ކ. މާލެ
|
8 ޖޫން 2018 | ހުކުރު 14:32
ސައުދީ އަރަބިއާގެ ކްރިމިނަލް ކޯޓު ކޮމްޕްލެކްސް
ސައުދީ އަރަބިއާގެ ކްރިމިނަލް ކޯޓު ކޮމްޕްލެކްސް
އަލްއަރަބިއްޔާ
ސައުދީ އަރަބިއާ
އީރާނާ ގުޅުން އޮތް ކަމަށް ބުނެ ސައުދީގައި ހަތަރު މީހަކު މަރަން ޙުކުމްކޮށްފި
ހަތަރު މީހުން ތަމްރީނުކުރީ އީރާނުގައި ކަމަށް ތުޙުމަތުކުރޭ

ސައުދީ އަރަބީއާގެ އެންމެ ބޮޑު ހަތުރު ކަމަށްވާ އީރާނާ ގުޅުން އޮންނަ ކަމަށް ބުނެ، ސައުދީގެ ހަތަރު މީހަކު މެރުމަށް ސައުދީގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

ސައުދީ ސަރުކާރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބުރާސްފަތި ދުވަހު މި ހަތަރު މީހުންގެ މައްޗަށް މަރުގެ ޙުކުމް ކޮށްފައި ވަނީ ސައުދީގައި ޓެރަރިސްޓް 'ސްލީޕަރ ސެލް' އެއް ޤާއިމުކޮށް، ސައުދީގެ އިސް ބައެއް ފަރާތްތަކަށް ހަމާލާދީ އެމީހުން މެރުމަށް މި ހަތަރު މީހުން ރާވަމުންދާ ކަމަށް ކޯޓަށް ސާބިތުވުމުންނެވެ.

ސައުދީ އަރަބިއާ އިން ތުހުމަތުކޮށްފައިވާ ގޮތުގައި މި ހަތަރު މީހުން ތަމްރީނުކޮށްފައި ވަނީ އީރާނުގެ އަސްކަރީ ކޭމްޕެއްގައި، އެ ޤައުމުގެ ރިވޮލޫޝަނަރީ ގާޑުގެ ސިފައިންނެވެ. މި މީހުން އީރާނަށް ދަތުރުކޮށްފައި ވަނީ ފަތުރުވެރިންގެ ގޮތުގައި، ޓްރެވަލް އޭޖެންޓެއް މެދުވެރިކޮށް ކަމަށް ވެސް ސައުދީން ވަނީ ތުހުމަތުކޮށްފައެވެ.

ސައުދީ އަރަބިއާއަކީ އެކި ކުށްތަކާ ގުޅިގެން އެންމެ ގިނައިން މަރުގެ ޙުކުމް ތަންފީޒުކުރާ އެއް ޤައުމެވެ. އެގޮތުން 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ޤައުމުގައި 600 އަށްވުރެ ގިނަ މީހުންގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒުކޮށްފައި ވެއެވެ.

އީރާނާ ގުޅުން އޮތް ކަމަށް ސައުދީން ތުޙުމަތުކުރާ ހަތަރު މީހަކު މަރަން ޙުކުމް ކޮށްފައިވާއިރު، ފަހުގެ ތާރީޚުގައި ސައުދީ އާއި އީރާނުގެ ގުޅުން ހީނަރުވެ ދެ ޤައުމުގެ ދެމެދުގައި ބޮޑެތި މައްސަލަތަކެއް ޖެހެން ދިމާވީ ސައުދީ އިން ޓެރަރިޒަމްގެ ތުޙުމަތުކޮށް، ޝީޢީ ލީޑަރެއް ކަމަށްވާ ނިމްރް އަލް ނިމްރްގެ މައްޗަށް މަރުގެ ޙުކުމް ތަންފީޒު ކުރުމާ ގުޅިގެންނެވެ. ނިމްރް އަލް ނިމްރާ އެކު ސައުދީން 2016 ވަނަ އަހަރު ވަނީ އިތުރު 46 މީހެއްގެ މައްޗަށް ވެސް މަރުގެ ޙުކުމް ތަންފީޒުކޮށްފައެވެ.

ސައުދީ އިން ނިމްރް އަލް ނިމްރް މަރާލުމާ ގުޅިގެން ޝީޢީން ދިރިއުޅޭ އެކި ޤައުމުތަކުގައި ސައުދީއާ ދެކޮޅަށް މުޒާހަރާކޮށްފައިވާއިރު، އީރާނުގައި ކުރި މުޒާހަރާތަކުގެ ބައިވެރިން ވަނީ ތެހެރާނުގައި އޭރު ހުރި ސައުދީގެ އެމްބަސީއަށް ވަދެ އެތަނުގައި އަލިފާން ރޯކޮށްފައެވެ. އަދި އޭގެ ފަހުން ސައުދީން ވަނީ އީރާނާއި ގުޅުން ކަނޑާލައި، ސައުދީގެ ނުފޫޒު ހިނގާ ޤައުމުތައް ލައްވައި އީރާނާއި ގުޅުން ކަނޑުވައި، އީރާނަށް އެކި ކަހަލަ ފިއްތުންތައް ކުރިމަތިކުރަން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް