ކ. މާލެ
|
14 ޖޫން 2018 | ބުރާސްފަތި 11:44
މާސްގައި އޮޕޮޗުނިޓީ ރޯވަރ ހަރަކާތްތެރިވާ މަންޒަރު ދެއްކުމަށް ނާސާއިން ސްޓިމިއުލޭޓްކޮށް، އާންމުކޮށްފައިވާ ފޮޓޯއެއް
މާސްގައި އޮޕޮޗުނިޓީ ރޯވަރ ހަރަކާތްތެރިވާ މަންޒަރު ދެއްކުމަށް ނާސާއިން ސްޓިމިއުލޭޓްކޮށް، އާންމުކޮށްފައިވާ ފޮޓޯއެއް
ނާސާ
ނާސާ
ނާސާގެ އޮޕޮޗުނިޓީ ރޯވަރ އާއި ދުނިޔެއާ ގުޅުން މެދުކަނޑާލައިފި
ނާސާއަށް ވަނީ ވެލީގެ ތޫފާނެއް އައިސްފައި
އޮޕޮޗުނިޓީ ރޯވަރ ވަނީ ލޯ ޕަވަރ މޯޑަށް ގޮސްފައި
ފިނީގެ ސަބަބުން ރޮބޮޓް ހަލާކުވުމުގެ ފުރުޞަތު އެބަ އޮތް

އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން މާސްއަށް ފޮނުވާފައިވާ ރޮބޮޓް، އޮޕޮޗުނިޓީ ރޯވަރ ދުނިޔެއާ ގެޅުން މެދުކަނޑާލައިފިއެވެ.

ނާސާއިން ހާމަކޮށްފައިވާ ގޮތުގައި މާސްއަށް މިހާރު އައިސްފައިވާ ވެލީގެ ތޫފާނެއްގެ ސަބަބުން ދުނިޔެއާ ގުޅުން މެދުކަނޑާލައި، އޮޕޮޗުނިޓީ ރޯވަރ މިހާރު ވަނީ ލޯ ޕަވަރ މޯޑަށް ގޮސްފައެވެ. ގޮލްފު ކާޓެއްގެ ބޮޑުމިން ހުންނަ، ސޯލާ ހަކަތައިން ހަރަކާތްތެރިވާ އެ ރޮބޮޓަށް، ވެލީގެ ތޫފާނުގެ ސަބަބުން އިރުގެ އަލި ނުލިބި، ލޯ ޕަވަރ މޯޑަށް ދިއުމާ ގުޅިގެން މާސްގެ ބިމުގައި އެ ރޮބޮޓް ކުރަމުންދާ އެކި ސައިންޓިފިކް ތަހުލީލުތައް ކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ވެސް ނާސާ އިން ބުންޏެވެ.

ނާސާއިން ބުނީ މާސްގެ ބިމުގެ ހަތަރުބައިކުޅަ އެއްބައި، ނުވަތަ ގާތްގަނޑަކަށް 42 މިލިއަން އަކަކިލޯމީޓަރުގެ ސަރަޙައްދަކަށް އައިސްފައިވާ މި ވެލީގެ ތޫފާނަކީ މިހާތަނަށް މާސްގައި ރިކޯޑްކުރެވިފައިވާ މިފަދަ އެންމެ ބޮޑު ތޫފާން ކަމަށެވެ.

ނާސާއިން ބުނީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހު އޮޕޮޗުނިޓީ ރޯވަރ މަސައްކަތް ކުރުމަށް ބޭނުންވާ ވަރަށް ހަކަތަ އުފެއްދޭ ވަރަށް އިރުގެ އަލި ލިބޭނެ ކަމަށް އެ އިދާރާގެ އިންޖިނިއަރުންނަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

ނާސާގެ ސައިންޓިސްޓް ރިޗް ޒޫރެކް ވިދާޅުވެފައި ވަނީ މި ތޫފާނުގެ އަސަރު ފުރަތަމަ ފެންނަން ފެށީ މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. މީގެ އިތުރުން ނާސާގެ ޕްރޮޖެކްޓް މެނޭޖަރ ޖޯން ކަލަސް ވިދާޅުވެފައި ވަނީ، މި ތޫފާނުގެ ޑެންސިޓީ އަންދާސާ ކުރެވެނީ ރިކޯޑް އޮޕޭސިޓީ މިންވަރެއްގައި ކަމަށެވެ. ކަލަސް ހާމަ ކުރެއްވި ގޮތުގައި މި ތޫފާނުގެ އޮޕޭސިޓީ ލެވެލް ހުރީ 10.8 ގައެވެ. އެއީ 2004 ވަނަ އަހަރު އޮޕޮޗުނިޓީ ރޯވަރ މާސްއަށް ދިޔައިރުއްސުރެ އެ ރޮބޮޓަށް މިހާތަނަށް ކުރިމަތިވި ތޫފާންތަކަށް ވުރެ ދެގުނަ ބާރު ގަދަ މިންވަރެކެވެ.

މި ތޫފާނުގެ ސަބަބުން މާސްގެ ޖައްވުގައި މިހާރު ހަރަކާތްތެރިވަމުންދާ ކިއުރިއޯސިޓީ ރޯވަރއަށް ވެސް ގެއްލުންތަކެއް ވެދާނެ ކަމަށް ނާސާގެ އިންޖިނިއަރުން ޤަބޫލުކުރާއިރު، އެ ފަރާތްތަކުގެ އެންމެ ބޮޑު ބިރަކަށް މިހާރު ވެފައި ވަނީ ތޫފާނުގެ ސަބަބުން މާސް އިންތިހާއަށް ފިނިވެ، އޮޕޮޗުނިޓީ ރޯވަރ އެކުގައި ހަލާކުވުމެވެ. އޮޕޮޗުނިޓީ ރޯވަރއާ އެކު މާސްއަށް ފޮނުވި ސްޕިރިޓް ރޯވަރ، 2010 ވަނަ އަހަރު އެކުގައި ހަލާކުވެފައި ވަނީ ވެސް ފިނީގެ ސަބަބުންނެވެ.

މަރ-ބީ

މަރ-ބީ ނުވަތަ މާސް އެކްސްޕްލޮރޭޝަން ރޯވަރ – ބީ، އަކީ ވެސް އޮޕޮޗުނިޓީ ރޯވަރއަށް ކިޔާ ނަމެކެވެ. އޮޕޮޗުނިޓީ ރޯވަރއަކީ 2003 ވަނަ އަހަރު ނާސާއިން މާސްއަށް ފޮނުވާލި 2 ވަނަ ރޮބޮޓެވެ. އޮޕޮޗުނިޓީ ރޯވަރ މާސްގައި ޖައްސާފައިވަނީ 2004 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އޮޕޮޗުނިޓީ ރޯވަރގެ ކުރިން ނާސާއިން މާސްއަށް ފޮނުވި ސްޕިރިޓް ރޯވަރ މަސްގައި ޖައްސާފައި ވަނީ 2004 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހުއެވެ.

ފިނީގެ ސަބަބުން 2009 ވަނަ އަހަރު ސްޕިރިޓް ރޯވަރގެ ސިސްޓަމް ސްޓަކްވެ، އެ ރޮބޮޓްގެ ގުޅުން ދުނިޔެއާ އެއްކޮށް ކެނޑިފައި ވަނީ ޖެހިގެން އައި އަހަރުއެވެ.

މިއިން ކޮންމެ ރޮބޮޓަކީ ވެސް އެންމެ 90 ދުވަހު މަސައްކަތްކުރުމަށް ފަރުމާކޮށްފައިވާ ރޮބޮޓްތަކެއް ނަމަވެސް، އޮޕޮޗުނިޓީ ރޯވަރ މިހާރު ވަނީ އެއް މުއްދަތުގެ އިތުރުން 14 އަހަރާއި އެއް މަސްދުވަހަށް ވުރެ ގިނަ ދުވަސް މާސްގައި ސައިންޓިފިކް ތަހުލީލިތައް ކުރުމުގައި ހޭދަކޮށްފައެވެ.

އޮޕޮޗުނިޓީ ރޯވަރއަކީ ނާސާއިން މިހާތަނަށް މާސްއަށް ފޮނުވި އެންމެ ކާމިޔާބު އެއް ރޮބޮޓް ވެސް މެއެވެ. އޮޕޮޗުނިޓީ ރޯވަރ ވަނީ މާސްގައި، މައިކްރޯބިއަލް ދިރުންތަކަށް ދިރި ތިބެވޭ ފަދަ ތެތް ހިސާބުތަކެއް ދިގު މުއްދަތަކަށް ހުރި ކަމުގެ ހެކި ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް