ކ. މާލެ
|
14 ޖޫން 2018 | ބުރާސްފަތި 21:31
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ
ވޯލް ސްޓްރީޓް ޖާނަލް
އުތުރު ކޮރެއާ-އެމެރިކާ
އުުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ގެންގުޅޭހާ ހިނދަކު ދަތިކުރުމުގެ ފިޔަވަޅުތަކަކަށް ލުޔެއް ނެތް: އެމެރިކާގެ ޚާރިޖީ ވަޒީރު
ދާދިފަހުން އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ވަނީ ތާރީޚީ ބައްދަލުވުމެއް ބާއްވާފައި
އެމެރިކާ އިން ބޭނުން ވަނީ އުުތުރު ކޮރެއާ އިން އެކީ ނިއުކްލިއާ ހަތިޔާރު ގެންގުޅުން ހުއްޓާލުމަށް

އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ގެންގުޅޭހާ ހިނދަކު އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ނުދޭނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ. 

އެމެރިކާގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވިއިރު އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ އިން ބުނެފައި ވަނީ "އެމެރިކާ އާ މަޝްވަރާތައް ކުރެވި ކަންކަން ކުރެވެމުންދާ ވަރަކުން އުތުރު ކޮރެއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާ އިން ލުއި ދެމުންދާނެ ކަމަށެވެ." އެހެން ނަމަވެސް އެމެރިކާގެ ޚާރިޖީ ވަޒީރު ބުރާސްފަތި ދުވަހު ވިދާޅުވީ ރައީސް ޓްރަމްޕް އުތުރު ކޮރެއާ އާ މެދު ގެންގުޅުއްވާ ވިސްނުން ވަރަށް ސާފުކަމަށާއި، އުތުރު ކޮރެއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ލިބޭނީ "އުތުރު ކޮރެއާ އިން ފުރިހަމައަށް ނިއުކްލިއާ ހަތިޔާރު ގެންގުޅުން ހުއްޓާލުމުން ކަމަށެވެ." އެމެރިކާގެ ޚާރިޖީ ވަޒީރު މިމޭރުމުން ވާހަކަފުޅުދެއްކެވީ ދެކުނު ކޮރެއާ އާއި ޖަޕާނުގެ ޚާރިޖީ ވާޒީރުންނާއެކު ދެކުނު ކޮރެއާގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އުތުރު ކޮރެއާގެ ފަރާތުން މިހާރު އެމެރިކާ އަށް ނިއުކްލިއާ ހަތިޔާރުގެ ބިރެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވަނީ ވިދާޅުވެފައެވެ. ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ސިންގަޕޫރުގައި ތާރީީޚީ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބައްދަލުވުމަށް ފަހު ސިންގަޕޫރުން އެނބުރި އެމެރިކާ އަށް ވަޑައިގެން، ކުރެއްވި ޓްވީޓެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހަަށް ވުރެ ބޮޑަށް މިހާރު އެމެރިކާ އަށް ރައްކާތެރިކަމާއި އަމާންކަން ވެރިވެއްޖެ ކަަމަށާއި އުތުރު ކޮރެއާ އިން އެމެރިކާ އަށް އެއްވެސް "ނިއުކްލިއާ ބިރެއް ނެތް" ކަމަށެވެ.

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސްގެ ބައްދަލުވުމަށް ހަގީގީ ސިފަ އައިސް އެ ބައްދަލުވުން، ހަގީގަތަކަށް ހެދުމަށްޓަކައި ޑިޕްލޮމަސީ ކުރިއަށް ނެރެ އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުން ގެންދެވީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.

 

 

- ކޮމެންޓް
14 ޖޫން 2018 | ބުރާސްފަތި 17:12
ނޯތްކޮރެއާއިން
މެރިކާގައި ނިއުކްލިއާ ހަތިޔާރު ހުރިހާ ހިނދަކު ނޯތްކޮރެއާއިން ނިއުކްލިއާ ހަތިޔާރު އުފެންދުމަކަށް ލުޔެއް ނެތް