ސްޕެއިންގެ ކޯޗުގެ މަގާމުގައި ހުރި ހޫލިއަން ލޮޕެޓެގީ އެ މަގާމުން ވަކިކޮށް އެ މަގާމަށް ފެނާންޑޯ ހިއެރޯ އައްޔަނުކޮށްފިއެވެ.
އުމުރުން 51 އަހަރުގެ ލޮޕެޓެގީ އެ މަގާމުން ވަކިކުރީ ސްޕެއިންގެ ފުޓްބޯޅަ އިދާރާއަށް އެންގުމެއް ނެތި ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމަށް އައުމަށް އޭނާ އެއްބަސްވުމާ ގުޅިގެންނެވެ. ލޮޕެޓެގީ ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމާ ހަވާލުވުމަށް އަންގާރަ ދުވަހު އެއްބަސްވެފައެވެ.
ލޮޕެޓެގީ ވަކިކުރުމާ އެކު ސްޕެއިނުން ވަނީ އެ ގައުމުގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައި ހުރި ފެނާންޑޯ ހިއެރޯ އެ މަގާމަށް އައްޔަނުކުރުމަށް ނިންމާފައެވެ. އޭނާ ސްޕެއިންއަށް އިރުޝާދު ދޭނީ ވޯލްޑް ކަޕްގެ ނިޔަލަށެވެ.
ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއާލޭސް ބުނީ ނިންމާ ކޮންމެ ނިންމުމެއްގެ ސަބަބުން ފާޑުކިޔުން އަމާޒުވާނެ ކަމަށާއި ލޮޕެޓީގަކީ މޮޅު ކޯޗަކަށްވުމާ އެކު އެ ނިންމުން ނިންމަން ވަރަށް އުނދަގޫވާނެ ކަމަށެވެ. އޭނާ ބުނީ ވޯލްޑް ކަޕް ފެށެން އެންމެ ދުވަހަކަށް ވެފައިވަނިކޮށް އެފަދަ ނިންމުމެއް ނިންމަން ޖެހުނީ މަޖުބޫރުވުމުގެ ސަބަބުން ކަމަށެވެ. ރުބިއާލޭސް ބުނީ މި ނިންމުމުގެ ސަބަބުން ޓީމު އިތުރަށް ވަރުގަދަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ލޮޕެޓީގަށް އޮތް އިހުތިރާމް ކުޑަނުވާނެ ކަމަށެވެ.
ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރެއާލްގެ ކޯޗުގެ މަގާމާއި ލޮޕެޓެގީ ހަވާލުވާކަން އެނގުމުން ރުބިއާލޭސް ވަނީ ރުޅިވެރިކަން އިސްކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން މޮސްކޯގައި ކުރިޔަށްދިޔަ ފީފާގެ ކޮންގްރެސް ނިމުމުގެ ކުރިން އޭނާ ވަނީ ވޯލްޑް ކަޕްގައި ސްޕެއިން ކޭމްޕް ކުރަމުންދާ ކްރަސަންޑޯރ އަށް އެނބުރި ގޮސްފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސްޕެއިންގެ ސްކޮޑުގައި ހިމެނޭ އެންމެ ސީނިއަރ ކުޅުންތެރިން ކަމަށްވާ ކެޕްޓަން ސާޖިއޯ ރާމޯސް އަދި ވައިސް ކެޕްޓަން އަންދްރޭސް އިނިއެސްޓާ ވަނީ ލޮޕެޓެގީ އެމަގާމުން ވަކިނުކުރުމަށް އެދިފައެވެ.
ވިސެންޓޭ ޑެލް ބޮސްކޭ 2016 ވަނަ އަހަރު ރިޓަޔާ ކުރުމާ އެކު ސްޕެއިންގެ ކޯޗުގެ މަގާމައި ހަވާލުވި ލޮޕެޓެގީގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު 20 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.
ލޮޕެޓީގެ ބަދަލުގައި އެމަގާމާއި ހަވާލުވި ހިއެރޯއަކީ ރެއާލް މެޑްރިޑްގެ އެސިސްޓަން ކޯޗުގެ މަގާމު ވެސް ފުރާފައިވާ ކޯޗެކެވެ. މި ނިންމުމުގެ ސަބަބުން ސްޕެއިންގެ ޓީމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ސްޕެއިން ހިމެނިފައި ވަނީ އީރާނާއި މޮރޮކޯ އަދި ޔޫރަޕްގެ ޗެމްޕިއަނުން ކަމަށްވާ ޕޯޗުގަލްއާ އެކު ގްރޫޕް ބީގައެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖޫން މަހުގެ 15 ވަނަ ދުވަހު ޕޯޗުގަލްއާ ދެކޮޅަށް ސްޕެއިން ނުކުންނައިރު ދެވަނަ މެޗުގައި އޭގެ ފަސް ދުވަސް ފަހުން އެގައުމު ނުކުންނާނީ އިރާނާ ދެކޮޅަށެވެ. ހަމައެހެންމެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްޕެއިން ނުކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ.