ކ. މާލެ
|
8 ޖޫން 2018 | ހުކުރު 23:40
ދިރި އޮއްވާ ވަޅުލި ކުއްޖާ
ދިރި އޮއްވާ ވަޅުލި ކުއްޖާ
އޭއެފްޕީ/ގެޓީ
ދިރިއޮއްވާ ވަޅުލުން
ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
ކުއްޖާގެ މަންމަގެ އުމުރަކީ 15 އަހަރު

މަރުނުވަނީސް އާއިލާ އިން ވަޅުލި ތުއްތު ކުއްޖަކު 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފިއެވެ.

މި ހާދިސާ ހިނގީ ބްރެޒިލްގެ ޓައުނެއް ކަމަށްވާ ކަނަރާނާގައެވެ. ކުއްޖާ ބްރެޒިލް ފުލުހުން ނެގީ ޒިންގޫ ނޭޝަނަލް ޕާކުގެ ސަރަހައްދުގައި ވަޅުލާފައި އޮއްވައެވެ.

ކުއްޖާ ނެގި އިރު އެނގުނު ގޮތުގައި އެ ކުއްޖާ ވަޅުލާފައިވަނީ ވިހޭ ގޮތައް ފޫޅު ދަނޑިޔާވެސް އެކުގައެވެ.

ހާދިސާ އާ ގުޅިގެން ބްރެޒިލްގެ ފުލުހުން ކުއްޖާގެ މުނިމާމަ ހައްޔަރު ކޮށްފައިވާ ކަމަށް އޯ ގްލޯބޯ ނޫހުގައި ބުނެފައިވެއެވެ.

ބްރެޒިލްގެ އޮފިޝަލުން އޭއެފްޕީ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ފުލުހުން ތަހުގީގުގައި ބަލަމުން ދަނީ ގަސްތުގައި ކުއްޖާ މަރާލަން އުޅުނީތޯ ނޫނީ ކުއްޖާ މަރުވެފައި އޮތް ކަމަށް ބެލެވިގެން ކުއްޖާ ވަޅުލީތޯ ކަމުގައެވެ.

އާއިލާ އިން ފުލުހުންނަށް ކިޔައިދީފައިވާ ގޮތުގައި ހުސްވި ހަފްތާގެ އަންގާރަ ދުވަހު މި ކުއްޖާ އުފަންވި ވަގުތު ބިންމައްޗަށް ވެއްޓި ތަޅުންގަނޑުގައި ކުއްޖާގެ ބޯ ޖެހުނެވެ.

ކުއްޖާގެ ބޯ ތަޅުންގަނޑުގައި ޖެހުމަށްފަހު ފުރާނަ ހުރި ކަމުގެ އެއްވެސް އިޝާރާތެއް ނުފެނުމުން އެމީހުންގެ ތެރޭގައި އޮންނަ އާދަކާދަތަކުގެ މަތިން ކުއްޖާ ވަޅުލީ ކަމަށްވެސް ފުލުހުންނަށް މައުލޫމާތު ދީފައި ވެއެވެ.

އާއިލާ އިން މިހެން ބުނި ނަމަވެސް ފުލުހުންނަށް ޝައްކުތައް އުފެދުނީ ކުއްޖާގެ މަންމަގެ އުމުރު ހަގުވުމާއި ކުއްޖާގެ ބައްޕަ ކަމަށް އާއިލާ އިން ބުނާ މީހާ އެ ކުއްޖާއަކީ އޭނާގެ ދަރިއެއް ކަމަށް އެއްބަސް ނުވާތީ ކަމަށް ވެއެވެ.

ކުއްޖާގެ މަންމަގެ އުމުރަކީ 15 އަހަރެވެ.

ކުއްޖާ މިހާރު ވަނީ ބޯ އަގުއާ ހޮސްޕިޓަލްގެ ނިއޯނޭޓަލް އިންޓެސިވް ކެއަރ ގައެވެ. އަދި ކުއްޖާ ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މައްސަލައިގައި ކުއްޖާގެ މަންމަ އާއި މާމަ ވެސް ހައްޔަރު ކުރިއެވެ. ނަމަވެސް އެ ދެމީހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް