ކ. މާލެ
|
11 ޖޫން 2018 | ހޯމަ 10:38
ކްރެސެންޓް ނުވަތަ ހަނދުފަޅިއަކީ ޒަމާނުއްސުރެ މުސްލިމުންނަށް ނިސްބަތް ވެފައިވާ ނިޝާނެއް
ކްރެސެންޓް ނުވަތަ ހަނދުފަޅިއަކީ ޒަމާނުއްސުރެ މުސްލިމުންނަށް ނިސްބަތް ވެފައިވާ ނިޝާނެއް
ރޮއިޓަރސް
ތުރުކީގެ ރައީސް
މިސްކިތްތައް ބަންދުކުރުމަކީ ހަނގުރާމައެއް ފެށިދާނެ ކަމެއް: އުރުދުޣާން
ގައުމުން ބޭރުން ޚަރަދު ކުރާ މުދިމުން އޮސްޓްރިއާއިން ބޭރު ކުރަނީ
އޮސްޓިރިއާއިން ބައެއް މިސްކިތްތައް ބަންދު ކުރަނީ
މީގެ ކުރިން ވަނީ ކުޑަކުދިންނަށް ބުރުގާ ނޭޅޭނެ ގޮތް ހަދާފައި

މިސްކިތްތައް ބަންދުކޮށް، ބޭރުގެ އެހީގައި ގެނެސްފައި ތިބި އިމާމުން ބޭރުކުރާނެ ކަމަށް އޮސްޓްރިއާގެ ބުނުމުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރުދުޣާން ވަރުގަދަ ބަހުގެ ހަމަލާތަކެއް އެ ގައުމަށް ދެއްވައިފިއެވެ.

އޮރުދުޣާން ވިދާޅުވީ ހަމައެއް ލަމައެއް ނެތި ދަމާ ކޫއްތާފައި މުސްލިމުން ނެރެމުންދާއިރު ތުރުކީ އިން މަޑުން އޮންނާނެ ކަމަށް އޮސްޓްރިއާ އިން ހީކުރަނީތޯ ސުވާލު ކުރައްވާފައެވެ. އަދި އޮރުދުޣާން ވަނީ އޮސްޓްރިއާގެ ނިންމުން ތަންފީޒް ކޮށްފި ނަމަ އެ ގައުމާ ދޭތެރޭ "ކަމެއް" ކުރަން ޖެހިދާނެ ކަމަށް ވިދާޅުވެ، އިންޒާރު ވެސް ދެއްވާފައެވެ.

އޮރުދުޣާން އިތުރަށް ވިދާޅުވީ އޮސްޓްރިއާގެ ނިންމުމުގެ ސަބަބުން "ކްރޮސް އާއި ކްރެސެންޓް" އާ ދެމެދު ހަނގުރާމައެއް ވެސް ފެށުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ޣުރުދުއާން އިޝާރާތް އެ ކުރެއްވައިފައި ވަނީ ކްރިސްޓިއަނުނުންނާއި މުސްލިމުންނަށެވެ.

ރައީސް އޮރުދުޣާން މިހާ ވަރުގަނދަ ބަހުގެ ހަމަލާތަކެއް ދެއްވާފައި މިވަނީ، ހަތް މިސްކިތް ބަންދު ކޮށް، ތުރުކީން ޚަރަދު ކޮށްގެން އޮސްޓްރިއާ އަށް ފޮނުވާފައިވާ އެތަކެއް މުދިމުންނާއި އެމީހުންގެ އާއިލާ އޮސްޓްރިއާއިން ބޭރު ކުރާނެ ކަމަށް އިންޓީރިއާ މިނިސްޓަރު ވައުދުވެ ވަޑައި ގަތުމުންނެވެ.

އިންޓީރިއާ މިނިސްޓަރު ވިދާޅުވެފައި ވަނީ އެ ކަން ކުރުމަށް ނިންމީ އިސްލާމް ދީނުގެ ސިޔާސަތުތައް ހަރުދަނާ ވިޔަ ނުދިނުމަށް ކަމަށެވެ. ހަމަ އެއާ އެކު އޮސްޓްރިއާގެ އޮފިޝަލުން ބުނެފައި ވަނީ އެ ނިންމުމަކީ ހައްދުފަހަނަ އަޅާއިފައިވާ ވިސްނުން މަދު ކުރުމަށާއި ބައިބައިވުން ހުއްޓުވަން ކުރި ކަމެއް ކަމަށެވެ.

ތުރުކީން ބުނި ގޮތުގައި އޮސްޓްރިއާގެ ނިންމުމަކީ ހަމަހަމަ ކަމެއް ނެތް، އިސްލާމިކްފޯބިކް، ރޭސިސްޓް ނިންމުމެކެވެ. ތުރުކީ ރައީސްގެ ތަރުޖަމާން ވިދާޅުވީ ބެލެވޭ ގޮތުގައި އޮޓްރިއާ އިން އެ ގޮތަށް އަމަލު ކުރުމަށް ނިންމާފައި ވަނީ ސިޔާސީ ފައިދާއަށްޓަކައެވެ.

އޮސްޓްރިއާގެ ސަރުކާރުން މީގެ ކުރިން ވަނީ ކުޑަކުދިން ބުރުގާ އެޅުވުން މަނާ ކޮށްފައެވެ. އެގައުމުން ބުނީ އެކަން ކޮށްފައިވަނީ އެ ކުދިން ގައިގައި އޮސްޓްރިއާގެ ސަގާފަތް އަށަގެންނެވުމަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް