ކ. މާލެ
|
14 ޖޫން 2018 | ބުރާސްފަތި 10:56
ސުޤްޔާ ޒަމްޒަމްގެ މުވައްޒަފުން އުމްރާވެރިންނަށް ފެން ބެހުމަށް ތައްޔާރުވެގެން
ސުޤްޔާ ޒަމްޒަމްގެ މުވައްޒަފުން އުމްރާވެރިންނަށް ފެން ބެހުމަށް ތައްޔާރުވެގެން
އެސްޕީއޭ
ރަމަޟާން 1439
ހަތާވީސް ވިލޭރޭ 3000 ޓަނުގެ ޒަމްޒަމް ފެން ބޭނުންކޮށްފައިވޭ
އެންމެ ގިނައިން ފެން ބޭނުންކޮށްފައިވަނީ ބުއިމަށާއި ވުޟޫ ކުރުމަށް
ޙައްޖުގެ ދުވަސްވަރާއި ރަމަޟާން މަހު ފެން ބޭނުންކުރާ އަދަދު އިތުރުވޭ

ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ޚިދުމަތް ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރާ ފަރާތަކީ ސައުދީގެ ގްރޭންޑް މޮސްކް އެންޑް ޕްރޮފެޓްސް މޮސްކް އެފެއާޒެވެ. ކޮންމެ އަހަރަކު ވެސް މައްކާއަށް ޒިޔާރަތްކުރާ އެތައް މިލިއަން ޙައްޖުވެރިންނާއި އުމްރާވެރިންނަށް އެކި ޚިދުމަތްތައް ދީ، ޙައްޖުވެރިންނާއި އުމްރާވެރިންގެ އަޅުކަމަށް އެހީވުމަށް ޚާއްސަ ޑިޕާޓްމަންޓްތައް އެ އިދާރާގެ ދަށުން ހެދިފައި ވެއެވެ.

މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޑިޕާޓްމަންޓަކީ ސުޤްޔާ ޒަމްޒަމްއެވެ. އެއީ ޙައްޖާއި އުމްރާވެރިންނަށް އެކި ބޭނުންތަކަށް ޒަމްޒަމް ފެން ފޯރުކޮށްދޭ ޑިޕާޓްމަންޓެވެ. އެ ޑިޕާޓްމަންޓްގެ މައިގަނޑު މަސައްކަތަކީ ކޮންމެ ދުވަހަކު ވެސް ޒަމްޒަމް ވަޅުގެ ފެން ޓެސްޓުކޮށް، އޭގެ ސާފުކަމާއި، ރައްކާތެރިކަން ޔަޤީން ކުރުމާއި، މައްކާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދަތިކަމެއް ނެތި ބޭނުންކުރެވޭނެހެން ޒަމްޒަމް ފެން ފޯރުކޮށްދިނުމެވެ. އެގޮތުން މައްކާގެ އެކި ހިސާބުތަކަށް ހޮޅި އަޅައިގެން ޒަމްޒަމް ފެން ފޯރުކޮށްދިނުމާއި، ޕެކެޓާއި، ފުޅި އާއި ހަން ފަދަ ކަންވާރުތަކުގައި ބަންދުކޮށްގެން އެ ފެން ބެހުމަކީ ވެސް އެ ޑިޕާޓްމަންޓްގެ މަސައްކަތެކެވެ.

ޙައްޖުގެ އަޅުކަމުގެ ދުވަސްވަރުގެ ބޭރުން، ޒަމްޒަމްފެން އެންމެ ގިނައިން ބޭނުންކުރެވޭ އެއް ދުވަސްވަރަކީ ރަމަޟާން މަހެވެ. ރަމަޟާން މަހު މި އަދަދު މައްޗަށްދާ މައިގަނޑު ސަބަބަކީ އެ މަހުގެ ތެރޭގައި އުމްރާ ވުމަށް މައްކާއަށް ޒިރާރަތްކުރާ ފަރާތްތައް ގިނަ ވުމެވެ. ރަމަޟާން މަހުގެ ދުވަސްތަކާއި ރޭތަކުގެ ތެރެއިން ވެސް އެ މަހުގެ ފަހު 10 ގެ އޮނަހިރި ވިލޭރޭތައް، ޚާއްސަކޮށް 27 ވިލޭރެއަކީ އެކި ބޭނުންތަކަށް މައްކާގައި ޒަމްޒަމް ފެން ބޭނުންކުރާ މިންވަރު އިތުރުވެގެންދާ ރެއެކެވެ.

ސުޤްޔާ ޒަމްޒަމްގެ ޑިރެކްޓަރަކަށް ހުންނަވާ އުސާމާ ބިން މަންޞޫރު އަލް ހަޖީލީއާ ހަވާލާދީ ސައުދީގެ ރަސްމީ ނޫސް އޭޖެންސީން ބުނީ، މި އަހަރުގެ ރަމަޟާން މަހު، އުމްރާވެރިންނަށް ޒަމްޒަމް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި، އެގޮތުން ރަމަޟާން މަހުގެ 27 ވިލޭރޭ އެކަނިވެސް، އެކި ބޭނުންތަކަށް އުމްރާވެރިންނަށް 3000 ޓަނުގެ ފެން ފޯރުކޮށްދެވިފައިވާ ކަމަށެވެ.

މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބުއިމަށާއި، ވުޟޫ ކުރުމަށް ބޭނުންކުރި ފެންކަން ސުޤްޔާ ޒަމްޒަމް އިން ވަނީ ހާމަކޮށްފައެވެ.

އިސްމާއީލްގެފާނަށް މުއުޖިޒާތެއްގެ ގޮތުގައި ލެއްވި ޒަމްޒަމް ފެން އާރު ފަހުން ވަޅެއްގެ ގޮތުގައި ޤާއިމްކޮށްފައިވާއިރު، މުސްލިމުންގެ މެދުގައި އެ ވަޅަށާއި، އެ ވަޅުގެ ފެނަށް ވަނީ ޚާއްސަ ޤަދަރެއް ދެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް