އުތުރު ކޮރެއާގެ ފަރާތުން މިހާރު އެމެރިކާ އަށް ނިއުކްލިއާ ހަތިޔާރުގެ ބިރެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ވިދާޅުވެއްޖެއެވެ.
ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ސިންގަޕޫރުގައި ތާރީީޚީ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބައްދަލުވުމަށް ފަހު ސިންގަޕޫރުން އެނބުރި އެމެރިކާ އަށް ވަޑައިގެން، ކުރެއްވި ޓްވީޓެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހަަށް ވުރެ ބޮޑަށް މިހާރު އެމެރިކާ އަށް ރައްކާތެރިކަމާއި އަމާންކަން ވެރިވެއްޖެ ކަަމަށާއި އުތުރު ކޮރެއާ އިން އެމެރިކާ އަށް އެއްވެސް "ނިއުކްލިއާ ބިރެއް ނެތް" ކަމަށެވެ.
ރައީސް ޓްރަމްޕް ވިދާޅުވީ އުތުރު ކޮރެއާގެ ލީޑަރާ އެކު ބޭއްވި ބައްދަލުވުމަކީ "ވަރަށް ޝައުގުވެރިކުރަނިވި އަދި ޕޮޒިޓިވް ތަޖުރިބާއެއް" ކަމަށެވެ. އަދި އުތުުރު ކޮރެއާއަކީ ކުރިމަގު އޮތް ގައުމެއް ކަމަށެވެ.
ވަރަށް ބޮޑަށް ޑިޕްލޮމަސީ ކުރިއަށް ނެެރެ، ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު، އެމެރިކާ އާއި އުތުރު ކޮރެއާގެ ވެރިންގެ ބައްދަލުވުން ހަގީގަތަކަށް ވެފައިވާއިރު، ސިންގަޕޫރުގައި ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންގެ ބައްދަލުވުމަށް ފަހު ވަނީ ހާއްސަ ޖޮއިންޓް އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ. އެ އެއްބަސްވުމާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ ދެ ގައުމުގެ ވެރިން ސޮއިކުރެއްވި އެއްބަސްވަމަކީ ވަރަށް "ރަނގަޅު އެއްބަސްވުމެއް" ކަމަށެވެ.
ދެ ގައުމުގެ ވެރިން ސޮއިކުރެއްވި މި އެއްބަސްވުމުގައި، ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަތިޔާރުން ސަލާމަތް ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ވައުުުދުވެވަޑައިގެންފައި ވެއެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އުތުރު ކޮރެއާގެ ސަލަމަތާއި ރައްކާތެރިކަން އެމެރިކާ އިން ކަށަވަރުކޮށްދޭނެއެވެ. އަދި އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރުގެ ހުރިހާ މަސައްކަތެއް ހުއްޓާލައި، މިހާރު ތައްޔާރުކޮށްފައި ހުރި ތަކެތި ނައްތާލުމަށް ވެސް އެއްބަސްވެފައިވެއެވެ.
ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ. އުތުރު ކޮރެއާގެ ލީޑަރާއި އެމެރިކާގެ ރައީސްގެ ބައްދަލުވުމަށް ހަގީގީ ސިފަ އައިސް އެ ބައްދަލުވުން، ހަގީގަތަކަށް ހެދުމަށްޓަކައި ޑިޕްލޮމަސީ ކުރިއަށް ނެރެ އެމެރިކާ އާއި އުތުރު ކޮރެއާގެ އޮފިޝަލުން ގެންދެވީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.