ކ. މާލެ
|
14 ޖޫން 2018 | ބުރާސްފަތި 18:01
ކުރީގެ ނައިބުރައީސް އަޙުމަދު އަދީބް
ކުރީގެ ނައިބުރައީސް އަޙުމަދު އަދީބް
މުހައްމަދު ޝަރުހާން
އަހުމަދު އަދީބް
ޖަވާބުދާރީވާން އަދީބް އެދިފައިވަނިކޮށް، ވިލާ އެގްރިމެންޓްތަކުގެ މައްސަލައިގައި އަދީބްގެ މައްޗަށް ދައުވާ ކުރަނީ
މި މައްސަލައިގައި އަދީބްގެ ބަހެއް ހޯދާފައެއް ނުވޭ
އޭސީސީން ނިންމާފައިވަނީ ވިލާ އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާޠިލް އެއްބަސްވުންތަކެއް ކަމަށް
އަދީބް ވިދާޅުވަނީ މިއީ ޤާސިމަށް އިތުރު ގޯނާތަކެއް ކުރުމުގެ ނިޔަތުގައި ދައުލަތުން ހިންގާ ޖަރީމާތަކެއް ކަމަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ވިލާ ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ ސެޓްލްމަންޓް އެއްބަސްވުންތަކެއްގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ ނައިބުރައީސް އަޙުމަދު އަދީބާއި ދެކޮޅަށް މައްސަލަ ނިންމައިފިއެވެ.

އޭސީސީން މި މައްސަލަ އަދީބާއި ދެކޮޅަށް ނިންމާފައިވަނީ މި މައްސަލައިގައި އަދީބްގެ ފަރާތުން ބަޔާނެއް ދެއްވުމަށް، އޭސީސީއަށް ހާޒިރުކޮށްދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފައި ވަނިކޮށް، އެ ފުރުޞަތު ނުދީއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން މި މައްސަލަ ބެލުމަށްފަހު މިހާރު ނިންމާފައިވަނީ، މައްސަލައަކީ ގިނަ އަދަދެއްގެ ފައިސާ ހިމެނޭ މައްސަލައަކަށް ވާއިރު، މި މައްސަލައިގައި ހިމެނޭ އެއްބަސްވުންތަކަކީ 'ވޮއިޑް އެބް އިނީޝިއޯ'، ނުވަތަ އުފެދުމުގައިވެސް ބާޠިލް އެއްބަސްވުންތަކެއް ކަމަށާއި، އެހެންކަމުން މައްސަލައިގައި އަދީބާއި ދެކޮޅަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށެވެ.

އޭސީސީން މި މައްސަލަ ނިންމާފައިވާއިރު މައްސަލައިގެ އަސްލު ބިނާކޮށްފައިވަނީ، ސަރުކާރުން ވިލާ އާއި އެކު ހެދި އެއްބަސްވުންތަކަކީ ހީއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށް ބަލައިގެންނެވެ. އެގޮތުން ތ. އެލާ، ގދ. ގަޒީރާ، ރ. މާނެންފުށި އަދި ކ. ބޮލިދުއްފަރުގެ އިތުރުން ކ. ވާވެއްދި ފަޅުތަކުގެ މައްސަލަ ބެލި އިރު، މި މައްސަލައިގައި ހިމެނޭ ސެޓްލްމަންޓް އެއްބަސްވުންތަކާއި، އެމެންޑެޑް އެންޑް ރީސްޓޭޓެޑް އެއްބަސްވުންތަކަކީ، 2013 ވަނަ އަހަރު ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމަކާއި ގުޅިގެން އާންމު ފަރާތަކަށް ދައުލަތުން އެތައް މިލިއަން އެމެރިކާ ޑޮލަރެއް ދޭން ޖެހުމުން، އޭރު ދައުލަތާއި ދެކޮޅަށް އެ ބާވަތުގެ އެހެން މައްސަލަތައްވެސް ކޯޓުތަކުގައި ހިނގަމުންދާތީ، އެފަދަ މައްސަލަތަކުގައި ދައުލަތުން ބޮޑު ބަދަލެއް ދޭން ޖެހިދާނެ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ވެފައިވާ ސެޓްލްމަންޓް އަދި އެމެންޑެޑް އެންޑް ރީސްޓޭޓެޑް އެއްބަސްވުންތަކެއް ކަމަށް އެ އެއްބަސްވުންތަކުގައި ބުނެފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ.

އެ އެއްބަސްވުންތަކުގައި އެފަދައިން ބުނި ނަމަވެސް، ދޭންޖެހޭ ބަދަލާއި އަޅައި ބަލާއިރު، އެ ބަދަލާއި ނުބައްދަލު ފައިދާއެއް މި އެއްބަސްވުންތަކުން ވިލާއަށް ލިބިދޭ ކަމަށާއި، އެއްބަސްވުންތައް ހަދާފައިވަނީ ފަހުން ދޭން ޖެހިދާނެ ކަމަށް ބެލެވޭ ބަދަލަކަށް ވިސްނައިގެން ކަމަށް އެއްބަސްވުމުގައި ބުނި ނަމަވެސް، އެ ބަދަލަކީ ދައުލަތުން އެއްވެސް އިރެއްގައި ދައްކަން ޖެހިދާނެ ބަދަލެއްކަން އެ މަރުހަލާގައި ކަށަވަރުކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.

މި އެއްބަސްވުންތަކަކީ މާލިއްޔަތު ޤާނޫނާއި، ޓުއަރިޒަމް ޤާނޫނާއި، އަދި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާއިވެސް ޚިލާފަށް ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށާއި، އޭގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބަޔަކަށް ނާޖާއިޒު ފައިދާތަކެއް ލިބިފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. މި އެއްބަސްވުންތައް ހެދުމުގައި އޭރުގެ ޓުއަރިޒަމް މިނިސްޓަރުގެ ޙައިސިއްޔަތުން އަދީބް ބައިވެރިވެވަޑައިގެންނެވިކަން އޭސީސީން ފާހަގަކޮށްފައިވީނަމަވެސް، އަދީބްގެ މައްޗަށް ކުރެވޭ ބައެއް އެހެން ތުޙުމަތުތަކެކޭ އެއްގޮތަށް މި މައްސަލައިގައިވެސް އަދީބު އެކަނި ކުއްވެރިވާ ސަބަބެއް އޭސީސީން ބަޔާންކޮށްފައެއް ނުވެއެވެ.

މި ސަރުކާރުގެ ފުރަތަމަ އަހަރު، ހަދާފައިވާ މި އެއްބަސްވުންތައް ސަރުކާރުން 2015 ވަނަ އަހަރު އުވާލި ނަމަވެސް، އެއްބަސްވުންތައް އުވާލާފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށް މި އަހަރުގެ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.

އަދީބް ދޫނިދޫގައި ހައްޔަރުކޮށްފައި ހުއްޓައި އޭސީސީން ވަނީ މި މައްސަލައިގައި އަދީބާއި ސުވާލު ކުރުމަށް އެއްފަހަރު މަސައްކަތްކޮށްފައެވެ. ނަމަވެސް އެފަހަރު އަދީބާއި ސުވާލު ކުރަން މަސައްކަތް ކުރުމުން އަދީބް ވަނީ ދޫނިދޫގައި އެމަނިކުފާނު ހައްޔަރުކޮށްފައި ހުންނަ ހުރުމަކީ ޤާނޫނާ ޚިލާފު ބަންދެއް ކަމަށާއި، ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް، އޭސީސީއަށް އެމަނިކުފާނު ހާޒިރުކޮށް، ސުވާލު ކުރުމުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ހަމަ މިއާ އެކު، ވިލާގެ ސެޓްލްމަންޓް އެއްބަސްވުންތަކަކީ މީގެ ހަތަރު އަހަރު ކުރިން ވެފައިވާ އެއްބަސްވުންތަކެއް ކަމުން، އެ އެއްބަސްވުންތަކާ ގުޅޭ ގޮތުން ޖަވާބުދާރީ ވެވޭނީ ވަކީލުންނާއި މަޝްވަރާ ކުރުމަށް، ވަކީލުންނާ އެކު އެކަށޭނަ ވަގުތު ލިބިގެންކަންވެސް އަދީބު އޭރު ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައާ ގުޅޭ ގޮތުން އަދީބު ދެކިލައްވާ ގޮތް ހާމަކުރައްވައި އަދީބުގެ ޤާނޫނީ ވަކީލު މޫސާ ސިރާޖް ކުރިން ވިދާޅުވީ، މި ކަމަކީ ވިލާ ކުންފުނީގެ ވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހިމަށް އިތުރު ގޯނާތަކެއް ކުރުމުގެ ނިޔަތުގައި ދައުލަތުން ހިންގާ ޖަރީމާތަކެއް ކަމަށް އަދީބު ޤަބޫލުކުރައްވާ ކަމަށެވެ. އަދި މި މައްސަލައިގައި ހިމެނޭ ސެޓްލްމަންޓް އެއްބަސްވުންތަކަކީ، ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ވެފައިވާ ސައްޚަ އެއްބަސްވުންތަކެއް ކަމަށް އަދީބު ވިދާޅުވި ކަމަށް ވެސް ސިރާޖް ވިދާޅުވިއެވެ.

އިތުރު މައްސަލައެއްގައި އަދީބްގެ މައްޗަށް ދައުވާ ކުރަން އޭސީސީން މަސައްކަތްކުރާ އިރު އަދީބު މިހާރު ވެސް ގެންދަވަނީ ތަފާތު އެކި މައްސަލަތަކުގައި 33 އަހަރުދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް