއާގައެވެ. އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ޖަރުމަނު އަތުން ބްރެޒިލް ލަދުވެތި ގޮތަކަށް ބަލިވި މެޗުގައި ނޭމާ ކުޅެފައެއް ނުވެއެވެ.
އެކަމާއި ގުޅިގެން ނޭމާ ބުނީ މެޗުގައި ކުޅުނު ކުޅުންތެރިންނަށް ކުރި އަސަރުތައް އޭނާއަށް ވެސް ކުރި ކަމަށާއި މިއީ އެ ހަނދާންތައް ފޮހެލަން ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށެވެ. ފަހަރެއްގައި ޖަރުމަނާއި ދެކޮޅަށް ކުޅެން ވެސް ފުރުސަތު ލިބިދާނެ ކަމަށާއި އެ ފުރުސަތުގައި ބަދަލު ހިފަން ޖެހޭނެ ކަމަށް ނޭމާ ބުންޏެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ބްރެޒިލްގެ ގައުމީ ޓީމުގެ ހިމެނިފައިވަނީ ސްވިޓްޒަލޭންޑާއި ކޮސްޓަރިކާ އަދި ސާބިއާ އާއެކު ގްރޫޕް އީ ގައެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ޖޫން 17 ވަނަ ދުވަހު ސްވިޓްޒަލޭންޑާއި ދެކޮޅަށް ނުކުންނައިރު ދެވަނަ މެޗުގައި ބްރެޒިލް ނުކުންނާނީ ޖޫން 22 ވަނަ ދުވަހު ކޮސްޓަރިކާއާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ބްރެޒިލް ނުކުންނާނީ ޖޫން މަހުގެ 27 ވަނަ ދުވަހު ސާބިއާ އާއި ދެކޮޅަށެވެ.