އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ-އުން ބައްދަލުކުރައްވައިފިއެވެ.
ސުލްހަވެރި ދުނިޔެއަކާއި ދިމާލަށް އިންސާނުން އަޅާ ބިޔަ ފިޔަވަޅެއްގެ ގޮތުގައި ސިފަކުރެވިފައިވާ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިންގަޕޫރުގެ ކަޕެލާ ހޮޓެލްގައެވެ.
ޖޫން 12 ވީ އަންގާރަ ދުވަހު، ސިންގަޕޫރު ގަޑިން ހެނދުނު 9 ޖެހިއިރު ޓްރަމްޕް އައި ކިމް ވަނީ ކަޕެލާ ހޮޓެލްގައި ބައްދަލުކުރައްވާ، ސަލާން ކުރައްވާފައެވެ. އަދި އެއަށްފަހު ދެބޭފުޅުން ވަނީ ފޮޓޯއަކަށް ހުއްޓިވަޑައިގެންފައެވެ.
މިއީ އެމެރިކާގެ ރައީސަކު ދައުރުގެ ތެރެއިން އުތުރު ކޮރެއާގެ ލީޑަރާއި ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
މި ދެބޭފުޅުން މީޑިއާގެ ކުރިމަތީގައި ބައްދަލުކުރެއްވުމަށްފަހު، ދެން ވަޑައިގެންނެވީ ދެ ބޭފުޅުންގެ ދެމެދުގައި ކުރެވޭ މަޝްވަރާ ތަކަށެވެ. މި މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާނީ އެ ދެބޭފުޅުން އެކަންޏެވެ. އަދި ބައްދަލުކުރައްވާ މާލަމުގައި ތިއްބަވާނީވެސް ޓްރަމްޕް އާއި ކިމްގެ އިތުރުން އެ ދެބޭފުޅުންގެ ތަރުޖަމާނުންނެވެ.
އެމެރިކާ އާއި އުތުރު ކޮރެއާގެ ދިދަ ހިމަނައިގެން ފަރުމާކޮށްފައިވާ ޕޯޓިކޯއެއްގައި ފޮޓޯއަށް ހުއްޓިވަޑައިގަތުމަށްފަހު ޓްރަމްޕާއި ކިމް ވަނީ އެއްފަރާތަކަށް ޖެހިވަޑައިގެން ކޮންމެވެސް ވަރަކަށް ވާހަކަފުޅު ދައްކަވާފައެވެ.
އެއަށްފަހު، މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މާލަމަށް ވަޑައިގެން، އެ މާލަމުގައި ދެ ބޭފުޅުންގެ ފޮޓޯ ނެގުމަށް މީޑިއާއަށް ދިން ފުރުޞަތުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ޑޮނާލްޑް ޓްރަމްޕް މި ބައްދަލުކުރެއްވުމަކީ ވަރަށް ކާމިޔާބު ބައްދަލުކުރެއްވުމަކަށް ވާނެ ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި ރަނގަޅު ރަޙުމަތްތެރިކަމެއް އުފެދިގެން ދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
ނޫސްވެރިންނަށް ޖަވާބު ދެއްވަމުން ކިމް ޖޮންގް-އުން ވިދާޅުވީ، މި ބައްދަލުކުރެއްވުމާއި ހަމައަށް ވަޑައިގެންނެވީ ގިނަ ދަތިތަކަކަށް ފަހު ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ގަޑިއިރެއް ހާއިރުގެ ބައްދަލުކުރެއްވުމަށްފަހު، ޓްރަމްޕް އާއި ކިމްގެ ބައްދަލުކުރެއްވުން ދެން ކުރިއަށް ގެންދަވާނީ އެ ދެ ބޭފުޅުންގެ އަރިސް ބޭފުޅުންނާއި އެކުގައެވެ.
އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމް ނިމުމަކަށް ގެނައުމަށް މި ބައްދަލުކުރެއްވުމުގައި އެމެރިކާއިން ބާރު އަޅާނެ ކަމަށް އެ ޤައުމުން ކުރިންވެސް ބުނެފައިވާއިރު، މި ބައްދަލުކުރެއްވުމުގައި އުތުރު ކޮރެއާގެ މައިގަނޑު ޑިމާންޑަކަށް ވަނީ އެ ޤައުމަށް ސަލާމަތާއި ރައްކާތެރިކަން ލިބިދިނުމާއި، އެ ޤައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމެވެ.
ބެލެވޭ ގޮތުގައި މި ބައްދަލުކުރެއްވުން ވެގެންދާނީ މިފަދަ އިތުރު ބައްދަލުވުންތަކަށް ހުޅުވިގެންދާ މަގަކަށެވެ.