ކ. މާލެ
|
13 ޖޫން 2018 | ބުދަ 08:17
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް، އެމަނިކުފާނުގެ މަޤާމު ގެއްލިއްޖެކަމަށް އެޤައުމުގެ ސުޕްރީމް ކޯޓުން ނިންމުމުގެ މަދު ދުވަސްކޮޅެއް ކުރިން ރާއްޖޭގައި
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް، އެމަނިކުފާނުގެ މަޤާމު ގެއްލިއްޖެކަމަށް އެޤައުމުގެ ސުޕްރީމް ކޯޓުން ނިންމުމުގެ މަދު ދުވަސްކޮޅެއް ކުރިން ރާއްޖޭގައި
ރައީސް އޮފީސް
ނަވާޒް ޝަރީފް
ނަވާޒް ޝަރީފްގެ ވަކީލުން މައްސަލައިން ތަނާޒުލް ވެއްޖެ
ކޯޓުން މަސައްކަތްކުރަނީ އިންތިޚާބާއި ކައިރިކޮށް ނަވާޒް ޝަރީފަށް ހުކުމް ކުރަން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ މައްޗަށް ހިންގަމުންދާ ޝަރީޢަތުން އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ތަނާޒުލްވެއްޖެއެވެ.

ނަވާޒް ޝަރީފްގެ މައްޗަށް ޕާކިސްތާނުގެ ކޯޓެއްގައި ޝަރީޢަތްކުރިއަށް ދަނީ އެމަނިކުފާނާއި ދެކޮޅަށް އުފުލިފައިވާ މަނީ ލޯންޑަރިންގއާއި، މާލީ މުއާމަލާތްތަކުގެ މައުލޫމާތު ހާމަނުކުރައްވާ މައްސަލައިގައި އުފުލިފައިވާ ދައުވަތެކެކެވެ. ނަވާޒްގެ ޤާނޫނީ ވަކީލުން މައްސަލައިން ތަނާޒުލްވީ އެމައްސަލައިގައި ހުކުމް ކުރުމުގެ މަޖިލިސް އާއްމު އިންތިޚާބާއި ދިމާކޮށް ބާއްވަން ކޯޓުން މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކޮށެވެ. 

2017ވަނަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ނަވާޒް ޝަރީފް ބޮޑުވަޒީރުކަމުން ދުރުކޮށް، ޤާނޫނު ހަދާ މަޖިލީހުގެ އެމަނިކުފާނުގެ ގޮނޑި ގެއްލުނުކަމަށް ނިންމީ 2016ވަނަ އަހަރު ލީކްވި މަޝްހޫރު ޕެނަމާ ޕޭޕަރސްގައި އެމަނިކުފާނު ޤައުމުން ބޭރުގައި ސިއްރު ވިޔަފާރިތަކެއް ހިންގިކަން ސާބިތުވުމާއި ގުޅިގެންނެވެ. އެހެންނަމަވެސް ނަވާޒް ޝަރީފް ގެންދަވަނީ އަދިވެސް އެތުހުމަތުތައް ދޮގުކުރައްވަމުންނެވެ. 

ނަވާޒް ޝަރީފްގެ މައްޗަށް ކުރެވޭ ޝަރީޢަތުގައި މިހަފްތާތެރޭ ހުކުމް ކުރަން ކުރިން ވަނީ ރޭވިފައިއެވެ. އެހެން ނަމަވެސް ހުކުމް ކުރުން ޖުލައި 10 ވަނަ ދުވަހަށް ވަނީ ލަސްކޮށްފައެވެ. ޕާކިސްތާނުގެ އާއްމު އިންތިޚާބު އޮންނާނީ ޖުލައި 25ގައެވެ. އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދާނެކަމަށް ބެލެވެނީ ނަވާޒް ޝަރީފްގެ މުސްލިމް ލީގްއެވެ. އެހެންނަމަވެސް ވަކީލުންނާއި ނަވާޒް ޝަރީފަށް ތާޢީދުކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ޕާކިސްތާނުގެ ސިޔާސީ މަސްރަހުގައި ނުފޫޒުގަދަ އެޤައުމުގެ އަސްކަރިއްޔާއިން މަސައްކަތްކުރަމުން އަންނަނީ ސުޕްރީމް ކޯޓާއި ގުޅިގެން ނަވާޒް ޝަރީފްގެ އަގު ވައްޓާލައި، އިންތިޚާބުން ނަވާޒް ޝަރީފް ބަލިކުރުމަށް ނުފޫޒު ފޯރުވުމަށެވެ. 

ހުކުމް ކުރުން ލަސްކުރަން ކޯޓުން މަސައްކަތްކުރުމުން އެމައްސަލަ އިންތިޚާބު ނިމެންދެން މަޑުޖައްސާލުމަށްވެސް ވަކީލުން އެދުނެވެ. އެހެން ނަމަވެސް ކޯޓުން ބޭނުންވަނީ ވޯޓުގެ ދުވަސްކޮޅެއް ކުރިން ހުކުމް ކުރުމަށެވެ.

ނަވާޒް ޝަރީފް 3 ދައުރެއްގައި ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރެއްވިއިރު، އެމަނިކުފާނަށް އެއްވެސް ދައުރެއް އެއްކޮށް ފުރިހަމައެއް ނުކުރެވެއެވެ. ފުރަތަމަ ދައުރު ނުނިމެނީސް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބަޣާވާތްކުރިއިރު، ދެވަނަ ދައުރުވެސް ނުނިމެނީސް އިސްތިއުފާ ދެއްވުމަށް މަޖުބޫރުވިއެވެ. އަދި 3 ވަނަ ދައުރު ނިމިގެންދިޔައީ ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުންނެވެ. 

ނަވާޒް ޝަރީފަކީ ޕާކިސްތާނުގެ ސިޔާސީ މައިދާނުގައި މަދަނީ ފަރާތްތަކާއި އާއްމު ރައްޔިތުންގެ ބާރު ގަދަކުރުމަށް ވަކާލާތުކުރައްވާ ބޭފުޅެކެވެ. ޕާކިސްތާނުގެ ސިޔާސީ މަސްރަހުގައި އެޤައުމުގެ އަސްކަރިއްޔާއާއި ޝަރުޢީ ދާއިރާގެ ނުފޫޒު އިންތިހާއަށް ގަދައެވެ. 

342 ގޮނޑި ހިމެނޭ ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ 166 ގޮނޑި މުސްލިމް ލީގުން ކާމިޔާބުކުރާނެކަމަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާއިރު، މުސްލިމް ލީގާއި އެންމެ ގާތުން ވާދަކުރަނީ ކުރީގެ ބޮޑުވަޒީރުންކަމަށްވާ ބޭނަޒީރު ބުއްޓޫއާއި އާސިފް އަލީ ޒަރްދާރީގެ ދަރިކަލުން ބިލާވާލް ބުއްޓޫ ޒަރްދަރީ ލީޑްކުރައްވާ ޕީޕަލްސް ޕާޓީއެވެ. އަދި ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާންގެ ތެހެރިކޭ އިންސާފް ޕާޓީއިންވެސް ޕީޕަލްސް ޕާޓީއާއި ދާދި އެއް އަދަދަކަށް ގޮނޑިތައް ނަގާނެކަމަށް ބެލެވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް