ކ. މާލެ
|
14 ޖޫން 2018 | ބުރާސްފަތި 17:56
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބަޔަކު ވޯޓުލަނީ: އެ ޕާޓީން ވަނީ އިލެކްޝަނާމެދު ބޮެޑެތި ޝަކުވާތަކެއް ފެންމަތިކޮށްފައި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބަޔަކު ވޯޓުލަނީ: އެ ޕާޓީން ވަނީ އިލެކްޝަނާމެދު ބޮެޑެތި ޝަކުވާތަކެއް ފެންމަތިކޮށްފައި
މުހައްމަދު ޝަރުހާން
އެމްޑީޕީ ރިޔާސީ ކެމްޕެއިން
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅޭ ގޮތާމެދު އެމްޑީޕީގެ ކަންބޮޑުވުންތަކާއެކު ތުހްމަތުތަކެއް
ވޯޓާސް ލިސްޓަށް ޕާޓީއަަށް ޝަކުވާ ހުށަނޭޅޭ
ވޯޓާސް ލިސްޓުން ބައެއް މައްސަލަ މިހާރުވެސް ފާހަގަ ކުރެވޭ

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ގޮތާއިމެދު ބޮޑެތި ޝަކުވާތަކަކާއެކު ތުހްމަތުތަކެއް އެމްޑީޕީން ކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން މެނޭޖަރ މުހައްމަދު އަސްލަމް ވިދާޅުވީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމް އޮންނަ ގޮތުން ޕާޓީއިން އިލެކްޝަނަށް ޝަކުވާ ހުށަހެޅުމަށް ހުރަސްތަކެއް އެބަ ހުރި ކަމަށެވެ.

"އަޅުގަނޑުމެނަށް މިސާލަކަށް ފެނުނީ ވޯޓާސް ލިސްޓުން މަރުވެފައިވާ މީހެއް. އެމީހާއެއް ނެތް، އެމީހާގެ ނަމުގައި ހުށަހަޅަން މި ޖެހެނީ، އެމީހާގެ އައިޑީކާޑުގެ ނަމްބަރު ހޯދޭނެ ގޮތެއް ނެތް. މި ކަހަލަ އެތައް މައްސަލައެއް އެބަ ފާހަގަ ކުރެވޭ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރެވި އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ދޭ ތަން ނުފެންނަ ކަމަށެވެ.  

އެމްޑީޕީގެ  ޗެއާސަންގެ ނައިބު އިދާރީ އަދި އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމެޓީގައި އެމްޑީޕީގެ ފަރާތުން ބައިވެރިވާ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން މިހާރު ޝަކުވާ ހުށަހެޅުމަށް ހަމަޖައްސާފައިވާ ގޮތުން ވޯޓާސް ލިސްޓް އޮޅުވާލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި އިލެކްޝަނުން އެ ޕާޓީން އެދޭ ކަންކަން ކޮށްދިނުުމުގައި "ޖެއްސުމަށް" ކަންކަން ކުރާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.    

ނިޔާޒް ވިދާޅުވީ ވޯޓާސް ލިސްޓުގައި އައިޑީކާޑް ނަމްބަރު ހިމަނާފައިނުވުމަކީ އެންމެ ބޮޑު މައްސަލަ ކަމަށާއި ވޯޓާސް ލިސްޓްގައި މައްސަލައެއް އޮތްކަން ދެނެގަނެވޭނެ އެންމެ ފަސޭހަ ގޮތަކީ ވޯޓާސް ލިސްޓްގައި އައިޑީ ކާޑު ނަމްބަރު އޮތުން ކަމަށެވެ.

އައިޑީ ކާޑު ނަމްބަރު ނެތުމުގެ އިތުރުން ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅާއިރު ހުށަހަޅަން ޖެހޭ މައުލޫމާތުތަކަކީ ވެސް ހޯދަން ފަސޭހަ ނޫން މައުލޫމާތުތަކެއްކަން އޭނާ ވެސް ފާހަގަކުރެއްވި އެވެ. ނިޔާޒް ވަނީ ވީހާ ވެސް ދެ ފުށް ފެންނަ ގޮތަކަށް އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ޕާޓީތަކާ މަޝްވަރާ ކޮށްގެން ކަންކަން ނިންމުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފަ އެވެ. މީގެ އިތުރުން މިހާރު އާންމު ކޮށްފައިވާ ވޯޓާސް ލިސްޓުގައި 23 ސެޕްޓެމްބަރުގެ ނިޔަލަށް 18 އަހަރު ނުފުރޭ މީހުންގެ ނަން އޮތްކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.  

އަސްލަމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް އެމްޑީޕީން ގޮސް މިހާރު ފާހަގަ ކުރެވިފައިވާ މައްސަލަތައް ހުށަހަޅާނެ ކަމަށެވެ.  މީގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ލޯންޗު ކުރުމަށް ބާއްވާ ޖަލްސާ މިރޭ މާލޭގައި ބާއްވާއިރު މި ޖަލްސާ ހަތް ރަށެއްގައި ވެސް ކުރިއަށްދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި މާދަމާ ދޮރުން ދޮރަށް ހިނގުމާއި ކެމެޕެއިން ހަރަކާތްތައް ހަތް ރަށެއްގައި އޮންނާނެ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް