ކ. މާލެ
|
9 ޖޫން 2018 | ހޮނިހިރު 14:01
ސީރިއާގެ ރައީސް ބައްޝާރު އަލް އަސަދް: ޖަރުމަނުން ހައްޔަރު ކުރަން އަމުރު ނެރުނީ ބައްޝާރުގެ އިސް ލެފްޓިނެންޓެއް
ސީރިއާގެ ރައީސް ބައްޝާރު އަލް އަސަދް: ޖަރުމަނުން ހައްޔަރު ކުރަން އަމުރު ނެރުނީ ބައްޝާރުގެ އިސް ލެފްޓިނެންޓެއް
ރޮއިޓަރސް
ޖަރުމަނުން ނެރުނު އަމުރު
ސީރިއާގެ އިސް އޮފިޝަލެއް ހައްޔަރުކުރުމަށް ޖަރުމަނުން އަމުރު ނެރެފި
އިސް އޮފިޝަލު މައްޗަށް ވަނީ ލާއިންސާނީ އަމަލުތަކުގެ ތުހުމަތު ކޮށްފައި
ހަައްޔަރު ކުރުމަށް ނެރުނު އަމުރަށް ބައިނަލް އަގްވާމީ ދުނިޔެ އިން ތަބާވާން ޖެހޭ
މިއީ 2011 ވަނަ އަހަރު ފަހުން ސީރިއާގެ އިސް އޮފިޝަލެއް ހައްޔަރު ކުރުމަށް ނެރުނު ފުރަތަމަ އަމުރު

ސީރިއާގެ ވައިގެ އިދާރާގެ އިސް އޮފިޝަލެއް ހައްޔަރު ކުރުމަށް ޖަރުމަނުން އަމުރު ނެރެފިއެވެ.

ޖަރުމަނުން ވަނީ އޭނާ ހައްޔަރު ކުރުމަށް ބައިނަލް އަގްވާމީ ދުނިޔެ އެއަށް ތަބާވާން ޖެހޭ ފަދަ އަމުރެއް ނެރެފައެވެ. ޖަރުމަނުގެ ސެކިއުރިޓީ އޮފިޝަލުންނާއި ހަވާލާދީ އެ ގައުމުގެ "ޑާ ސްޕީގަލް" ނޫހުން ވަނީ އެ މީހާއާ ބެހޭ ގޮތުން މައުލޫމާތު އާންމުންނާއި ހިއްސާ ކޮށްފައެވެ. އެ ނޫހުން ބުނި ގޮތުގައި ސީރިއާގެ އިސް އޮފިޝަލު މައްޗަށް ވަނީ ލާއިންސާނީ އަމަލުތައް ހަނގުރާމަތެރޭގައި ހިންގުމާއި އިންސާނީ ހައްގުތަކަށް އަރައި ގަތުމުގެ ތުހުމަތު ކޮށްފައެވެ.  

ޖާމިލް ހަސަން އަކީ ސީރިއާގެ ރައީސް ބައްޝާރު އަލް އަސަދުގެ ސަރުކާރުގައި އިސް ދައުރެއް އަދާ ކުރަމުންދާ ލެފްޓިނެންޓެކެވެ. ޑާ ސްޕީގަލް ބުނި ގޮތުގައި ހަސަން ވަނީ ސީރިއާގައި 2011 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހާރާ ދޭތެރޭ އެތައް ސަތޭކަ މީހުން މަރާފައެވެ. އެ އާއެކު ސީރިއާގެ އިންޓަލެޖިންސް އިދާރާއިން ހިންގި އެންމެ ލާއިންސާނީ އަމަލުތަކުގެ އިސް ވެރިއަކަށް ހުރުމާއި އިންސާނުންގެ ޖިސްމަށާއި ނަފްސަށް އަނިޔާ ކުރުމުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވާ ކަމަށެވެ.

ޖަރުމަނުގެ ޕްރޮސެކިއުޓަރ އޮފީހުން މިކަމަށް ބަހެއް ބުނުމަށް ވަނީ އިންކާރުކޮށްފައެވެ. ނަމަވެސް އެގައުމުގެ "ޔޫރަޕިއަން ސެންޓަރ ފޯ ކޮންސްޓިޓުއޭޝަނަލް އެންޑް ހިއުމަން ރައިޓްސް" (އީސީސީއެޗްއާރ) ގައި މަސައްކަތް ކުރަމުންދާ ސީރިއާގެ ލޯޔަރެއް ބުނީ އީސީސީއެޗްއާރަށް ސީރިއާގެ އިސް އޮފިޝަލް، ހަސަން ހައްޔަރު ކުރުމުގެ އަމުނެރެފައިވާ ކަން އަންގާފައި ކަމަށެވެ.

ސީރިއާގެ ލޯޔަރު، އަންވަރް އަލް ބުންނި ބުނީ މިއީ ސީރިއާގައި އިންސާފަށް ލޯބިކުރާ ހުރިހާ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

މި އަމުރަކީ 2011ވަނަ އަހަރު ސީރިއާގެ ސަރުކާރާ ދެކޮޅަށް "އިދިކޮޅު" ފަރާތްތަކުން ތެދުވި ފަހުން އަސަދްގެ ސަރުކާރުގެ އިސް އޮފިޝަލެއް ހައްޔަރު ކުރަން ނެރުނު ފުރަތަމަ އަމުރެވެ. ޑާ ސްޕީގަލް ނޫހުން ބުނީ ހަސަނަށް ކުރާ އިތުރު ދައުވާތަކުގައި ސިޔާސީ ކުށްވެރިން ގަތުލް ކުރުން ހިމެނޭ ކަމަށެވެ.

ޖަރުމަނަކީ ގައުމުން ބޭރުގައި ހިގާ ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތް ތަކާއި ދެކޮޅަށް ދައުވާ އުފުލުމުގެ ބާރު ލިބިފައިވާ ގައުމެކެވެ. މި ބާރު ޔޫރަޕުން ލިބިފައިވަނީ ހަމަ އެކަނި އެންމެ ތިން ގައުމަށެވެ. އެއީ ޖަރުމަނުގެ އިތުރުން ނޯވޭ އާއި ސްވިޑެންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް