ކ. މާލެ
|
14 ޖޫން 2018 | ބުރާސްފަތި 17:12
މަހުލޫފް ދެ ފުލުސް އޮފިސަރުންނާއެކު މަޖިލިސްއިން ނުކުންނަނީ - ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެތަކެއް ތުހުމަތުތަކެއްގައި މަހުލޫފް ވަނީ ހައްޔަރުކޮށްފައި
މަހުލޫފް ދެ ފުލުސް އޮފިސަރުންނާއެކު މަޖިލިސްއިން ނުކުންނަނީ - ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެތަކެއް ތުހުމަތުތަކެއްގައި މަހުލޫފް ވަނީ ހައްޔަރުކޮށްފައި
މުހައްމަދު ޝަރުހާން
އަހުމަދު މަހުލޫފު
މެމްބަރު މަހުލޫފަށް ޑިފެންޑަރ އޮފް ޑިމޮކްރަސީ އެވޯޑް ދޭން ނިންމައިފި
ޖަލުބަންދުގައި 10 މަހާއި 24 ދުވަސް ހޭދަ ކުރެއްވި
ހުކުމަކާ ނުލައި މިހާރު ވެސް ހުންނެވީ ގޭ ބަންދުގައި

ޖަލު ބަންދުގައި 10 މަހާއި 24 ދުވަހުގެ ހުކުމެއް ތަންފީޒުކުރެއްވުމަށް ފަހު މިހާރު ވެސް ހުކުމަކާ ނުލައި ގޭ ބަންދުގައި ހުންނެވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް ޑިފެންޑަރ އޮފް ޑިމޮކްރަސީ އެވޯޑް ދިނުމަށް ޕާލިމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން (ޕީޖީއޭ) އިން ނިންމައިފިއެވެ.

އެވޯޑް ލިބޭކަން އަދި އެވޯޑް ހަފްލާއަށް ދައުވަތު އަރުވައި، ދުނިޔޭގެ 144 ގައުމަކުން 1،300 އަށްވުރެ ގިނަ މެމްބަރުން ހިމެނޭ ޕީޖީއޭގެ ސެކްރެޓަރީޖެނެރަލް ޑޭވިޑް ޑޮނާޓް ކެޓިން ފޮނުއްވާފައިވާ ސިޓީގައި ވަނީ މަހުލޫފަށް ދެވޭ އެ އެވޯޑަކީ އާއްމުކޮށް އެ ޖަމިއްޔާގެ މެމްބަރުންނަށް ދެވޭ އެވޯޑެއް ނޫން ކަމަށާއި އެގްޒެކްޓިވް ކޮމިޓީ އިން ވަނީ މަހްލޫފަށް އެވޯޑް އެރުވުމަށް ނިންމީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް ގައުމުގައި ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށެވެ.

މި އެވޯޑަކީ އެވޯޑް ލިބޭ މީހާ ހަފްލާއަށް ސީދާ ހާޒިރުވެ އެވޯޑާ ހަވާލުވާން ޖެހޭ އެވޯޑަކަށްވާއިރު މި އޯވޯޑް ހަފްލާއަށް ހާޒިރުވެ ވަޑައިގެންނެވޭ ނަމަ ސެޕްޓެމްބަރު މަސް ފެށުމުގެ ކުރިން އަންގަވައިދެއްވުމަށް މަހުލޫފަށް ފޮނުއްވި ސިޓީގައި އަންގާފައިވެއެވެ.

މި އަހަރުގެ އެވޯޑް ހަފްލާ އޮންނާނީ ޕީޖީއޭގެ 40 ވަނަ އަހަރީ ފޯރަމާއި ކޮންސަލްޓޭޓިވް އެސެމްބްލީ އޮފް ޕާލިމެންޓޭރިއަންސް ފޮރ ދި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް ހަފްލާ އާއި ދެ ހަފްލާ އެކުއެކީގައެވެ.

ޔޫކްރެެއިންގެ ކިއޭވްގައި ނޮވެމްބަރު މަހުގެ 16ގައި ބާއްވާ މި ހަފްލާގައި 50 ގައުމަކުން ގާނޫނު ހަދާ މަޖިލީސްތަކުގެ 120 މެމްބަރަކު ބައިވެރިވެ ވަޑަައިގަންނަވާއިރު އެވޯޑް ލިބޭ ފަރާތުގެ ހައިސިއްޔަތުން ހަފްލާގައި ތަގްރީރު ކުރެއްވުމުގެ ފުރުސަތު ވެސް މަހުލޫފަށް ވަނީ ލިބިފައެވެ.

ޕީޖީއޭއިން ކުރިން މި އެވޯޑް އެރުވި ދުނިޔޭގެ ލީޑަރުންނާއި ފާހަގަކޮށްލެވޭ ޝަޚްސިއްޔަތުންގެ ތެރޭގައި ސިއެރެލިއޯންގެ ކުރީގެ ރައީސް އާނެސްޓް ބައިރް ކޮރޮމަ، ޓޮންގާގެ ބޮޑުވަޒީރު އަކިލިސި ޕޮހިވައާއި، ދެކުނު ކޮރެއާގެ ކުރީގެ ރައީސް ކިމް ޑޯއި ޖަންގް، ކޮމަން ވެލްތްގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް ޑޮން މެކިނަން، ނިއުޒީލެންޑްގެ ކުރީގެ ބޮޑުވަޒީރު ހެލެން ކްލާކް، އަޔަލޭންޑްގެ ކުރީގެ ރައީސް މެރީ ރޮބިންސަން، ލައިބީރިޔާގެ ކުރީގެ ރައީސް އެލެން ޖޯންސަން، މެކްސިކޯގެ ކުރީގެ ރައީސް އާނެސްޓޮ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކުރީގެ ހައިކޮމިޝަނަރ ނަވިނެތަމް ޕިއްލޭ އަދި އައިސީސީގެ ކުރީގެ ރައީސް ފިލިޕް ހިމެނިވަޑައިގަންނަވައެވެ

މަހްލޫފަކީ 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ އެ ދާއިރާގެ މެމްބަރެވެ. އަދި ރާއްޖޭގެ ސިޔާސީ ދާއިރާގައި ފުންނާބު އުސް ބޭފުޅުކެވެ. ވަރަށް ޒުވާން އުމުރުން ފެށިގެން މަހްލޫފް ގެންދަވަނީ ޒުވާނުންގެ ކުރިއެރުމާ ގުޅޭ ތަފާތު އެކި ކަންކަމުގައި ވަކާލާތުކުރައްވަމުންނެވެ. އަދި ހަގު އުމުރުގައި ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންފައި ވެއެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ އަރިހުގައި އިސްކޮށް މަސައްކަތްކުރެއްވުމަށް ފަހު މި ސަރުކާރު ވެރިކަމަށް ގެނައުމުގައި ވެސް މަހްލޫފްގެ ހިއްސާ ބޮޑެވެ. ނަމަވެސް ސަރުކާރުގެ އަނިޔާވެރިކަމާއި އިންސާފުން ބޭރުން ކަންކަން ކުރާ ކަމަށް ވިދާޅުވެ މަހްލޫފް ވަނީ ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް