ބާޒާރުގައި ކަރާގެ އަގު އަނެއްކާ ވެސް އުފުލިއްޖެއެވެ.
ލޯކަލް މާރުކޭޓުގައި ކަރާ ކިލޯއެއްގެ އަގު ވަނީ 60 ރުފިޔާއަށް އުފުލިފައެވެ.
ބާޒާރުގައި ކަރާ ވިއްކާ ފަރާތްތަކުން ބުނީ ކަރާގެ އަގު އުފުލުނީ ކަރާ ލިބުން ދަތިވުމާ ގުޅިގެން ކަމަށާއި ރަށްރަށުން ކަރާ ލިބުން މަދުވުމާއި، އަތޮޅުތަކުން ކަރާ ހުސްވުމުން ކަމަށެވެ.
މީގެ ފަސް ދުވަސް ކުރިން ކަރާ ކިލޯއެއް މާރުކޭޓުގައި ވިއްކަން ހުރީ 40 ރުފިޔާއަށް ކިލޯއެކެވެ.
ލޯކަލް މާރުކޭޓުގައި ކިއުކަމްބާ 45ރ އަށް ވިއްކަން ހުރިއިރު ކެބެޖް 35ރ އަށެވެ. އަދި އަންނާރު ލިބެން ހުރީ 80ރ އަށް ކިލޯއެކެވެ. މިރުސް ކިލޯއެއް ބާޒާރުގައި އުޅެނީ 400ރ އަށެވެ.
މީގެ އިތުރުން ފަޅޯ ކިލޯއެއް 30ރ އަށް ވިއްކަން ހުރިއިރު ލުނބޯ ކިލޯއެއް ލިބެން ހުރީ 35ރ އަށެވެ.
ލޯކަލް މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ކަރާގެ އަގު އިންތިހާއަށް އުފުލިގެންދާނެ ކަމަށެވެ.
މާރުކޭޓުގައި ކަރާގެ އަގު އުފުލިފައިވާއިރު މަސް މާރުކޭޓުގައި ކަނޑުމަސް ލިބުން ވަނީ ދަތިވެފައެވެ. ކަނޑުމަސް ކިލޯއެއްގެ އަގު އުޅެނީ 60-40 ރުފިޔާއަށެވެ.