ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ ބަޔާންތަކުގައި ސޮއިކުރުމަށް ގިނަ ވަގުތު ހޭދަވާތީ، އަންގާރަ ދުވަހު ތާވަލް ކުރި އަޑުއެހުން ބުދަ ދުވަހަށް ފަސްކޮށްފި އެވެ.
އެ ތިން ބޭފުޅުންގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ ހުލާސާ ބަޔާން އިއްވުމަށް އަންގާރަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލް ކުރި އަޑުއެހުން ކެންސަލް ކުރިކަން ކޯޓުން އެންގީ ދޮޅުގަޑިއިރު ފަހުންނެވެ. އެ އަޑުއެހުމަށް ނޫސްވެރިންނާއި ރައީސް މައުމޫންގެ އާއިލާ ބޭފުޅުންނާއި ގާތްބޭފުޅުން ދޮޅު ގަޑިއިރަށް ވުރެ ގިނަ ވަގުތު ކޯޓުގެ ތެރޭގައި ހޭދަކޮށްފައި ވެއެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އަންގާރަ ދުވަހުގެ އަޑުއެހުން ކެންސަލް ކުރީ ބަޔާންތަކުގައި ސޮއި ކުރުމަށް ގިނަ ވަގުތު ހޭދަވާތީ، އަންގާރަ ދުވަހު އަޑުއެހުން ކުރިއަށް ގެންދެވޭނެ ކަމަށް ނުފެންނާތީ އެވެ. އެެހެންކަމުން އަންގާރަ ދުވަހު ބާއްވަން އޮތް އަޑުއެހުން ބުދަ ދުވަހުގެ 11:00 އަށް ތާވަލް ކުރެވިފައިވާ ކަމަށެވެ.
އެންމެފަހުން އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ މިދިއަ އާދިއްތަ ދުވަހުގެ ރެ އެވެ.
އެ ތިން ބޭފުޅުންގެ މައްޗަށް ކުރާ އަދުލު އިންސާފު ގާއިމުކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާއިން ދިފާއުވުމަށް ހުށަހެޅި ހެކީންގެ ހެކިބަސް ނުނެގުމަށް ގާޒީ ވަނީ އެންމެފަހުން ބޭއްވި އަޑުއެހުމުގައި ނިންމާފަ އެވެ.
ރައީސް މައުމޫނާއި އަބްދުﷲ ސައީދާއި އަދި އަލީ ހަމީދާ ދެކޮޅަށް ކުރާ މި ދައުވާ ސާބިތު ކުރުމަށް ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ނަގާ ނިމުނީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި އަޑުއެހުމުގަ އެވެ. ދައުލަތުން ހުށަހެޅި ހުރިހާ ހެކިންގެ ހެކިބަސް ނަގާ ނިމުމުން މި މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބު ވިދާޅުވީ މި މައްސަލައިގައި ދައުވާ ލިބޭ އަބްދުﷲ ސައީދާއި އަލީ ހަމީދު ހުށަހެޅުއްވި ހެކިންގެ ހެކިބަސް ނުނެގުމަށް ނިންމަވާ ކަމަށެވެ. އެގޮތަށް ނިންމެވީ ދައުލަތުން ހުށަހެޅި ކަންކަމަށް ބެލުމަށް ފަހު ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
މި މައްސަލައިގައި މައުމޫނުގެ ފަރާތުން ދިފާއީ އެއްވެސް ހެއްކެތް ހުށައަޅުއްވާފައި ނުވެ އެވެ.
އާދިއްތަ ދުވަހުގެ ރޭ ބޭއްވި އަޑުއެހުމުގައި އަބްދުﷲ ސައީދާއި ދެކޮޅަށް ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅުއްވި ދެ ފުލުހުންނާއި މައުމޫނާ ދެކޮޅަށް ހެކީގެ ގޮތުގައި ހުށަހެޅި ދެ ފުލުހުންގެ އިތުރުން އަލީ ހަމީދާ ދެކޮޅަށް ސިއްރުން ހެކިބަސް ދިން މީހެއްގެ ހެކިބަސް ނަގާފައިވެ އެވެ.
އެ އަޑުއެހުން ކުރިއަށްދިޔަ އިރު ހެކިންނާ ސުވާލު ކުރަން ބޭނުންފުޅުވާނަމަ ސުވާލުކުރުމަށް އެންގެވުމުން ރައީސް މައުމޫނާއި އަބްދުﷲ ސައީދާއި އަލީ ހަމީދު ކޮންމެ ފަހަރަކު ވެސް ވިދާޅުވެފައި ވަނީ ބޭނުންފުޅުވަނީ ދިފާއީ ވަކީލުންނާއެކު ހެކިންނާ ސުވާލު ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް ގާޒީ ވިދާޅުވެފައިވަނީ ވަކީލުންގެ ހައްގު ހަނި ނުކުރާ ކަމަށާއި ވަކީލުން ހަމަ ޖައްސެވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ޝަރީއަތް އޮންނާނެ ކަން އަންގާތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ޝަރީއަތް ފެށުމުން ތައްޔާރު ނުވުމަކީ އޭގެ ޒިންމާ ޝަރީއަތުން ނަގަން ޖެހޭނެ ކަމެއް ނޫން ކަމަށް މީގެ ކުރިން މަތީ ކޯޓުން ނިންމާފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
މި މައްސަލަގައި ސިއްރުން ހެކިބަސް ނަގާތީ ރައީސް މައުމޫނު ވަނީ އެއަޑުއެހުމުގައި ވެސް އެކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން އިސްލާމް ދީނުގައި ސިއްރުން ހެކިބަސް ނެގުން ހުއްދަ ނުކުރާ ކަމަށް ވިދާޅުވެ ސިއްރު ހެކިބަސް ނެގިދާނެ ކަމުގެ ދަލީލެއް ދައްކައިދޭން ޕްރޮސެކިއުޓާ ޖެނަރަލްގެ ވަކީލުން ކިބައިން ރައީސް މައުމޫނު އެދިވަޑައިގެންނެވި އެވެ.
ކީރިތި ގުރުއާނުން ނުވަތަ ރަސޫލާގެ ހަދީސަކުން ނުވަތަ އަދި އިލްމްވެރިއެއްގެ ބަހަކުވެސް ސިއްރު ހެކިބަސް ނެގުން ހުއްދަ ކުރޭތޯ ސުވާލު ކުރުމުން ޕީޖީ އޮފީހުގެ ވަކީލާ ވިދާޅުވީ އިސްލާމް ދީނުގެ އަސްލަކާ ހިލާފަށް އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު ޖިނާޢީ އިޖްރާއަތުގެ ގާނޫނުގައި ސިއްރުން ހެކިބަސް ނެގޭނެ ވާހަކަ އޮންނަ ކަމަށެވެ. އެހެން ކަމުން ސިއްރު ހެކިބަސް ނެގުން ހުއްދަ ނުވާނަމަ ގާނޫނުގައި އެހެން ނޯންނާނެ ކަމަށް ވަކީލާ ވިދާޅުވި އެވެ. އެއަށް ފަހު ރައީސް މައުމޫނަށް އިތުރު ވާހަކައެއް ދެއްކުމަށް ޝަރީއަތުން ފުރުސަތެއް ދީފައެއްނުވެ އެވެ.